
އެފްއެސްއެމް ތެޔޮ ބައުޒަރުތަކުން ޓީޖެޓީގައި ދެމުން ގެންދިޔަ ޚިދުމަތްތައް ވަގުތީގޮތުން ހުޅުމާލެއަށް ބަދަލުކޮށްފިއެވެ.
އެކުންފުނިން ވިދާޅުވީ އެބަދަލު ގެންނެވީ ޓީޖެޓީގައި އިއްޔެ ހިނގި އަލިފާނުގެ ނުރައްކާތެރި ޙާދިސާގެ ސަބަބުން ކަމަށެވެ. އަލިފާނުގެ ޙާދިސާގައި ވަނީ 4 ބައުޒަރެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އެހެންނަމަވެސް އޭގެ ތެރޭގައި އެފްއެސްއެމްގެ ބައުޒަރެއް ނުހިމެނެއެވެ. "އަޅުގަނޑުމެންގެ ބައުޒަރުތައް ސަލާމަތްތެރި ކަމާއެކު މޫވުކުރެވިފައިވަނީ" އެފްއެސްއެމްގެ މެނޭޖިންޑިރެކްޓަރ މުޙައްމަދު ޤަސަމް ވިދާޅުވިއެވެ.
ޓީޖެޓީގައި އެކުންފުނިން ދެމުން ގެންދިޔަ ޚިދުމަތް އަލިފާނުގެ ހާދިސާއަށްފަހު މިހާރު ދެމުންގެންދާނީ ހުޅުމާލޭގައި ހުންނަ އެކުންފުނީގެ ޕަމްޕް ސްޓޭޝަނުން ކަމަށް އެތަނުން ވަނީ ވިދާޅުވެފައެވެ.
އިއްގެ ޙާދިސާގައި ހިނގާފައިވަނީ ލޯންޗަކަށް ޕެޓްރޯލް އެޅުމުގެ ތެރޭގައި ތެޔޮ ބައުޒަރުގެ ހޮޅީގައި ރޯވެގެންނެވެ. މި ޙާދިސާގައި 9 މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވެއެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު މިހާރުވަނީ ދޫކޮށްލައިފައެވެ. ބައެއް މީހުންނަށް އައީސީޔޫގައި މިހާރުވެސް ދަނީ ފަރުވާ ދެމުންނެވެ. ވޯޑުގައި ވެސް ބަޔަކަށް ފަރުވާދެމުން ގެންދާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.