
މި މަހުގެ 9 ވަނަ ދުވަހުގެ ރޭ އަލިފާނުގެ ހާދިސާ ހިނގި، މ. ނިރުފެހިގެ ސާފުކުރަމުން ދަނިކޮށް އިންސާނެއްގެ ފައިތިލައެއް ފެނިއްޖެ އެވެ.
ފުލުހުން ބުނީ އެ ފައިތިލަ ފެނިފައިވަނީ އެ ގޭގެ ކުނިތައް ނަގާ ސާފުކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކަމަށެވެ. އަދި އެއީ އެ ހާދިސާގައި މަރުވި މީހުންގެ ފައިތިލައެއްތޯ ބެލުމަށް ތަހުލީލު ކުރާނެ ކަމަށް ވެސް ބުންޏެވެ.
އެ އަލިފާނުގެ ހާދިސާގައި 10 މީހަކު ވަނީ މަރުވެފަ އެވެ. އަދި އެކަކަށް ދަނީ އައިޖީއެމްއެޗުގައި ފަރުވާދެމުން ނެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މަރުވި މީހުންގެ ހަށިގަނޑުތައް ވަރަށް ބޮޑަށް އަނދާފައިވާއިރު، ބައެއް މީހުންގެ ސިފައާއި ޖިންސު ވެސް ވަކި ނުވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެހެންނަމަވެސް އެމީހުންގެ ޓެސްޓްތައް ހަދާ، އެ އެންމެން މިހާރުވަނީ ދެނެގަނެވިފަ އެވެ.
އެ ހާދިސާގައި މަރުވި އެންމެންނަކީ ވެސް ބިދޭސީންނެވެ. އޭގެތެރޭގައި ހިމެނެނީ އިންޑިއާގެ 8 މީހުންނާއި ބަންގްލަދޭޝްގެ 2 މީހުން ނެވެ. އެއީ 6 ފިރިހެނުންނާއި 4 އަންހެނުން ނެވެ.
އެ ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ނެވެ.