
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުކުރު ދުވަހު އ.ދ ގެ ޖެނެރަލް އެސެމްބްލީގައި ތަގުރީރުކުރެއްވި އިރު ޓެރަރިޒަމާ ދެކޮޅަށް އަޑަށް ބާރުލައްވާފައި "ލައްކަ ވާހަކަ" ދެއްކެވިއެވެ. އެކަމަކު އިންޑިއާ ސަރުކާރުގެ އަނިޔާގެ ޝިކާރައަކަށްވެފައިވާ ކަޝްމީރުގެ ނަން ވެސް މޯދީގެ ދޫފުޅަށް ނުގެންނެވިއެވެ.
"އިންސާނިއްޔަތަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ ޓެރަރިޒަމް." ޖެނެރަލް އެސެމްބްލީގައި ވާހަކަފުޅުދައްކަވަމުން މޯދީ ވިދާޅުވިއެވެ.
"ޓެރަރިޒަމާ ދެކޮޅަށް އިންޑިއާ އަޑު އުފުލަނީ ދުނިޔޭގެ ސަމާލުކަމަށްޓަކައި."
މޯދީގެ ވާހަކަ، ޝިޢާރެއްގެ ގޮތުގައި ބޭނުންކޮށްލަން ވެސް މޮޅެވެ. އެކަމަކު ވަރަށް ގިނަ ބަޔަކު ސިފަކުރާ ގޮތުގައި އިޒުރޭލުގެ އަނިޔާވެރިކަމުގެ ޝިކާރައަކަށްވެފައިވާ ފަލަސްތީނުގެ ނިކަމެތި ރައްޔިތންނަށްފަހު، އެންމެ ބޮޑު އަޅުދާސްކަމެއްގައި މި ވަގުތު ތިބި، ކަޝްމީރުގެ ރައްޔިތުންގެ ނަމެއްވެސް މޯދީގެ ތަގުރީރުގައި ނުގެންނެވުމަކީ ވަރަށް އިންސާފުކުޑަ އަމަލެކެވެ.
ދުނިޔޭގެ އެތައް މިލިއަން ބަޔަކު އަޑުއުފުލަމުންދާ ގޮތުގައި ހަގީގީ ޓެރަރިޒަމް އޮތީ ކަޝްމީރުގައެވެ. އެކަން ކުރަނީ މޯދީގެ ސަރުކާރުންނެވެ. އަނިޔާ ލިބެމުންދަނީ ކަޝްމީރުގެ މުސްލިމް ރައްޔިތުންނަށެވެ.

އިންޑިއާގެ ޤާނޫނުއަސާސީން ކަޝްމީރަށް ލިބިދީފައިވާ ޚާއްޞަ އިމްތިޔާޒުތައް އޮގަސްޓު މަހުގެ ފަސްވަނަ ދުވަހު، ނިގުޅައިގަތުމަށްފަހު މޯދީގެ ސަރުކާރުން ވަނީ ކަޝްމީރުގައި ކާފިއު ހިންގާފައެވެ.
ކާފިއުއާ ދެކޮޅަށް ކަޝްމީރުގެ ރައްޔިތުން ހިންގާ ހަރަކާތްތަކާ ގުޅިގެން ކަޝްމީރުގައި ތިބި އިންޑިއާގެ ސިފައިންނާއި ފުލުހުން ދޭ ހަމަލާތަކުގައި ހަތިޔާރެއް ނެތް އާއްމުންގެ އެތައް ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ. އެތައް ހާސް ބަޔަކު ވަނީ ޒަޚަމްކޮށްލާފައެވެ. ކަޝްމީރުގެ މުއާސަލާތީ ޚިދުމަތް ސަރުކާރުން ވަނީ ކަނޑާލާފައެވެ. އެތައް މިލިއަން ކިޔަވާކުދީންގެ ތައުލީމަށް ވަނީ ހުރަސްއެޅިފައެވެ. ކެއުން ބުއިމާއި އަސާސީކަންތައްތަކަށް ބޭނުންވާ ތަކެތި ހޯދުން ވަނީ އިންތިހާއަށް ދަތި ވެފައެވެ. ކާފިއުގެ ސަބަބުން ކަޝްމީރުގެ ރައްޔިތުންނަށް، ކަޝްމީރު ވަނީ ޖަލަކަށް ބަދަލުވެފައެވެ. މަގުތަކާއި ގޯޅިތަކުގައި ވަނީ ހަތިޔާރު އެޅި ސިފައިންނާއި ފުލުހުންގެ ވެރިކަމެވެ. މިއިން އެއްވެސް ވާހަކައަކަށް މޯދީގެ ތަގުރީރުގައި އަލިއަޅުއްވާފައެއް ނުވެއެވެ.

ޖެނެރަލް އެސެމްބްލީގައި ޓެރަރިޒަމާ ދެކޮޅަށް މޯދީ ދެއްކެވި ވާހަކަފުޅުގައި އިންޑިއާއަކީ ދުނިޔެއަށް ހަނގުރާމަ ގެނައި ގައުމެއް ނޫންކަމަށާއި ސުލްހަ އާއި އަމާންކަމުގެ މެސެޖު ގެނެސްދިން ގައުމެއްކަމުގައި ވިދާޅުވިއެވެ. އެކަމަކު ސުއާލަކީ ޕާކިސްތާނާއި އިންޑިއާއިން ކުރި ހަނގުރާމަތަކާއި ކަޝްމީރުގެ މުސްލިމުންނަށް އިންޑިއާއިން ދެމުންދާ އަނިޔާތަކާއި އިންޑިއާގައި އުޅެމުންދާ ބައިމަދު މުސްލިމުންނާއި ސިކުންނާއި ކްރިސްޓިއަނުންނަށް ހައްދުފަހަނަޅާފައިވާ ހިންދޫން ކުރަމުންދާ ދުއްތުރާތަކުގެ ވާހަކަތައް މޯދީ ހަނދުމަފުޅުނެތުނީ ކީއްވެގެންބާވައެވެ!

މޯދީ އ.ދ ގައި ތަގުރީރުކުރައްވަމުން ގެންދެވިއިރު، އ.ދ ގެ ހެޑްކްއާޓަރުގެ ބޭރުގައި އެތައްހާސް ބަޔަކު މޯދީއާ ދެކޮޅަށް މުޒާހަރާކުރަމުންދިޔައެވެ. އަދި މޯދީގެ ހިމާޔަތުގައި ވެސް ބަޔަކު ގޮސްތިއްބެވެ.
ކަޝްމީރުގައި ހިންގާފައިވާ ކާފިއު އުވާލައި ކަޝްމީރުގެ ރައްޔިތުންނަށް މިނިވަންކަން ދެއްވާނެ ކަމުގެ އުފާވެރި ޚަބަރު މޯދީ ދެއްވާނެ ކަމުގެ އިންތިޒާރުގައި ތިބި މީހުންނަށް އެ އަޑެއް ނީވުނެވެ. މޯދީ ވިދާޅުވީ 2023 ވަނަ އަހަރު ޕްލާސްޓިކް ކޮތަޅު އިންޑިއާގައި ބޭނުން ކުރުން ހުއްޓާލާނެ ވާހަކައެވެ.
Khiyaalu or copy?