މިއަދުން ފެށިގެން އެމްޑީއެން ސަސްޕެންޑު ކޮށްފި

މާތްވެގެންވާ އިސްލާމްދީނާއި، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލާގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ސަސްޕެންޑް ކޮށްފިއެވެ.

އިސާލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވަނީ އެ ޖަމްޢިއްޔާއިން ނެރެފައިވާ ނޫސްބަޔާނެއްގައެވެ. އެމައްސަލަ ބޮޑުވެ ރައްޔިތުންނާއި ޢިލްމުވެރިން ކަންބޮޑުވެފައި ވަނިކޮށް މިއަދުން ފެށިގެން ޔޫތުމިނިސްޓްރީން ވަނީ އެޖަމްޢިއްޔާ ސަސްޕެންޑުކުރިކަން އަންގައިފައެވެ.

ޔޫތުމިނިސްޓްރީން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ އެ ޖަމްޢިއްޔާ ސަސްޕެންޑް ކުރެއްވީ ދީނާ ޚިލާފު ވާހަކަތަކެއް ދެއްކިކަމުގެ ތުހުމަތުގައި އެޖަމްޢިއްޔާގެ މައްސަލައެއް ޕޮލިހުން ތަޙުޤީގު ކުރަމުންދާތީ ކަމަށެވެ.

އެބަޔާނުގައި ވިދާޅުވެފައިވަނީ އެ ޖަމްޢިއްޔާ ސަސްޕެންޑު ކުރީ ޖަމްޢިއްޔާތަކާ ބެހޭ ރަޖިސްޓްރާއަށް ލިބިދީފައިވާ އިޚުތިޔާރުގެ ދަށުން ކަމަށެވެ.

އެ ޖަމްޢިއްޔާގެ ރިޕޯޓާ ގުޅިގެން ވަރަށްގިނަ މީހުންވަނީ އެ ޖަމްޢްޔާ އުވާލުމަށް ގޮވާލައިފައެވެ.

މިނިސްޓްރީން އެޖަމަޢިއްޔާ ސަސްޕެންޑު ކުރެއްވީ ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވަނިކޮށްނެއެވެ.

މި މައްސަލާގައި ރައީސާ ބައްދަލުކުރެއްވި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ އެ ޖަމްޢިއްޔާއާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. އެކަމަކު އެމަނިކުފާނު އެކަން ކުރައްވާނީ ވަރަށް ބޮޑަށް ތަޙުގީގު ކުރެއްވުމަށްފަހުގައެވެ.

މިމައްސަލާގައި ފިޔަވަޅު އެޅުން ލަސްވެގެން ވެސް ބައެއް ފަރާތްތަކުން ޝަކުވާކުރަމުމް ގެންދެއެވެ. އެހެންނަމަވެސް މައްސަލަ ތަޙުގީގު ކުރުމަށް ރައީސް އެންގެވުމަކީ ވެސް އެޅުއްވި ފިޔަވަޅެއްކަން ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.