
ޑައިވްކުރަން އުޅުމުގެ ތެރޭގައި، ޑިކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ދިމާވެ، ހާލުދެރަވި ފަތުރުވެރިއަކު ކުރަމަތި އައިލެންޑް ރިސޯޓަށް ގެންގޮސްދީފި ކަމަށް އެމްއެންޑީއެފން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އޭނާ އެރިސޯޓަށް ގެންގޮސްދީފައިވަނީ ސީއެމްބިޔުލާންސްގައި ކަމަށެވެ. އެރިސޯޓަށް އެނާ ގެންދިޔައީ އަވަސް ފަރުވާ ދިނުމަށްޓަކައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެ ފަތުރުވެރިއަކީ ޢުމުރުން 58 އަހަރުގެ އަންހެނެކެވެ. އޭނާގެ ޙާލު ދެރަވީ އއ.ރަސްދޫ ކައިރީ އޮތް "ބުލޫ ޝާކް" ނަމަކަށް ކިޔާ ސަފާރީއެއްގައި ޑައިވްކުރަން އުޅެނިކޮށެވެ.
މިޙާދިސާގައި އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދިފައިވަނީ މިއަދު ހެނދުނު 6:30 އެހައިކަންހާއިރު ކަމަށް ޢާޒިމް ވިދާޅުވިއެވެ. އަވަސް ފަރުވާ ދިނުމަށް ކުރަމަތި އައިލެންޑް ރިސޯޓަށް އެމީހާ ގެންގޮސްދެވިފައިވަނީ ހެނދުނު 9:38 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.