
މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ސައޫދީ އަރަބިއްޔާގެ ޖިއްދާގެ އައްސުލައިމާނިއްޔާ އަވަށުގެ ރޭލްވޭ ސްޓޭޝަނުގައި ރޯވުމުގެ ސަބަބުން އެއްވެސް މީހަކު މަރުވެފައި ނުވާކަމަށާއި، ފަސް މީހަކު ޒަޚަމްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދާކަމަށް ސައޫދީ ސިވިލް ޑިފެންސުން ހާމަކޮށްފިއެވެ.
މި ރޭލްވޭ ސްޓޭޝަނަކީ މާތްވެގެންވާ މައްކާއާއި މަދީނާ ގުޅުވައިދޭ ހައިސްޕީޑް ރޭލު ދަތުރުކުރާ އަލްޙަރަމައިން ރޭލްވޭއާ ގުޅިފައިވާ އެއް ސްޓޭޝަނެވެ. މިއަދު މެންދުރު 12:36 ގައި (ރާއްޖޭ ގަޑިން މެންދުރު ފަހު 2:30 ގައި) ރޯވި އަލިފާންގަނޑު ނިއްވާލުމަށް އަލިފާން ނިއްވާމީހުން ހަރަކާތްތެރި ވި ވަގުތު 16 މެޑިކަލް ޓީމަކުން އެތަނުގައި ހަރަކާތްތެރިވި ކަމަށްވެސް ސިވިލް ޑިފެންސުގެ ބަޔާނުގައި ވެއެވެ. އެހެންނަމަވެސް، އަލިފާން ރޯވާ މެދުވެރިވި ސަބަބު ހާމަކޮށްފައި ނުވެއެވެ.

ސައޫދީ މީސްމިޑީޔާގައި ދައުރުވަމުންދާ ވީޑިޔޯތަކުންނާއި، ފޮޓޯތަކުން އެ ސްޓޭޝަނުން ބޯދުން އަރާތަން ފެނެއެވެ. އަދި ތާށިވެފައި ތިބި މީހުން ހެލިކޮޕްޓަރުގެ އެހީގައި ސަލާމަތްކުރާ ތަން ފެނެއެވެ.
މިއަދު އަލިފާން ރޯވި އައްސުލައިމާނިއްޔާ ސްޓޭޝަނަކި އަލްޙަރަމައިން ހައިސްޕީޑް ރޭލްވޭގައި ހިމެނޭ 5 ސްޓޭޝަނުގެ ތެރެއިން އެއް ސްޓޭޝަނެވެ. އަނެއް ހަތަރު ސްޓޭޝަން ހުންނަކީ މައްކާ، ޖިއްދާގެ ކިންގް އަބްދުއްޢަޒީޒު އިންޓަނޭޝަނަލް އެއާޕޯޓު، ޖިއްދާގެ އުތުރުން 100 ކިލޯމީޓަރު ދުރުގައި އޮންނަ ކިންގް ޢަބްދުﷲ އެކޮނޮމިކް ސިޓީ، އަދި މަދީނާގައެވެ.
މައްކާ ޕްރޮވިންސުގެ ސެކްރެޓޭރިއަޓް އިން ޓުވިޓާގައި ބުނެފައި ވާގޮތުގައި ވަކި ގޮތަކަށް އަންގަންދެން އަލްހަރަމައިން ރޭލު ޚިދުމަތް މިހާރު ވަނީ މެދުކަނޑާލާފައެވެ.
7.3 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން އަޅާފައިވާ 450 ކިލޯމީޓާރުގެ ޙަރަމައިން ރޭލްވޭގައި ދަތުރުކުރާ ހައިސްޕީޑް ރޭލުން މި ރާސްތާ 2 ގަޑިއިރުގެ ތެރޭގައި ކަޑައްތުކުރެވެއެވެ.