މި އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދުނިޔޭގެ ހުރިހާ ސްކޫލެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތް " ޒީރޯޕްލާސްޓިކް ލަންޗް" ރާއްޖޭގެ ސްކޫލްތަކުގައި ވެސް ބޭއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިނިސްޓްރީން ވިދާޅުވެފައިވަނީ މި ހަރަކާތް ރާއްޖޭގައި ހިންގާނީ "ފަރުކޮއެ" ޕްރޮޖެކްޓުގެ ދަށުންނެވެ. ދުނިޔޭގެ ކަނޑު ތަކުގެ ދުވަސް ފާހަގަ ކުރަނީ ޖޫންމަހު 8 ވަނަ ދުވަހުއެވެ. "
ޒީރޯޕްލާސްޓިކް ލަންޗް" ހަރަކާތަކީ އެއްފަހަރު ބޭނުންކޮށްފައި އެއްލާލެވޭ ޕްލާސްޓިކް ބޭނުން ނުކޮށް ދުނިޔޭގެ ހުރިހާ ސްކޫލެއްގައި މެންދުރުގެ ކެއުން ކުރިއަށް ގެންދިއުމަށް ރޭވިގެން ކުރިއަށްދާ ހަރަކާތެކެވެ. މިގޮތަށް މިހަރަކާތް ކުރިއަށްގެންދިއުމަށް ރޭވިފައިވަނީ މިފަދަ ޕްލާސްޓިކް ބޭނުންކުރާ އަދަދު އިތުރުވަމުންދާތީއާއި ދުނިޔޭގެ ކަނޑުތަކުގެ ދިރުމަށް މިކަމުން އަސަރުކުރާތީ ދިރިއުޅުމުގައި މިގޮތަށް ބޭނުންކުރާ ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް މަސައްކަތްކުރުމުގެ ގޮތުން ކަމަށް އިޑިޔުކޭޝަނުން ވިދާޅުވެފައިވެއެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރާ ޖޫންމަހުގެ 8ވަނަ ދުވަސް ރޯދަމަސް ތެރޭގައި އަންނާތީ މެންދުރު ކެއުމުގެ ބަދަލުގައި ދިވެހިރާއްޖޭގެ ސްކޫލްތަކުގައި އެ ހަރަކާތް ކުރިއަށްގެންދަން ރޭވިފައިވަނީ ކްލާސް ފެންވަރުގައި ރޯދަވިއްލުމެއް ނުވަތަ ތަރާވީހެއްގެ ގޮތުގައެވެ. މިގޮތުން ކެއުން ސްކޫލްގައި ދަރިވަރުން ގެންނައިރު އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް އެއްގޮތަކަށްވެސް ބޭނުންނުކޮށް އޭގެ ބަދަލުގައި އެހެން ތަކެތި ބޭނުންކުރާގޮތަށްވަނީ ހަމަޖެހިފައި ކަމަށްވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މިފަދަ ޕްލާސްޓިކް މަދުކުރުމަށާއި ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ސްކޫލްތަކުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ކޮންމެ ސްކޫލަކުންވެސް ޒީރޯޕްލާސްޓިކްލަންޗް ހޭޝްޓެގް ( #zeroplasticlunch ) ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އެޑިޔުކޭޝަނުން ވިދާޅުވެފައިވެއެވެ.
'ފަރުކޮއެ' ޕްރޮޖެޖްޓަކީ މިއަހަރު ފެބްރުއަރީ މަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް އަމާޒު ކުރެވިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ދަށުން މިހާރު ރާއްޖޭގެ 243 ސްކޫލެއްގައި މިހާރު އެއްފަހަރު ބޭނުންކޮށްފައި އެއްލާލެވޭ ޒާތުގެ ޕްލާސްޓިކް ސްކޫލަށްގެނައުންވަނީ ހުއްޓާލެވިފައެވެ. މީގެއިތުރުން ފަރުކޮއެ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ސްކޫލްތަކުގައި ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން %30 ދަރިވަރުންވަނީ މިހާރު ފަރު ބަލާލަންގެންދެވިފައެވެ. ފަރުކޮއެ ޕްރޮޖެކްޓްގެ އެއް އަމާޒަކީ މިއަހަރުގެ ދިރާސީ އަހަރު ނިމުމުގެކުރިން ސްކޫލް ކޮންމެ ކުއްޖަކީ އެއްފަހަރުނަމަވެސް ފަރުތަކަށް ޒިޔާރަތްކޮށް ފަރު ބަލާފައިވާ ކުއްޖަކަށް ހެދުން ކަމަށްވެސް އެޑިޔުކޭޝަނުން ވިދާޅުވެފައިވެއެވެ.
ދުނިޔޭގައި އަހަރެއްގެ މައްޗަށް 300 މިލިއަން ޓަނުގެ ޕްލާސްޓިކް އުފައްދައެވެ. މީގެތެރެއިން %40 ޕްލާސްޓިކަކީ ހަމައެކަނި އެންމެ ފަހަރަކު ބޭނުންކުރުމަށްފަހު އެއްލާލެވޭގޮތަށް ތައްޔާރުކުރެވިފައިވާ ޕްލާސްޓިކެވެ. އަހަރެއްގެ ތެރޭގައި 8 މިލިއަން ޓަނުގެ ޕްލާސްޓިކް ކުނީގެގޮތުގައި މޫދަށް ޖަމާވެއެވެ. 2050 ވަނަ އަހަރު އަންނައިރު ދުނިޔޭގެ ކަނޑުތަކުގައި މަސްމަހާއި މެއްސަށްވުރެ ގިނައިން ހުންނާނީ ޕްލާސްޓިކްކަމަށް އ.ދ ލަފާކުރެއެވެ.