
ހދ. ކުޅުދުއްފުށީގައި ހުންނަ އެ އަތޮޅު ތަޢުލީމީ މަރުކަޒަށް އިތުރު ކުރަން ނިންމާފައިވާ 12 ކުލާސްރޫމް ހިމެނޭ 4 ބުރީގެ ޢިމާރާތުގެ މަސައްކަތް ކުރުމަށް ވީ އަވަރ އިންވެސްޓުމެންޓް ޕްރައިވެޓު ލިމިޓެޑާ މިއަދު ޙަވާލުކުރައްވައިފިއެވެ.
މި މަސައްކަތް ޙަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފައިވަނީ އެޑިޔުކޭޝަން މިނިސްޓްރީގައެވެ.
މި އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓު މިނިސްޓަރ އަޙުމަދު ރިޔާޒެވެ. ވީ އަވަރ އިންވެސްޓުމެންޓް ޕްރައިވެޓު ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އޮފީސް މެނޭޖަރ ފާތިމަތު ލައިސާ ލަތީފެވެ.
ވީ އަވަރ އިންވެސްޓުމެންޓާ މިމަސައްކަތް ޙަވާލު ކުރެއްވީ 360 ދުވަސްތެރޭގައި ނިންމާ ގޮތަށް، އަށް މިލިއަން ސަތޭކަ ތިރީސް ހަތަރު ހާސް ހަތް ސަތޭކަ ނުވަދިހަ ހަތަރު ރުފިޔާއަށެވެ.
މިއީ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.