
މާތްވެގެންވާ އިސްލާމްދީނަށާއި ކީރިތި ޤުރުއާނަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) މިއަދު އުވާލައިފި ކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެޖަމިއްޔާ ރަސްމީކޮށް މިއަދު އުވައިލެއްވީ އުވައިލުމުގެ ކުރިން ޤަވާއީދާ އެއްގޮތަށް ސަރުކާރުން ކުރައްވަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރައްވައި އެޖަމިއްޔާއަށް ދޭންޖެހޭ ވަގުތުވެސް ދެއްވުމަށްފަހުއެވެ.
މިއަދަކީ އެޖަމިއްޔާގެ މުދަލާއި ދަރަންޏާއި އެހެންހެން މައްސަލަތައް ނިންމައި ހަމައަކަށް އެޅުވުމަށް އެޖަމިއްޔާއަށް ދީފައިވާ 45 ދުވަހުގެ މުއަދަތު ހަމަވި ދުވަހެވެ. "މުއްދަތު ހަމަވިއިރުވެސް އެޖަމިއްޔާއިން އެއްވެސް އެއްޗެއް މިހާތަނަށް އަންގާފައި ނުވާތީ މިއަދުން ފެށިގެން އެޖަމިއްޔާ ރަސްމީކޮށް އުވާލައިފައިވާ ވާހަކަ ދެންނެވީމެވެ." ޔޫތު މިނިސްޓްރީން މިއަދު ނެރުއްވައިފައިވާ ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.
އެޖަމިއްޔާގެ ރިޕޯޓާ ގުޅިގެން އެތައް ބަޔަކުވަނީ އެކަމަށް ނުރުހުން ފާޅުކޮށް އިހުތިޖާޖުކޮށް އެޖަމިއްޔާ ވަގުތުން އުވާލުމަށް ގޮވާލައިފައެވެ. އޭގެ ތެރޭގައި އެންމެ އިސްކޮށް އުޅުއްވީ ރާއްޖޭގެ އިލްމުވެރިންނެވެ.