ކެއުން ބުއިމުގެ އަދަބުތަކާއި އިންސާނާގެ ދުޅަހެޔޮކަން

ކާންވާނީ ރަނގަޅު ތަކެތި

ކާނާއަކީ އިންސާނާއަށް ޟަރޫރީ އެއްޗަކަށް ވާތީ އިންސާނާއަށް ކާބޯތަކެއްޗާ ނުލައި މި ދުނިޔޭގައެއް ނޫޅެވޭނެއެވެ. ނަމަވެސް މުސްލިމު އިންސާނާ ކާނާއާ މެދު ދެކެން ޖެހޭނީ އެއީ ވަސީލަތެއް ކަމުގައެވެ. އެއީ އެއްވެސް ޙާލެއްގައި އޭނާގެ ލަޑުދަނޑިއެއް ނޫނެވެ. ކާނާއިން މުސްލިމު އިންސާނާ ވާޞިލުވާން ބޭނުންވާ އަމާޒުފަތްގަނޑަކީ ﷲ އަންގަވައިފައިވާ ގޮތަށް މި ދުނިޔޭގައި އުޅެ، އެކަލާނގެ  ރުހިވޮޑިގަތުން ޙާޞިލު ކުރުމެވެ. މި ރުހިވޮޑިގަތުން އޭނާއަށް ލިބޭނީ މާތްﷲ އަންގަވައިފައިވާ ގޮތަށް ކާބޯތަކެތި ހޯދައިގެންނެވެ. އޭނާ ކައި ހަދާ ތަކެތި ޙަލާލު އެއްޗެހި ކަމުގައި ހަދައިގެންނެވެ. الله تعالى ވަޙީ ކުރެއްވިއެވެ. "  يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُلُوا۟ مِن طَيِّبَـٰتِ مَا رَزَقْنَـٰكُمْ وَٱشْكُرُوا۟ لِلَّـهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ [1] އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން ހަމައެކަނި اللَّه އަށް އަޅުކަންކުރާ ކަމުގައިވާނަމަ، އެކަލާނގެއަށް ޝުކުރުވެރިވާށެވެ!"

ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "  طَلَبُ الْحَلالِ وَاجِبٌ عَلَى كُلِّ مُسْلِمٍ [2]  ޙަލާލު އެއްޗެހި ހޯދުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކަމެކެވެ. " މިހެންވެ މުސްލިމުން ކައިބޮއި ހަދަންވާނީ މާތްﷲ އެމީހުންގެ މައްޗަށް ޙަލާލު ކޮށްދެއްވައިފައިވާ އެއްޗެއްސެވެ. އެމީހުންގެ މައްޗަށް ޙަރާންކުރައްވައިފައި އެއްޗެއްސާ ދުރުހެލިވާން ޖެހޭނެއެވެ.

ބަނޑުލަނީ ކީއްވެ؟

ކާންވީ އެއްޗެއްސާއި ނުކާންވީ އެއްޗެހި އެނގުމަށް ފަހު ދެން ބަލަންޖެހޭނީ ކާން ވީ މިންވަރަށެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ." وَكُلُوا۟ وَٱشْرَبُوا۟ وَلَا تُسْرِفُوٓا۟ [3] އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! "

ބަނޑުލުމާއި ބަނޑަށް އުނދަގޫވުމާ ބެހޭގޮތުން ޝަކްވާ ކުރެވުނު ހިނދު އެކަމާ ދުރުހެލި ވުމަށްޓަކައި އަޘަރުގައި އައިސްފައިވާ ބަސްފުޅެއްގައި ވެއެވެ. " ހެނދުނާއި ރޭގަނޑު ކާށެވެ! އެދެމެދުގައި ނުކާށެވެ. ފަހެ ހަމަކަށަވަރުން އެ ދެމެދުގައި ކެއުމަކީ ހަށިގަނޑު ފަސާދަ ކޮށްފާނެ ކަމެކެވެ. ފަހެ އަރަހުށި ﷲ ވަޙީ ކުރެއްވިއެވެ. "  وَلَهُمْ رِ‌زْقُهُمْ فِيهَا بُكْرَ‌ةً وَعَشِيًّا [4] އަދި ހެނދުނާއި ހަވީރު އެބައިމީހުންގެ ރިޒްޤު ، އެބައިމީހުންނަށްޓަކައި އެތާނގައި ވެއެވެ. " [5]

މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނު ވިދާޅުވިއެވެ. " ނަބީ ބޭކަލުން ރޭގަނޑު ފަރިއްކުޅުއްވަނީ ޢިޝާ ނަމާދަށް ފަހުގައެވެ. ވީމާ ތިޔަބައި މީހުން ރޭގަނޑު ކެއުން ދޫކޮށް ނުލާށެވެ! ހަމަކަށަވަރުން ރޭގަނޑު ކެއުން ދޫކޮށްލުމަކީ ހަށިގަނޑު ޚަރާބު ވެދާނެ ކަމެކެވެ. "

ހެނދުނުގެ ނާސްތާ

އަޘަރުގައި އައިސްފައިވާ ގޮތުގައި ހެނދުނު މަސައްކަތަށް ނުކުތުމުގެ ކުރިން އެއްޗެއް ކައިލުމަކީ ވަރަށް މުހިންމު ކަމެކެވެ.

އިސްވެދިޔަ ވާހަކަތަކުން އެނގެނީ ހެނދުނުގެ ނާސްތާއާއި ރޭގަނޑުގެ ކެއުމަކީ ވަރަށް މުހިންމު ދެ ކެއުން ކަމެވެ. އަދި އެ ދެމެދުގައި ކޮންމެހެން ކާންވެގެން މެނުވީ ނުކެއުމަށް އިރްޝާދު ދެއްވައިފައިވެއެވެ. ޑަކްޓަރުން ބުނާ ގޮތުގައި ހެނދުނުގެ ކެއުމަކީ ހަށިގަނޑަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. މަސައްކަތަށް ދިއުމުގެ ކުރިން ރަނގަޅަށް ސައިބޮއިގެން މަސައްކަތަށް ދިއުމުން އިންސާނާގެ ހަށިގަނޑަށާއި ސިކުނޑިއަށް ތާޒާކަން ލިބިގެން ދެއެވެ. ހެނދުނު ރަނގަޅަށް ސައި ނުބުއިމަކީ މެންދުރު ވާއިރަށް މާބޮޑަށް ބަނޑުހައިވާނެ ކަމެކެވެ. މިކަމުގެ ސަބަބުން މާ ގިނައިން ކެވޭނެއެވެ. ނަތީޖާ އަކަށްވާނީ ލޮޑުވެ ވަރުބަލިވެ މެންދުރު ފަހުގެ މަސައްކަތަށް ނުބައި އަސަރު ފޯރުމެވެ.

ރޭގަނޑުގެ ކެއުން

ރޭގނޑު ކެއުމުގެ މުހިންމުކަން ވެސް ވަރަށް ބޮޑެވެ. އެއީ ހެނދުނާ ރޭގަނޑާ ދެމެދުގައިވާ ވަގުތު ދިގު ކަމުންނެވެ. ރޭގަނޑު ނުކެއުމުގެ ސަބަބުން ކުރިމަތިވެދާނެ ކަންތައްތަކުގެ ތެރޭގައި ،ރަނގަޅަށް ނުނިދުމާއި، ރޭ އަޅުކަން ކުރުމަށް އުނދަގޫވުމާއި،  ރޭގަނޑު ފިލާވަޅު ދަސްކުރަން ނުވަތަ މުތާލަޢާކުރަން އިނުމަށް ދަތިވުން ފަދަ ކަންކަން ހިމެނެއެވެ. މާތް ﷲ ރުއްސުންލެއްވި ޖާބިރު ބްނު ޢަބްދުﷲގެ އަރިހުން ރިވާގެންވާ ޙަދީޘްފުޅެއްގައި ވެއެވެ. ރަސޫލުﷲގެފާނު  ޙަދީޘް ކުރެއްވިއެވެ." ހިކި ކަދުރުކޮޅަކުން ވިޔަސް ރޭގަނޑު ނުކައި ނުތިބޭށެވެ! ރޭގަނޑު ނުކައި ތިބުމުން ތިމަންކަލޭގެފާނުގެ އުއްމަތް ބަލިކަށި ވެދާނެތީ ތިމަންކަލޭގެފާނު ބިރުފުޅު ގަންނަމެވެ. ފަހެ،  ހަމަކަށަވަރުން ރޭގަނޑުގެ  ކެއުމުގައި މުސްކުޅީންނަށާއި  ޒުވާނުންނަށް  ބާރެއް ވެއެވެ. " ޖަޢުފަރު ބިން މުޙައްމަދު ވިދާޅުވާގޮތުގައި މުސްކުޅިންނަށާއި ދެވަންފުރައިގެ މީހުންނަށް ރޭގަނޑުކެއުން ދޫކޮށްލުމަކީ މަކްރޫހަކަމެކެވެ. މުސްކުޅިން ރޭގަނޑު ނުކައި ނިދައިގެން ނުވާނެ ކަމަށް އެކަލޭގެފާނު ވިދާޅުވިއެވެ.

މި ބަސްފުޅުތަކުން އެނގޭގޮތުގައި 24 ގަޑިއިރު ތެރޭގައި އެންމެ ފަހަރަކު ކެއުމަކީ ރަނގަޅު ކަމެއްނޫނެއެވެ. ބައެއް މީހުން މިގޮތަށް ހަދަނީ ހިކިވުމުގެ ބޭނުމުގައެވެ. ނަމަވެސް ޑަކްޓަރުންގެ ދިރާސާތައް ބުނާ ގޮތުގައި މިއީ ކުށް ހީއެކެވެ. މި ދިރާސާތައް ބުނާގޮތުގައި ދުވާލަކު އެއް ކޮއްތު ކާމީހުން މާ ފަލަވެއެވެ. މިކަމުގެ ސަބަބަކީ ބަނޑުހައި ވެގެންގޮސް ކާއިރު ހިސާބަށްވުރެ ގިނައިން ކެވޭކަމެވެ. ތިން ފަހަރު މަތިން ކާ އެއްޗެހި އޭނާ އެއްފަހަރު މަތިން ކައިލައެވެ. މިކަމުގެ ސަބަބުން އޭނާ ފަލަވަނީވެ.

ދެ ކެއުން ދެމެދުގައި ކެއުން

ދެ ކެއުން ދެމެދުގައި އތުރު ކެއުންތައް ކެއުމަކީ ހަށިގަނޑަށް ގެއްލުން ހުރި ކަމެއްކަމަށް ޑަކްޓަރުން ބުނެއެވެ. މި މަޒްމޫނު ފެށިއިރު ދެންނެވި ފަދައިން އަޅުގަނޑުމެންނަށް ދީން އިރްޝާދު ދެނީ އެކަން ނުކުރުމަށެވެ. އެކަމުގެ ސަބަބުން ހަށިގަނޑު ފާސިދު ވާތީއެވެ. ހަށިގަނޑުގެ ނިޒާމު ގަޑުބަޑު ވާނެތީއެވެ. ވީމާ ހެނދުނު ސައިގެ ފަހުން މެންދުރު ކެއުމުގެ ކުރިން ދިހަގަޑީގައި ސައިބުއިމަކީ ހަށިގަނޑަށް ފައިދާހުރި ކަމެކޭ ދެންނެވޭކަށް ނެތެވެ. އަދި މެންދުރު ކެއުމުގެ ފަހުން ރޭގަނޑު ކެއުމުގެ ކުރިން ހަވީރު ސައިބުއިމަކީވެސް ރަނގަޅުކަމެއް ނޫނެވެ. ދުވާލަކު ފަސް ފަހަރު ނުވަތަ 6 ފަހަރު ކައި ހަދާ މީހެއްގެ ހަށިގަނޑު ދުޅަހެވެއް ނުވާނެއެވެ.

ޢަރަބިންގެ އެންމެ މަޝްހޫރު ޙަކީމު ( ނުވަތަ ޑަކްޓަރު ) އަލްޙާރިޘް ބިން ކަލަދާ  ފާރިސްކަރައިގެ ކިސްރާ އަނޫޝިރްވާނުގެ އަރިހަށް ވަޑައިގެންނެވުމުން الداء الدوي ( ވަޅުލެވިފައިވާ ބަލި ) އަކީ ކޮބައިތޯ ސުވާލު ކުރެއްވުމުން ކަލަދާ ދެންނެވިއެވެ. " އެއީ ކާއެއްޗެހީގެ މައްޗަށް ކާއެއްޗެހި ކެއުމެވެ.އެއީ  އިންސާނާގެ ހަލާކެވެ. އދި އެއީ ޖަނަވާރުގެ ވެސް ހަލާކެވެ.

ޖާލީނޫހާ ސުވާލުކުރެވުނެވެ. " ތިބާ ބަލި ނުވަނީ ކީއްވެހެއްޔެވެ؟ އޭނާ ޖަވާބުގައި ވިދާޅުވިއެވެ. އަހުރެން ދެރަ ދެ ބާވަތެއްގެ ކާނާއެއް އެކެއް ނުކުރަމެވެ. އަދި އަހުރެން ކާއެއްޗެހީގެ މައްޗަށް ކާއެއްޗެއް ނުކަމެވެ. އަދި  ހަޖަމުކުރަން އުދަނގޫ ކާއެއްޗެއް އަހުރެންގެ ބަނޑުގައި ނުބަހައްޓަމެވެ." [6]

މަތީގައި ދެންނެވި ބަސްފުޅުތަކުން ހެނދުނުގެ ސަޔާއި ރޭގަނޑުގެ ކެއުމުގެ މުހިންމުކަން އެނގެއެވެ. މި ދެ ކެއުމުން ފުއްދާލުން މުސްތަޙައްބު ކަމެއް ކަމުގައި ދެންނެވިދާނެއެވެ. ހަށިނޑަށް ފައިދާހުރީ މި ދެ ކެއުން ދޫކޮށް ނުލުމެވެ. ބަނޑުހައިނުވަނީސް ކެއުމުގެ މައްޗަށް ކެއުމަކީ ރަނގަޅުކަމެއް ނޫނެވެ. ކީރިތިރަސޫލާ ޙަދީޘް ކުރައްވަނ " نَحْنُ قَوْمٌ لَا نَأْكُلُ حَتَّى نَجُوْعُ وَإذَا أَكَلْنَا لَا نَشْبَعُ -  އަހަރެމެންނަކީ ބަނޑުހައި ވެއްޖައުމަށް ދާންދެން ކައިއުޅޭބަޔެއް ނޫނެވެ. އަދި އަހަރެމެންނަކީ  ކައިހަދާނަމަ ބަނޑުފުރެންދެން ކައިއުޅޭ ބަޔެއް ވެސް ނުމެނޫންމެއެވެ. " [7]

ރަސޫލާގެ އިރްޝާދުތައް

ކެއުމާ ބުއިމާ ބެހޭގޮތުން ނަޞީޙަތް ދެއްވަމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. " مَا مَلَأَ آدَمِيٌّ وِعَاءً شَرًّا مِنْ بَطْنٍ شَرًّا مِنْهَا بِحَسْبِ ابْنِ آدَمَ أُكُلَاتٌ يُقِمْنَ صُلْبَهُ فَإِنْ كَانَ لَا مَحَالَةَ فَثُلُثٌ لِطَعَامِهِ وَثُلُثٌ لِشَرَابِهِ وَثُلُثٌ لِنَفَسِهِ [8] އާދަމުގެ ދަރިޔަކު  އޭނާގެ ބަނޑަށްވުރެ ނުބައި ކަންވާރެއް ނުފުރައެވެ. އާދަމުގެ ދަރިޔާއަށް އޭނާގެ މައިކަށި ތެދަށް ބެހެއްޓޭވަރުގެ މަދު ސުވާކޮޅެއް ފުދެއެވެ. ފަހެ ކެއުންބުއިން ނޫންގޮތެއް ނެތްނަމަ އޭނާގެ ބަނޑުގެ ތިންބައިކުޅެ އެއްބަޔަށް ކާށެވެ! އަދި ތިންބައިކުޅަ އެއްބަޔަށް ބޯށެވެ! އަދި ތިންބައިކުޅަ ނޭވާލުމަށްޓަކައި ހުސްކޮށް ބަހައްޓާށެވެ! "

އަލްއިމާމު ޖައުފަރުއް ޞާދިޤު ވިދާޅުވާ ގޮތުގައި " ފުރިފައިވާ ބަނޑަކަށްވުރެ ﷲގެ ޙަޟްރަތުގައި ނުރުހުންބޮޑު އެއްޗެއް ނުވެއެވެ. "

މި ވާހަކަތަކުން އެނގެނީ ކެއުންބުއިން ގިނަ ކުރުމަކީ ރަނގަޅު ކަމެއް ނޫންކަމެވެ.އޭނާގެ މައިކަށި ކޮޅަށް ބެހެއްޓޭ ވަރުގެ މަދު އެތިކޮޅަކުން ފުއްދާލުން ރަނގަޅު ކަމެވެ. މިތާނގައި އެ އަންގަވަނީ ތިމާ ކުރަންޖެހޭ މަސައްކަތްތައް ކުރެވޭ ވަރުގެ ހަކަތައެއް ލިބިގެންވާ މީހަކަށް ވާށެވެ! އެއަށްވުރެ އިތުރު ނުކުރާށެވެ! ބަނޑުހައި ނުވަނިސް ނުކެއުމަށާއި ކާއިރު ބަނޑު ފުރެންދެން ނުކެއުމަށް އިރްޝާދު ދެއްވައެވެ. ހަރުބަހެއްގައި އައިސްފައިވާ ގޮތުގައި މަޢިދާއަކީ ނުވަތަ ބަނޑަކީ ބަލިތަކުގެ ގޮވެއްޗެވެ.

ފަލަވުމާއި ބަނޑުލުމުން ސަލާމަތް ވުމަށްޓަކައި އަދި ހަޖަމާބެހޭ ނިޒާމު ރަނގަޅުގޮތުގައި ބެހެއްޓުމަށްޓަކައި ކެއުންބުއިމަށް އިސްކަންދޭން އެބަޖެހެއެވެ. ކާއިރު ރަނގަޅަށް ހަފައިގެން ކެއުމަކީވެސް މިކަމަށް ވަރަށް ބޭނުން ކަމެކެވެ. އަދި އަނގައަށް ލެވޭ ސުވާ ކުޑަކުރުމަށާއި އަވަސްއަވަހަށް ނުކެއުމަށްވެސް އިރްޝާދު ދެއްވާފައި ވެއެވެ. ހަޖަމު ފެށެނީ އަނގަ ތެރެއިންނެވެ. ކާ އެއްޗެހި އަނގަތެރޭގައި ކުޅާ އެކުވެ ފުނޑިގެން ދެއެވެ. އެހެންކަމުން ކުޑަ ސުވަޔަކަށް ލިބޭ ކުޅު ގިނަވާނެއެވެ. ރަނގަޅަށް ހެފުމަކީ ކުޅަށް އޭގެ މަސައްކަތް ކުރުމަށް ދެވޭ ފުރްޞަތު އިތުރު ވެގެންދާނެ ކަމެކެވެ.  ރަނގަޅަށް ހެފިގެން މަޢިދާއަށް ކާއެއްޗެހި ދިއުމުން މަޢިދާއަށް ހަޖަމުކުރުމުގެ މަސައްކަތް ފަސޭހަވާނެއެވެ. މޭޒު ދޮށުގައި ގިނައިރު އިނދެގެން ލަސްލަހުން ކެއުމަކީ ހަޖަމުކުރުމާބެހޭ ނިޒާމަށް ހަމަޖެހުން ލިބޭނެ ކަމެކެވެ. ރަމަޟާންމަހު ރޯދަވީއްލާއިރު އެއްފަހަރާ މާގިނައިން ނުކެއުމަށް ޑަކްޓަރުން ނަޞީޙަތް ދެއްވަނީ މިހެން ވެގެންނެވެ.

ހަމަ އެފަދައިން ކެއުމަށްފަހު އިރުކޮޅަކަށް އުޑުތިލަމަތިން އޮށޯވެލުމަށް އިރްޝާދު ދެއްވައިފައި ވަނީވެސް ހަމަ މި ބޭނުމުގައެވެ. މިހެން އޮންނައިރު ކަނާތުފައި ވާތުފައިމަތީ ބާއްވައިގެން އޮތުމަށްވެސް އިރްޝާދު ދެއްވައެވެ. ކެއުމާ ވިދިގެން ހަޖަމުކުރުމުގެ މަސައްކަތް ހަށިގަނޑުން ފަށާތީ ހިތުގެ މަސައްކަތާއި ލޭދައުރު ކުރުން އިތުރުވެގެން ދާނެއެވެ. މިގޮތަށް އޮށޯވެލުމަކީ ކެއުމުގެ ކުރީގެ ޙާލަތަށް ހަށިގަނޑު އަވަހަށް އަނބުރާ ގެންދިއުމަށް އެހީވެދޭނެ ކަމެކެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެއްވައިފައިވާ އިރްޝާދުތަކުގެ ތެރޭގައި ކޮޅަށްހުރެ ނުކެއުމާއި ފެން ބޯއިރު މަޑުމަޑުން އެތިއެތިފޮދުން ދަމައިލައިގެން ބުއިން ހިމެނެއެވެ. ތިން ނޭވާއިން އެއްޗެހި ބުއިމަށް އަންގަވައިފައި ވެއެވެ. އެއްފަހަރާ ފެންތަށްޓެއް ނުވަތަ ޖޫސްތަށްޓެއް ދަމާލުމަކީ ކުއްލިއަކަށް މަޢިދާ ފުފި ފުޅާވެގެންދާނެ ކަމެކެވެ. މިކަމުގެ ސަބަބުން ސިމްޕެތެޓިކް އަދި ޕެރަސިމްޕަތެޓިކް ނިޒާމަށް ކުއްލި އަސަރުތަކެއް ފޯރާނެއެވެ. އޭރުން ހަޖަމާބެހޭ ނިޒާމަށާއި ލޭހިނގުމާބެހޭ ނިޒާމަށް ނުބައި އަސަރުތަކެއް ފޯރާނެއެވެ. މަޑުމަޑުން ފެން ބުއިމުން ހަށިގަނޑަށް ހަމަ ހިމޭންކަން ލިބޭނެއެވެ. ބޯ އެއްޗެއް ބޮނީ ބޯހިތުން ކަމަށް ވާތީ މި ޝައުޤުވެރިކަން ޙާޞިލު ކުރުމަށްޓަކައި ލަސްލަހުން ބުއިމަކީ ބޭނުން ކަމެކެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެއްވާފައިވާ އިރްޝާދުތަކުގެ ތެރޭގައި ކެއުމަށްފަހު ދަތް ކޮށްޓުމާއި ދަތް އުނގުޅުން ހިމެނެއެވެ. ކެއުމަށްފަހު ދަތް ކޮށްޓުމަކީ ދެދަތް ދޭތެރެއަށް ވަދެފައި ހުންނަ ކާއެއްޗެހިތައް ބޭރަށް ނެރުމަށް ބޭނުން ކަމެކެވެ. މި އެތިކޮޅުތައް އެތަންތާނގައި ބަހައްޓައިފިނަމަ އެނގައިން ނުބައިވަސް ދުވާނެއެވެ. އަދި ހިރުގަނޑު ހަލާކުވުމާއި ދަތް ފަނިކެއުންފަދަ ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެއެވެ. ކައި ނިމިގެން ދުފާލުމުން މި މަޤްޞަދު ޙާޞިލެއް ނުވާނެއެވެ.

ކީރިތި ރަސޫލާއާއި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ކާއެއްޗެހި ކެއްކުމަށްޓަކައި ބޭނުން ކުރުން އެންމެ ރަނގަޅު ކަންވާރާ ބެހޭގޮތުން ވެސް އިރްޝާދު ދެއްވައިފައިވެއެވެ. ކެއްކުމަށްޓަކައި މުށީގެ ކަންވާރުތައް ބޭނުން ކުރުމަށް ނަޞީޙަތް ދެއްވާފައި ވެއެވެ. މި ޒަމާނުގެ ސައެންޓިފިކް ދިރާސާތައް ބުނާގޮތުގައި ކައްކާ އެއްޗެއްސާއެކު ރިއެކްޝަން ނުވަނީ ހަމައެކަނި ބިއްލޫރިއާއި މުށްޓެވެ.

ކެއުންބުއިމުގެ އިސްލާމީ ބައެއް އަދަބުތައް

ކެއުމާއި ބުއިމުގެ އިސްލާމީ އަދަބުތަކަށް ބަލާއިރު ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ " بَرَكَةُ الطَّعَامِ الْوُضُوءُ قَبْلَهُ وَالْوُضُوءُ بَعْدَهُ [9]  ކެއުމުގައި ބަރަކާތް ވަނީ ކެއުމުގެ ކުރިންނާއި ފަހުން ވުޟޫ ކުރުމުގައެވެ. " މި ބަސްފުޅުގައިވާ ވުޟޫގެ މާނައަކީ ދެ އަތާއި އަނގަ ދޮވުމެވެ. މި ކަމުގެ ސަބަބުން އަތާއި އަނގަ ކިލައިންނާއި ޖަރާސީމުން ތާހިރުވެ ސާފު ވެގެންދާނެތީއެވެ. 

ދެވަނަ ކަމަކީ ކާއިރު ނުވަތަ ބޯއިރު އެ ކަމުން ޙާޞިލު ކުރަން އެދޭ މަޤްޞަދަކީ  ﷲއަށް ކިޔަމަންގަތުމުގައްޔާއި ތިމާގެ ވާޖިބުތަކާއި މަސައްކަތްތައް ކުރުމުގައި އެ ކަމުން  ވާގިވެރިކަން ހޯދުމުގެ ނިޔަތުގައި ކެއުމާއި ބުއިމެވެ.

ތިންވަނަ ކަމަކީ ބިސްމި ކިޔައިގެން ކެއުމާއި ބުއިމެވެ. ބިސްމި ކިޔަނީ ކީއްކުރަން ހެއްޔެވެ؟ މުސްލިމު އިންސާނާ އޭނާ ކައިހަދާ އެއްޗެއްސާ މެދު ފަހެ ނުވިސްނާ ހެއްޔެވެ؟  އޭނާ އެ ކާ އެތިކޮޅު ހެދީ ކާކު ހެއްޔެވެ؟ އުޑުން ވެހުނު ފެނުންނާއި ، ބިމުން ފެޅި ގަހުން ނޫންހެއްޔެވެ؟ ބިމުންފެޅި ގަސްގަހާގެހިން މި ނުކުތް މޭވާއާއި ތަރުކާރީ ހެއްދެވި ފަރާތުގެ މަތިން ހަނދުމަ ނުކުރާނަން ހެއްޔެވެ؟ އެކަލާނގެއަށް ޝުކްރު ނުދަންނަވާނަން ހެއްޔެވެ؟ ތިބާގެ ހަށިގަނޑާ ގުޅޭގޮތަށް އޭގައި ރަހަ ލައްވައި ، އޭގައި ކުލަ ޖައްސަވައި ، އޭގައި ތިބާގެ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކާނާ ލެއްވީ އެކަލާނގެ ނޫންހެއްޔެވެ؟ ތިބާ ތިޔަ ބޯ ފެންފޮދު ރަހަ މީރު ، ދިރުވަން ފަސޭހަ އެއްޗެއްގެ ގޮތުގައި ލެއްވީ ކާކު ހެއްޔެވެ؟ ﷲއެވެ. بِسْمِ اللهِ الرحمن الرحيم  ގެ މާނައަކީ މިއީ އެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. " إِذَا أَكَلَ أَحَدُكُمْ طَعَامًا فَلْيَقُلْ بِسْمِ اللَّهِ فَإِنْ نَسِيَ فِي أَوَّلِهِ فَلْيَقُلْ بِسْمِ اللَّهِ فِي أَوَّلِهِ وَآخِرِهِ [10] ތިޔަބައިމީހުންގެ ތެރެއިން މީހަކު ކައި ހަދާ ނަމަ ފަހެ بِسْمِ اللَّهِ ކިޔާ ހުށިކަމެވެ! ކާން ފެށި އިރު ބިސްމި ކިޔަން ހަނދާން ނެތުނު ނަމަ بِسْمِ اللَّهِ فِي أَوَّلِهِ وَآخِرِهِ ކިޔާށެވެ!

ހަތަރުވަނަ ކަމަކީ ކައި އަވަދިވެގެން މާތް ﷲއަށް ޙަމްދު ކުރުމެވެ.  ކާން ފަށާއިރު ބިސްމި ކިއުމާއި ކައި ނިމިގެން ﷲއަށް ޙަމްދު  ކުރުމަކީ އިންސާނާ އޭނާގެ ޙައިވާނީވަންތަކަމުން ބޭރަށް ނެރެދޭނެ ކަމެކެވެ. އަދި މިކަމުގެ ސަބަބުން އޭނާއަށް ނަފްސާނީ ހިތްހަމަޖެހުން ލިބޭނެތެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. " مَنْ أَكَلَ طَعَامًا ثُمَّ قَالَ : الْحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا الطَّعَامَ وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلا قُوَّةٍ ، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ [11] މީހަކު ކާއެއްޗެއް ކެއުމަށް ފަހު:   (މި ކޭ އެއްޗެހި މި އަޅާއަށް ކާން ދެއްވައި، މިއަޅާގެ އެއްވެސް  އާރެއްބާރެއް ނެތި މިއަޅާއަށް ރިޒްޤުކޮށްދެއްވި ﷲއަށް ޙަމްދު ހުއްޓެވެ.) ކިޔައިފި ނަމަ ،  އޭނާގެ އިސްވެދިޔަހާ ފާފަތައް ފުއްސަވާ  ދެއްވާނެތެވެ. "

މި ހުރިހާ އިރްޝާދުތަކަކީ ރިވެތި އަޚްލާޤާއި ސުލޫކާ ގުޅިފައިވާ ކަންތައްތަކެކެވެ. އެހެނީ އިސްލާމްދީނަކީ މާއްދީ އަދި އަޚްލާޤީ ދީނެކެވެ. އިސްލާމްދީން މަސައްކަތް ކުރަނީ މުސްލިމުންގެ ޝަޚްޞިއްޔަތު ބިނާ ކުރުމަށާއި އެމީހުންގެ ސުލޫކު ރިވެތި ކުރުމަށެވެ.


[1] - البقرة : 172

[2] - رواه الطبرانى

[3] - الأعراف : 31

[4]  - مريم:62

[5] - طب الأئمة: ص 59

[6] - الطب النبوي لابن قيم الجوزية، ص :  321

[7] - މިއީ ޞައްޙަ ޙަދީޘެއް ނޫންކަމަށް ބުނެވެއެވެ.އިބްނު ބާޒު ވިދާޅުވާ ގޮތުގައި މި ޙަދީސުގެ ސަނަދުގައި ބަލިކަށިކަމެއް ވެއެވެ.

[8] - رواه الترمذى وصححه الألبانى

[9] - رواه أبو داود وأحمد

[10] - رواه أحمد والحاكم والترمذى

[11] - رواه البيهقى

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.