ފިރިމީހާގެ އިސްކޮޅުގައި 2 ފޫޓު އަނބިމީހާގެ އިސްކޮޅުގައި 6 ފޫޓު

ބުރުހާނާއި ފައުޒިއްޔާ ކައިވެނީގެ ރަސްމިއްޔާތުގައި

އިސްކޮޅުގައި އެންމެ ދެ ފޫޓު ހުރި ބޯބޯ، އިސްކޮޅުގައި ހަ ފޫޓު ހުރި އަންހެނަކާ ކައިވެނި ކުރި ވާހަކަ އިވުމުން، މިލިއަނަކަށްވުރެ ގިނަ މީހުންގެ ޝައުޤުވެރިކަން އެ ވާހަކައަށް ހުއްޓުނެވެ.

ޕާކިސްތާނަށް އުފަން ބޯބޯ އާއި ފައުޒިއްޔާގެ ކައިވެނި ކުރެވުނީ ދާދިފަހުން ނޯވޭގެ ވެރިރަށް އޯސްލޯގައެވެ. އެ ކައިވެނީގައި ތަފާތު 13 ގައުމެއްގެ މީހުން ބައިވެރިވިއެވެ.

ފިރިމީހާ ބޯބޯގެ އިސްކޮޅުގައި ހުންނަނީ އެންމެ ދެ ފޫޓެވެ. އޭނާ ކައިވެނި ކުރި އަންހެންމީހާގެ އިސްކޮޅުގައި ހަ ފޫޓު ހުރެއެވެ. ބައެއް ފަހަރަށް އުމުރުގެ ތަފާތެވެ. މިފަހަރު ފެނިގެންދިޔައީ އިސްކޮޅުގެ ތަފާތެވެ.

ބޯބޯގެ އަސްލު ނަމަކީ ބުރުހާން ޗަޝްތީއެވެ. އޭނާގެ އަނބިމީހާގެ ނަމަކީ ފައުޒިއްޔާއެވެ. އެދެމީހުންގެ ކައިވެނީގެ ރަސްމިއްޔާތުގެ ފޮޓޯތަކާއި ވީޑިއޯ އެތައް މިލިއަންބަޔަކު ވަނީ ބަލާފައެވެ. އެތައްހާސް ފަހަރަކު ވަނީ ޝެއަރކޮށްފައެވެ.

ފައުޒިއްޔާއަކީ ޕާކިސްތާނުގެ ޕަންޖާބުގެ އަވަށެއްކަމުގައިވާ ޕާކްޕަންގެ މީހެކެވެ.

ފައުޒިއްޔާ ބުނިގޮތުގައި އޭނާ ބުރުހާނު ދެކެ އިންތިހާއަށް ލޯބިވެއެވެ. ބުރުހާނަށް އޭނާ ލޯބިން ގޮވަނީ ބޯބޯގެ ނަމުންނެވެ. ބުރުހާންދެކެ އޭނާ ވާ ލޯބި ފާޅުކުރުމުގެ ގޮތުން "ބޯބޯ"ގެ ނަން ފައުޒިއްޔާ ވަނީ އޭނާގެ އަތުގައި ފަސޭހައިން ނުފިލާފަދަ ގޮތަކަށް ލިޔެފައެވެ.

ބޯބޯގެ ހަޔާތުގައި ކުރިމަތިވި އެންމެ އުފާވެރިވަގުތު، ކައިވެނީގެ ރަސްމިއްޔާތުގައި އެކުވެރިންނާއި ގާތް ތިމާގެ މީހުން ވަނީ އޭނާއަށް ހެއުއެދުމާއި ތަހުނިޔާ އާއި މަރުހަބާ ކިޔާފައެވެ. އެކި ގައުމުތަކުގައި އުޅެމުންދާ ބޯބޯގެ ރައްޓެހިން ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވެ އުފާ ލިބިގަތުމަށް ދިގުދަތުރެއް ކުރިއެވެ.

ބޯބޯގެ އިސްކޮޅުން ކުރު މީހަކަށްވީ އޭނާއަށް ޕޯލިއޯ ޖެހުމުގެ ސަބަބުންނެވެ. ނުކުޅެދޭ މީހެއްގެ ދިރިއުޅުން އޭނާ އުޅެމުން ދިޔަޔަސް އޭނާ އަކީ މީސްމީޑިއާގައި ވަރަށް ހަރަކާތްތެރި މީހެކެވެ. ވަރަށް ގިނަ ބައެއްގެ ލޯބި ލިބިފައިވާ މީހެކެވެ. އޭނާގެ ޓްއިޓަރ އެކައުންޓު ފުރާލާފައިވަނީ ދުނިޔޭގެ މަޝްހޫރު ޝަޚްޞިއްޔަތުންނާއެކު ނަގާފައިވާ ފޮޓޯތަކުންނެވެ.

ކައިވެނީގެ ރަސްމިއްޔާތުގައި ބޯބޯ ވަނީ އޭނާގެ ރައްޓެހީންގެ އަތްދަނޑިމަތީގައި ޕަންޖާބީ ލަވަޔަށް ނަށައި ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.