ސްރީލަންކާގެ ކުރީގެ ޑިފެންސް ސެކްރެޓަރީއާއި ފުލުހުންގެ ކުރީގެ ވެރިޔާ އަލުން ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

ސްރީލަންކާގެ ކުރީގެ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ޕުޖިތު ޖަޔަސުންދަރާ (ކ) އަދި ކުރީގެ ޑިފެންސް ސެކްރެޓަރީ ހެމަސިރީ ފެނާންޑޯ (ވ)

އީސްޓާ އާދީއްތަ ދުވަހު (ފާއިތުވި އެޕްރީލް މަހު 21 ވަނަ ދުވަހު) ސްރީލަންކާގެ ފައްޅިތަކަކާއި، ލަގްޒަރީ ހޮޓެލްތަކެއްގައި ބޮން ގޮއްވި ހާދިސާއާ ގުޅިގެން ޖުލައި މަހުގެ 2 ވަނަ ދުވަހު ހައްޔަރުކުރުމަށް ފަހު އެއް ހަފުތާ ފަހުން ދޫކޮށްލި ކުރީގެ ޑިފެންސް ސެކްރެޓަރީއާއި ފުލުހުންގެ ކުރީގެ ވެރިޔާ އަލުން ހައްޔުރުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ބޮން ގޮއްވި އިރު މަގާމުގައި ތިއްބެވި ޑިފެންސް ސެކްރެޓަރީ ހެމަސިރީ ފެނާންޑޯއާއި، އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ޕުޖިތު ޖަޔަސުންދަރާ ހައްޔަރުކުރަން އެޓާނީ ޖެނެރަލް ޑައްޕުލާ ޑިލިވޭރާ އަމުރުކުރެއްވީ ބޮންގޮއްވާލުމަށް ފުރުސަތު ލިބުނީ އެ ދެ ބޭފުޅުންގެ އިހުމާލުގެ ސަބަބުންކަމަށް ވާތީ 'އިންސާނިއްޔަތާއި ޚިލާފު ޖަރީމާ' ގެ ކުށުގައެވެ. އެހެނަމަވެސް އެ ދެބޭފުޅުން ކަފާލާތުގެ ދަށުން ދޫކޮށްލަން ޖުލައި މަހުގެ 9 ދުވަހު ކޮލޮމްބޯ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރީއެވެ. ކޯޓުން އެދުވަހު ބުނީ ފުލުހުން ނުވަތަ ވަކި ބައެއްގެ ހިތްހަމަޖެއްސުމަށް ޓަކައި ވަކި މީހަކު ބަންދުކޮށްފައި ބަހައްޓަން ކޯޓުތަކަށް ނެޖެހޭނެ ކަމަށެވެ.

ދެ ބޭފުޅުން ހައްޔަރުކުރަން ކޮލޮމްބޯ ހައިކޯޓުން މިއަދު އަމުރުކުރީ، ދެ ބޭފުޅުން ދޫކޮށްލި މައްސަލަ މުރާޖައާކުރަން އެޓާރީ ޖެނެރަލް ހުށަހެޅުއްވުމުނެވެ. ހައިކޯޓުން ވަނީ މި އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހާ ހަމައަށް ދެ ބޭފުޅުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ.

ޑިފެންސް ސެކްރެޓަރީއާއި، ފުލުހުންގެ ވެރިޔާ މަގާމުގެ ޒިންމާ އަދާކުރެއްވުމުގައި އިހްމާލުވެވަޑައިގަންނަވާފައިވާ ކަމަށް ތުހުމަތުކުރައްވައި ރައީސު ސިރިސޭނާ އެ ދެ ބޭފުޅުންނަށް އިސްތިއުފާ ދެއްވަން އެންގެވުމުން ޑިފެންސް ސެކްރެޓަރީ ހެމަސިރީ ފެނާންޑޯ އިސްތިއުފާ ދެއްވިނަމަވެސް، އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ޕުޖިތު ޖަޔަސުންދަރާ މަގާމުން އިސްތިއުފާދެއްވަން ދެކޮޅުހެއްދެވިއެވެ. އެހެންކަމުން، އޭނާ މަގާމުން ދުރުކުރައްވައި އެ މަގާމަށް އެހެން ބޭފުޅަކު އައްޔަންކުރެއްވީއެވެ.

ސްރީލަންކާގެ ހަރުކަށި ޖަމާއަތެއް ކަމުގައިވާ ނޭޝަނަލް ތައުހީދު ޖަމާއަތު (އެންޓީޖޭ) އިން 21 އެޕްރީލްގައި ހިންގި ބޮމުގެ ހަމަލާއަކީ ތަމަޅަ ޓައިގަރުންނާ ކުރި ހަނގުރާމަ 2009 ވަނަ އަހަރު ހުއްޓުނު ފަހުން އެގައުމުގައި ދެވުނު އެންމެ ވަރުގަދަ ހަމަލާއެވެ. އެ ހަމަލާގައި 259 މީހުން މަރުވެ 500 އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.