ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ނަފްރަތު ކުރުމަކީ ޝަރުޢީ އަދި ޤާނޫނީ ޙައްޤެއް

ﷲ ސުބްޙަނަހޫ ވަތަޢާލާ ދުނިޔެއަށް ފޮނުއްވި އެންމެ މަތިވެރި ޝަޚުޞިއްޔަތަކީ، އެންމެ މާތް އިންސާނަކީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ކަމާމެދަކު ބުއްދި ހުރި އެއްވެސް އިންސާނަކު ދެބަހެއް ނުވާނެއެވެ. މިއީ މުސްލިމުންނެކޭ އެއްފަދައިން ނަޞާރާއިން ވެސް ޤަބޫލުކުރާ ހަގީގަތެކެވެ. މިހެން މި ދެންނެވީ ދުނިޔޭގައި އުޅުއްވި މަޝްހޫރު، ނުފޫޒު ގަދަ އެތައް ޝަކުޞިއްޔަތުތަކެއްގެ ޙަޔާތްޕުޅު ދިރާސާކުރުމަށް ފަހު، މައިކަލް އެޗް ހާރޓް (1978) ލިޔުއްވައިފައިވާ "ދި ހަންޑްރެޑް: އަ ރޭންކިންގ އޮފް ދަ މޯސްޓް އިންފްލޫއެންޝަލް ޕާރސަންސް އިން ހިސްޓްރީ" މި ފޮތުގައި އެންމެ ފުރިހަމަ އެންމެ ކާމިޔާބު ޝަޚުޞިއްޔަތަކަށް މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމް ކަޑައެޅުއްވުމަށް ފަހު، އޭނާ އެ ގޮތަށް ނިންމި ނިންމުން ދިފާޢުކުރައްވަން ލިޔުއްވައިފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށެވެ. އޭނާގެ ނިންމުން ދިފާޢުކުރައްވަން އިތުރަށް އޭނާ ވާހަކަދެއްކީ އޭނާއަކީ ނަޞާރާއަކަށް ވެފައި ނަޞާރާއިންގެ ނުރުހުންތަކުން ސަލާމަތްވުމަށްޓަކައި ކަމަށް ބެލެވެއެވެ.

އަޅުގަނޑުމެން މުސްލިމުންގެ ނަޒަރުގައި މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމް އެއީ އެންމެ ފުރިހަމަ އިންސާނާއެވެ. އަޅުގަނޑުމެން އަމިއްލަ ނަފްސަށްވުރެ ވެސް ބޮޑަށް ލޯބިވާ ކައު ސާހިބާއެވެ. މި މާތް ނަބިއްޔާއަކީ އަޅުގަނޑުމެންނަށް އިސްލާމް ދީން ބާވައިލެއްވުމުގައި ﷲ މެދުވެރިކުރެއްވި ރަސޫލާއެވެ. އިސްލާމް ދީނުގެ މައިގަނޑު މަޞްދަރުކަމުގައިވާ ކީރިތި ޤުރުއާން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވީ ކައު ސާހިބާއެވެ. ޤުރުއާނާއި ކައު ސާހިބާގެ ޙަދީޘްފުޅުތަކަކީ އިސްލާމް ދީނުގެ މައިގަނޑު އަޞްލެވެ.

އަޅުގަނޑުމެން ރުޅިއަންނަން ޖެހެނީ ﷲ އާއި ރަސޫލާއަށްޓަކައެވެ. އިސްލާމް ދީނަށްޓަކައެވެ. އިސްލާމް ދީނާއި މާތް ﷲ އާއި ކައު އިތުރު ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ)އަށް ބަދުބަސް ބުނެ ހަޖޫޖެހުމަކީ މުސްލިމުންނަށް ތަޙައްމަލު ކުރެވޭނެ ކަމެއް ނޫނެވެ. އެހެންވީމާ އިސްލާމް ދީނާއި ކައު ރަސޫލާއަށް މަލާމަތްކޮށް ހަޖޫޖަހައިފި ކޮންމެ މީހަކަށް ނަފްރަތުކޮށް އެ ބަޔެއް ދެކެ ރުޅި އައުމަކީ މުސްލިމުންނަށް އިސްލާމް ދީނުން ލިބިދީފައި އޮންނަ ޙައްޤެކެވެ. އަދި އެއީ ޤާނޫނު އަސާސީއިން ވެސް ލިބިދޭ ޙައްޤެކެވެ. މީގެ އިތުރަށް ޝަރުޢީ ގޮތުންނާއި ޤާނޫނީ ގޮތުން ރައްޔިތުންގެ ކޮނޑުގައި އެޅިގައިވާ ޤާނޫނީ ވާޖިބެއް ވެސް މއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ 10 ވަނަ މާއްދާގެ (ހ) ގައިވަނީ "ދިވެހިދައުލަތުގެ ދީނަކީ އިސްލާމް ދީން" ކަމަށާއި "އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރު"ކަމުގައެވެ. އަދި އެ މާއްދާގެ (ށ) ގައި ވަނީ "ދިވެހިރާއްޖޭގައި އިސްލާމް ދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެ" ކަމަށެވެ.

ޤާނޫނު އަސާސީގެ ދެ ވަނަ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤެއް ނުވަތަ މިނިވަންކަމެއް މި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، އިސްލާމްދީނުގެ އަޞްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ހިފެހެއްޓުމަށް ޤާނޫނު އަސާސީ ހުރަސް ނާޅާކަމަށް ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ. އެހެންވީމާ ރައްޔިތުންގެ އަސާސީ ޙައްޤުތައް ވެސް އިސްލާމް ދީނުގެ ޙިމާޔަތުގައި ހިފެހެއްޓޭނެކަން މި މާއްދާއިން ވަރަށް ސާފުކޮށް އެނގެއެވެ. އަދި އިސްލާމްދީނުގެ ޙިމާޔަތަށް ޤާނޫނުއަސާސީ އިސްކަންދޭ މިންވަރު ވަރަށް ރަނގަޅަށް މި މާއްދާއިން ހާމަވެއެވެ.

އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތާއި ޚިޔާލުތައް ދުލާއި ޤަލަމުން އަދި މި ނޫން ވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވަނީ "އިސްލާމް ދީނުގެ އަޞްލުތަކާ ޚިލާފު ނުވާ ގޮތެއްގެ މަތީން" ކަމަށް ހަމަ އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން އިސްލާމް ދީން ޙިމާޔަތްކުރުމުގެ ޙަރަކާތްތަކަށް ނުވަތަ އިސްލާމިކް މިނިސްޓްރީއަށް އަދި އިސްލާމް ދީނަށް ބަދުބަސްބުނެ ޤައުމުގައި ފިތުނަ އުފެދޭ ގޮތަށް ދައްކާ ވާހަކަތައް އެއީ އެ ވާހަކަދެއްކި މީހެއްގެ ޚިޔާލުކަމަށް ވިދާޅުވެ ދައުލަތުގެ އިދާރާއަކުން ބަސްބުނުމަކީ ލަދުވެތި ކަމެކެވެ. އެއީ ޤާނޫނީ އެއްވެސް ބުރަދަނެއް ހުރި ކަމެއް ވެސް ނޫނެވެ. ޤާނޫނީ ގޮތަކީ އިސްލާމް ދީނާ ދެކޮޅު ޙަރަކާތްތައް ހުއްޓުވުމެވެ. މިއީ ޤާނޫނުތަކުން ވެސް ސަރުކާރަށް ލާޒިމުކުރާ ކަމެކެވެ.

ޤާނޫނުއަސާސީއާ އެއް ގޮތަށް ޢަމަލުކުރުމާއި ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ މައްޗަށް ވާޖިބުވެގެންވާ ކަމެއްކަމަށް ޤާނޫނު އަސާސީގެ 18 ވަނަ މާއްދާ ގައި ޞަރީޙަ ޢީބާރާތުން ބަޔާންކޮށްފައިވެއެވެ. "ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ އަމަންއަމާންކަމާއި ޞުލްޙަ މަޞްލަޙަތު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންކަމެއް ކަމަށް ވާތީ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔާތްކުރުމަކީ ދިވެހި ސަރުކާރާއި ރައްޔިތުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް"ކަން  ޤާނޫނު ނަންބަރު: 94/6 (ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު)ގެ ފުރަތަމަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެހެންވީމާ ދީނާ ޚިލާފަށް ފާޅުކުރާ ޚިޔާލުތަކާއި ވާހަކަތައް އެއީ އޭނާއަށް ފެންނަ ޚިޔާލޭ ބުނެ ފުލުހުންނަށް ބޯދަމައިގަނެވޭކަށް ނޯންނާނެއެވެ. އެހެނީ ފުލުހުންނަކީ ޤާނޫނު ތަންފީޒުކުރުމަށްޓަކައި އޮންނަ އެއް ބާރެވެ. އަދި ދީނާ ޚިލާފު މި ފަދަ އަޑުތައް ރާއްޖޭގައި ގަދަވެފައި ވާއިރު، އެކަން އިހުމާލުކޮށްލައްވައި، ހަނު ހުންނެވުމަކީ ދައުލަތުގެ އެންމެ އިސްވެރިޔާއަށް ވެސް ޤާނޫނީ އިމުގެ ތެރެއިން ކުރެއްވޭނެ ކަމެއް ނޫނެވެ. އަދި  އިސްލާމްދީނުގެ އަޞްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރުމަކީ ސަރުކާރެކޭ އެއް ފަދައިން ރައްޔިތުންގެ މައްޗަށް ވެސް ޤާނޫނު ލާޒިމުކުރާ ކަމެކެވެ. ވީމާ، ދީނާ ޚިލާފު ޙަރަކާތްތަކާ ދެކޮޅަށް ބަސްބުނެ، އެފަދަ ޙަރަކާތްތައް ހުއްޓުވަން މަސައްކަތްކުރާ މީހުން އެކުރަނީ ކުށެއް ކަމަށް ހީވާފަދަ ގޮތަކަށް ދައުލަތުގެ މުއައްސަސާއަކުން ޢަމަލުކުރުމަކީ ވެސް ޤާނޫނީ މަސައްކަތެއް ނޫނެވެ. ދީން ޙިމާޔަތްކުރުމަށްޓަކައި ބަސްބުނެ ޢަމަލުކުރުމަކީ ރައްޔިތުންނަށް އޮންނަ ހަމަ އެކަނި ޙައްޤަކީއެއް ނޫނެވެ. އެއީ ރައްޔިތުންގެ މައްޗަށް އޮތް ޤާނޫނީ ވާޖިބެއް ވެސްމެއެވެ.

މުންކަރާތްތައް ނަހީކުރުމަށްޓަކައި، އިސްލާމް ދީނާ ޚިލާފު ޙަރަކާތްތައް ހިންގާ ޖަމްޢިއްޔާތައް އުވައިލުމަކީ ދީން ޙިމާޔަތްކުރުމަށްޓަކައި، ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި، ސަރުކާރުން ކުރާންޖެހޭނެއެވެ. ޤާނޫނުއަސާސީއާއި ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއި ޖަމްޢިއްޔާތަކާ ބެހޭ ޤާނޫނާއި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން މިކަން ކުރެވޭނެއެވެ. ކުރަންވެސް ވާނެއެވެ. މިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ހޯމްއެފެއަރޒާއި ފުލުހުންނާއި ޔޫތު މިނިސްޓްރީގެ މުހިއްމު ދައުރެއް ވެސް އެބަ އޮތެވެ.

އިސްލާމީ ދައުލަތެއްގެ އެންމެ މުހިއްމު ޒިންމާއަކީ އިސްލާމް ދީން ޙިމާޔަތްކުރުމެވެ. ތައުޙީދުގެ އަޑު އުފުއްލުމެވެ. މިކަން ނުކުރެވޭނަމަ، ވެރިކަމެއްގެ ބޭނުމެއް ނެތެވެ. ޖާހިލިއްޔަ ޒަމާނުގައި ޖާހިލުން އުޅުނު ގޮތަށް އެމީހަކު އުޅޭނެ ގޮތަކަށް އުޅެންވީއެވެ. ބާރުގަދަ މީހާގެ ދަށުގައި ވެގެން ނިކަމެތީންނަށް މިނިވަންކަމެއް ނެތިއެވެ. ނަމަވެސް އިސްލާމްދީން އައީ އިންސާނުންނަށް މިނިވަންކަން ގެނެސްދޭށެވެ. ތަހުޛީބު، ރީތި، އަމާން ދިރިއުޅުމަކަށްފަހު ފަލާހާއެކު އަންނަން އޮތް އުޚުރަވީ ޙަޔާތަށް ދަތުރުކުރަންވީ ހެޔޮ ގޮތް މީސްތަކުންނަށް ކިޔައިދޭށެވެ.

ހެޔޮކަމުގެ މަގަށް ގޮވައި، އަދި ހެޔޮކަންތަކަށް އަމުރުކޮށް، އަދި ނުބައިކަންތައް ނަހީކުރުމަކީ މުއުމިނުންނަށް މާތް ﷲ އަމުރުކުރައްވައިފައިވާ ކަމެކެވެ. އަދި އެފަދަ މީހުންނަށް ކާމިޔާބާއި ފަލާޙުލިބޭނޭ ކަމަށް ވެސް މާތް ﷲ އަންގަވައިފައިވެއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. "وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَأُوْلَـئِكَ هُمُ الْمُفْلِحُونَ" ("ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمرކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.") (سورة آل عمران:104)

މި އާޔަތުން ވަރަށް ޞަރީހަކޮށް މި އަމުރުކުރައްވަނީ މުންކަރާތްތައް ހުއްޓުވާށެވެ. ﷲ ކަމަކަށް ޞަރީޙަކޮށް އަމުރުކުރައްވައިފައިވާނަމަ އެކަން ވާޖިބުވީއެވެ. ހަމައެކަނި ވެރީންނަކަށް ނޫނެވެ. ވެރީން ވެސް ހިމެނޭ ގޮތުން އެންމެހާ މުއުމިނުންގެ މައްޗަށެވެ. މި ކަމަކީ އެމީހެއްގެ ކުޅަދާނަކަން ހުރި މިންވަރަކުން ކޮންމެ މީހަކުވެސް ކުރަން ވާޖިބުކަމެކެވެ. ބާރު ހުރި ނަމަ އަތުންނެވެ. ނުވަތަ ދުލާއި ގަލަމުންނެވެ. ނުވަތަ ހިތުންނެވެ. (ހިތުން މަނާކުރުމަކީ އީމާންކަމުގެ އެންމެ ދަށް މިންވަރެވެ.) ދިންނަވާނޭ މީހުންނަކީ މިފަދަ މީހުން ކަމަށް ވެސް މިވަނީ އަންގަވައިފައެވެ. ވީމާ، މުންކަރާތްތަކަށް ގޮވައިލެވޭ އިރު ހެޔޮ ވިސްނޭ އެކަމުވެސް އެމީހެއްގެ މިންވަރުން އެކަން މަނާނުކޮށް ތިބޭނެތޯއެވެ؟

އިސްލާމީ އުއްމަތަކީ އެންމެ ހެޔޮ އުއްމަތެއްކަމުގައި މާތް ﷲ ލެއްވީ އެ މީހަކު ހިތަށް އެރިހާ ގޮތަކަށް އުޅޭކަށް ނޫނެވެ. ހެޔޮ ކަންކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރާތީއެވެ. މިކަން ނުކުރާނަމަ، މި އުއްމަތަކީ ހެޔޮ އުއްމަތެއް ކަމުގައެއް ނުވާނެއެވެ.  މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللّهِ" ("މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ أمّةކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް أمرކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّهއަށް إيمانވަމުއެވެ.") (سورة آل عمران:110)

އިސްލާމް ދީނުގައިވަނީ އެ ދީނުގެ އިންތައް (ހައްދުތައް) ވަރަށް ސާފުކޮށް ބަޔާންކޮށްދީފައެވެ. ވާޖިބު ކަންތަކާއި ޙަރާމްކަންތައް ވަނީ ބަޔާންކޮށްދީފައެވެ. އަދި ބައެއް ކަންކަން ވަނީ ކުރުން އެދެވިގެންވާ (ސުންނަތް) ކަންކަމުގެ ގޮތުގައި ކަނޑައަޅުއްވައިފައެވެ. މީގެ އިތުރަށް، ވަގުތާއި ޙާލަތަށް ބަލައި، ކުރުމާއި ނުކުރުން ހުއްދަކަންކަން ވެސް އޮތީ ސާފުކޮށް އެނގޭށެވެ. ވީމާ، މި ދީނުގެ މި ދެންނެވި އިމުގެ ބޭރުން އިއްވޭ އަޑުތަކާއި ކުރެވޭ ކޮންމެ ކަމަކީ ހައްދުފަހަނައަޅައި ދިޔުމެވެ. އެކްސްޓްރީމިޒަމެވެ. ހުއްޓުވަންޖެހެނީ މިކަންކަމެވެ.

ކަން ހުރީ މިހެންކަމުގައި ވިޔަސް، ދީނަށް ފުރައްސާރަކުރާ މީހުންނާ ދެކޮޅަށް އަޑު އުފުލުމަކީ ކުށެއް ކަމަށް ދޭހަވާ ގޮތަށް މި އިސްލާމީ އުންމަތުގައި ބާރުހުރި ފަރާތްތަކުން ޢަމަލުކުރަމުންދާނަމަ އެއީ ދީނީ ގޮތުން ވެސް އަދި ޤާނޫނީ ގޮތުންވެސް ހުއްދަ ކަމެއްކަމަށް ބުނެވޭނެ ހަމަ އެއްވެސް ޤާނޫނީ ޙުއްޖަތެއް އަޅުގަނޑަކަށް ނުވިސްނެއެވެ.

އިސްވެ ދެންނެވި ޝަރުޢީ އަދި ޤާނޫނީ ނައްޞުތަކަށް ރިޢާޔަތްކުރާ އިރު، ދީނަށް ފުރައްސާރަކުރާ މީހުން އެ ހިންގަނީ ވަރަށް ބޮޑު މުންކަރާތެކެވެ. އެއީ ހައްދުފަހަނައަޅައިދިޔުމެވެ. އެއީ ހުއްޓުވަންޖެހޭ އަދި ނަފުރަތުކުރާންޖެހޭ އެންމެ ނުބައިވެގެންވާ ޢަމަލުތަކެވެ. އެކަންކަމާ ދެކޮޅަށް އަޑުއުފުލުމަކީ އެފަދަ މުންކަރާތްތަކަށް ނަފުރަތުކުރުމަކީ ކުށެއް ކަމަށް ބެލޭނެ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ހަމައެއް ނޯންނާނެއެވެ. އެ ފަދަ ކަންކަން ހުއްޓުވަން މަސައްކަތްކުރުމަކީ އަދި އެފަދަ ނުބައި ޢަމަލުތަކަށް ނަފުރަތުކުރުމަކީ ކޮންމެ ރައްޔިތެއްގެ މައްޗަށް އޮތް ޤާނޫނީ ޙައްޤެކެވެ. ހަމައެކަނި ޙައްޤަކީއެއް ނޫނެވެ. އެއީ ޝަރުޢީ އަދި ޤާނޫނީ ވާޖިބެއްވެސްމެއެވެ. އަޅުގަނޑު މި ލިޔުން މި ލިޔުނީ ވެސް އަޅުގަނޑުގެ ވާޖިބު އަދާކުރުމަށްޓަކައެވެ. އެކަންކަން އަތުން ހުއްޓުވުމުގެ ކުޅަދާނަކަން ނެތީމައެވެ.

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށު އަޒީ)
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ ދިވެހި ލިޔުންތެރިކަމުގެ އުދަރެހުގައި ވިދާ ތަރިއެކެވެ. ރާއްޖޭގެ އެކި ނޫސް މަޖައްލާތަކަށް ގިނަ އަދަދެއްގެ ލިޔުން ލިޔުއްވައިފައިވާ މޮޅު ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. އަދި ހަމަ އެހެންމެ ތާރީޚު ދިރާސާ ކުރައްވާ ޤާނޫނީ ވަކީލެއްވެސް މެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.