
ލ. ފޮނަދޫން ފުރައިގެން މާމެންދުއަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ޑިންގީން ގެއްލުނު 19 އަހަރުގެ އަންހެންކުއްޖާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށާއި އެހެންނަމަވެސް އޭނާގެ ހިލަމެއް އަދި ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ އޭނާ ހޯދުމުގެ މަސައްކަތް ވައިގެ މަގުންނާއި އަޑިން ވެސް ކުރަމުން ގެންދާ ކަމަށެވެ. އޭގެ އިތުރަށް ކަނޑުގެ ލޮނުގަނޑު މަތިން ފެނޭތޯ ވެސް ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.
ގެއްލިގެން ހޯދަމުން ދަނީ ގދ. ފިޔޯރީ ޝިމާ ނާފިޒެވެ. އޭނާގެ މަންމައަކީ މާމެންދޫ މީހެކެވެ. ބައްޕައަކީ ފިޔޯރީ މީހެކެވެ. އޭނާގެ ބައްޕަ މިހާރު ހުރީ ޖަލު ބަންދެއްގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިޙާދިސާ ހިނގުމުން ފިޔޯރީގައިތިބި އަންހެންކުއްޖާގެ ޢާއިލާ މީހުންގެ ތެރެއިން ބައެއް މީހުން މިހާރުވަނީ މާމެންދުއަށް ގޮސްފައެވެ.
ޑިންގީ ބަންޑުންޖަހައިލީ ފޮނަދޫގައި އިނދެފައި އެ އަންހެން ކުއްޖާގެ މަންމަގެ ރަށްކަމަށްވާ މާމެންދުއަށް ކުރިދަތުރުގައެވެ. އޭނާ ފޮނަދުއަށް ދިޔައީ ކީއްކުރަން ކަމެއް ނޭނގެއެވެ.
"އެ ޑިންގީއަކީ މަދުން ޕެޓްރޯލް އެޅޭ ކުޑަ ޓޭންކެއް ހުންނަ ޑިންގީއެއް. އެހެން ކަމުން އެމީހުން ދިޔައީ ވިހި ލިޓަރުގެ ޕެޓްރޯލް ހަމެއް ވެސް ހިފައިގެން،" ފުލުހުން ވިދާޅުވިއެވެ.
ބަންޑުނަ ޖަހައިލީ ޕެޓްރޯލް ހުސްވެގެން އަލުން ޕެޓްރޯލް އެޅުމުގެ މަސައްކަތުގައި ތިއްބައި ނެގިރޭ ޅެއްގެ ސަބަބުންނެވެ. "ޕެޓްރޯލް އަޅަނިކޮށް ޖެހި ރާޅަކާއެކީ ޑިންގީ ބަންޑުންޖެހީ. އަންހެން ކުއްޖާއަށް ފަތަން ނޭނގޭ. ފިރިހެން މީހާ އެ އަންހެން ކުއްޖާ ފުލޯޓު ކުރާނެ ހަމަކާއި އަދި ފޯނެއް ދީފައި އޭހީ ހޯދަން ކައިރީގައި އޮތް ސިކްސް ސެންސަސް ރިސޯޓަށް ފަތާފައި ގޮސް ވަނީ އަރާފައި،" ފުލުހުން ވިދާޅުވިއެވެ.
މާމެންދުއަށް ދާން އެމީހުން ފުރއިއްޔެ ހަވީރު 6:00 އެހައިކަންހާއިރުއެވެ.