ނޯޓް: މިއީ ބެލްޖިއަމްގެ ލޫވަން ޔުނިވަރސިޓީގައި ޕޮލިޓިކަލް ސައިންސް ކިޔަވައިދެއްވާ ޑރ. މުޙައްމަދު ޢަލްޢުމަރު އަރަބި ބަހުން ލިއުއްވާފައިވާ މަޒުމޫނެއްގެ ތަރުޖަމާއެކެވެ. ޔަމަނުގެ ހަނގުރާމައާމެދު ތަފާތު ނަޒަރަކުން ބަލާލައިފައިވާ ލިއުމެކެވެ.
ސައޫދީ އަރަބިއްޔާ އިސްކޮށް އޮވެ އުފެއްދި އަރަބި ކޯލިޝަނޭ ކިޔާ ކޯލިޝަނަކުން ޔަމަނަށް ހަމަލާދޭން ފެށިފަހުން ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވީއެވެ. ޔަމަނުގެ ރައީސު ޢަބްދުރައްބޫ މަންޞޫރު ހާދީގެ ޤާނޫނީ ސަރުކާރު ދިފާއުކޮށް، ޙޫޘީ ޖަމާއަތް ނައްތާލުމަށް ކަމަށް ބުނެ އެ ކޯލިޝަނުން ޔަމަނަށް ހަމަލާދޭން ފެށީ 2015 ވަނަ އަހަރުގެ މާރިޗު މަހުގެ 25 ވަނަ ދުވަހުއެވެ. އޭރު ސައޫދީ އަރަބިއްޔާއިން ބުނީ އެއީ ފަސޭހަ ހަނގުރާމައެއް ކަމުގައެވެ. އަދި ދެ ހަފުތާތެރޭގައި ހަނގުރާމަ ނިންމާލެވޭނެ ކަމުގައެވެ. އެހެންނަމަވެސް، ހަގީގަތަށް ބަލާއިރު، އަހަރުމެން މިވޭތުކުރަނީ އެ ހަނގުރާމައިގެ ފަސްވަނަ އަހަރެވެ. އަދި ހަނގުރާމަ އަވަހަކަށް ނިމިދާނެ ކަމުގެ އުއްމީދެއްވެސް ނެތެވެ. އެހެނީ ސައޫދިއްޔާއަށާއި، އެގައުމުގެ 'ބައިވެރިޔާ' ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް، ޙޫޘީން ނައްތާނުލެވުނު އިރު، އެމީހުން ހަތިޔާރު ބަހައްޓަން މަޖޫބޫރުވެސް ނުކުރެވުނެވެ.
އަދި ކިއެއްތަ! އެއާ ޚިލާފަށް އަހަރުމެންނަށް ފެންނަނީ އީރާނުގެ އެހީތެރިކަން ލިބޭ ޙޫޘީން އިދިކޮޅު ހަމަލާތައް ދިފާއުކުރާ މީހުންގެ ގޮތުގައި ތިބުމުގެ ބަދަލުގައި އިސްވެ ހަމަލާދޭ މީހުންނަށް ބަދަލުވިތަނެވެ. އެހެނީ، ޙޫޘީން ވަނީ ސައޫދީ އަރަބިއްޔާގެ އެންމެ އެތެރޭގައި ހުރި ވައިގެ ބަނދަރުތަކާއި، ހަކަތަ އުފައްދާ ތަންތަން ފަދަ އިގްތިސާދީ ގޮތުން މުހިއްމު އެތައް އަމަޒާކަށް ވޭންދެނިވި ހަމަލާތަކެއް ދީފައެވެ. އެންމެ ފަހުން ދެވުނު އަދި އެންމެ ވޭންދެނިވި ހަމަލާއަކީ އަބްޤައިޤާއި ޙުރައިޞްގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ދިން ހަމަލާއެވެ. މިހަމަލާއިން ލިބުނު ގެއްލުމުގެ ސަބަބުން ސައޫދީ އަރަބިއްޔާއިން ތެޔޮ އުފެއްދޭ މިންވަރު ވަނީ ދެބައިކުޅަ އެއްބަޔަށް ދަށްވެފައެވެ. އަޅުގަނޑުގެ މި މަޒުމޫނުގައި މަސައްކަތްކޮށްފައިވާނީ ޔަމަނުގައި ހިނގާ ހަނގުރާމައާއި، އެ ހަނގުރާމައިން ސަރަހައްދަށް ކުރާ އަސަރާއި، އެކަމުގައި އެމެރިކާ ކުޅޭ ދައުރާ ގުޅޭ ގޮތުން އުފެދޭ މުހިއްމު ސުވާލުތަކަށް ޖަވާބު ހޯދުމަށެވެ.
ފުރަތަމަ ސުވާލު: 2015 ވަނަ އަހަރު ޔަމަނުގެ މައްސަލައިގެ ތެރެއަށް ވަނުމަށް ސައޫދީ އަރަބިއްޔާއިން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ހެއްޔެވެ؟
ހަގީގަތަށް ބަލާއިރު، އަހަރުމެންނަށް ފެންނަ ގޮތުގައި، ޔަމަނުގެ މައްސަލައިގެ ތެރެއަށް ވަނުމަށް 2015 ވަނަ އަހަރުގެ މާރިޗު މަހުގެ 25 ވަނަ ދުވަހު ފަތިހު ސައޫދީ އަރަބިއްޔާއިން ނިންމި ކުއްލި ނިންމުކީ އިސްތިރާތީޖީ (ސްޓްރެޓިޖިކް) ގޮތުން ބަލާއިރު އުސޭލެއްގެ ގޮތުން ރަނގަޅު ނިންމުމެކެވެ. އެހެނީ، އަމަލީ ގޮތުން އީރާނު ފަހަތުގައި އޮވެގެން ހަރަކާތްތެރިވާ ޙޫޘީ ޖަމާއަތް އޭރު ވަނީ ޔަމަނުގެ ބޮޑު ބައެއްގެ މައްޗަށް އެމީހުންގެ ބާރު ހިންގައި، ވެރިރަށް ޞަންޢާއަށް ވަދެގެންފައެވެ. އެހެންކަމުން، ޙޫޘީންގެ މި ކުރިއެރުން ހުއްޓުވައި، އެކަމަށް ހުރަސްއެޅުމަށް ސައޫދީ އަރަބިއްޔާއިން ހަރަކާތްތެރިވުމަކީ ޠަބީއީ ކަމެކެވެ. އެއްކޮޅުން ސައޫދީ އަރަބިއްޔާއާއި އީރާނާ ދެމެދު އުފެދިފައި އޮތް އަދާވާތްތެރިކަމުގެ ސަބަބުންނެވެ. އަނެއް ކޮޅުން ސަރައްދުގައި ބަދަލުވަމުން ދިޔަ އިސްތިރާތީޖީ ހަގީގަތްތަކުގެ ސަބަބުންނެވެ. އެއީ އަރަބި ކަރައިގެ ވަށައިގެން ފެތުރެމުން ދިޔަ އީރާނުގެ ނުފޫޒެވެ. ޚާއްސަކޮށް އިރާގާއި ސީރިޔާގައެވެ. މިދެންނެވުނު ކަންކަމުގެ މައްޗަށް ބުރަވެ، ވަރަށް ކުރުކޮށް ދަންނަވާނަމަ، ބިންމަތީގައި އޮތް ސިޔާސީ އަދި އަސްކަރީ ހާލަތަށް ބަލާއިރު، 2015 ވަނަ އަހަރު ޔަމަނުގެ މައްސަލައިގެ ތެރެއަށް ސައޫދީން ވަނުމަކީ ނުވެ ނުދާނޭ ކަމެކެވެ. އަދި އެއަށްވުރެ އިތުރުކޮށްލާނަމަ، ދަންނަވަން ޖެހެނީ އެކަން އޮތީ ލަސްވެފައި ކަމުގައެވެ. މައްސަލައަކަށް ވަނީ އުސޫލެއްގެ ގޮތުން ޔަމަނުގެ މައްސަލައިގެ ތެރެއަށް ވަނުމެއް ނޫނެވެ. ވަނުމަށް ފަހު އެކަން ކުރިއަށް ގެންދިޔަ ގޮތެވެ. މިއަދު ދިމާވެގެން އުޅޭ ސިޔާސީ، އަސްކަރީ، އިންސާނީ އަދި އިގްތިސާދީ ހުރިހާ މައްސަލައެއް ދިމާވެގެން އުޅެނީ އެހެންވެގެންނެވެ.
ދެވަނަ ސުވާލު: ސައޫދީން 2015 ވަނަ އަހަރު ޔަމަނުގެ މައްސަލައިގެ ތެރެއަށް ސީދާގޮތުން ނުވަދެ، ޙޫޘީންނަށް ޔަމަނު ދޫކޮށްލަނަމަ، ޔަމަނުގެ ހާލަތު މިހާރަށްވުރެ ރަނގަޅުވީސް ހެއްޔެވެ؟
ސައޫދީ ޚަޒާނާ ހުސްކޮށްލުން ދަނީ ކުރިއަށެވެ. 'ޖިޒީ'ގެ ގޮތުގައްޔާއި، އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ އެއްބަސްވުންތަކުގެ ގޮތުގައެވެ. އެހެންނަމަވެސް، މިހަތިޔާރުތަކަށް އަމިއްލަ ގޮތުން ބަޔަކު އުފައްދާފައިވާ ދިހަ ވަރަކަށް ޑްރޯންއިން ސައޫދީ އަރަބިއްޔާ ސަލާމަތް ނުކުރެވުނުވެ. އަނެއްކޮޅުން ޔަމަނުގައި ކުރާ ހަނގުރާމައަށް ސައޫދީން ދަނީ ކޮންމެ ދުވަހަކު ބޮޑު ހޭދައެއް ކުރަމުންނެވެ.
ޔަމަނުގެ މައްސަލައިގެ ތެރެއަށް ސައޫދީން ސީދާގޮތުގައި ނުވަންނަމަވެސް ޔަމަނު ހާލަތު ވަކި ރަނގަޅުވާނޭކަމަކަށް އަހަރުމެންނަށް ގަބޫލުނުކުރެވެއެވެ. އެތައް ސަބަބުތަކަށް ޓަކައެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ސަބަބުތަކަކީ ޔަމަނުގެ މުޖްތަމައު އުފެދިފައި ނާޒުކު ގޮތެވެ. އަދި ޔަމަނާއި ގުޅިފައިވާ ބައިނަލް އަގްވާމީ އެކި ފަރާތްތަކުގެ މަސްލަހަތުތައް ފުށުއެރުމެވެ. މީގެ އިތުރަށް ޔަމަނުގައި އޮތް ޒަމާންވީ އިގްތިސާދީ މައްސަލަތަކެވެ. ފަހެ، ޔަމަނުގެ ދައުލަތުގެ ގިނަ މުއައްސަސާތަކުގެ މައްޗަށް ޙޫޘީން ވެރިވެގަތުމަކީ ޔަމަނުގެ ގިނަ ބަޔަކު އެދޭ ގޮތެއް ނޫނެވެ. މިހެންވުމުން، ޙޫޘީންނަށް ތާއީދުކުރާ ފަރާތްތަކާ، އެމީހުންނާ އިދިކޮޅު ފަރާތްތަކާމެދު ތަޅާފޮޅުން އުފެދި، ހަނގުރާމަ ފެށޭނެއެވެ. ޔަމަނު އޮތް ތަނުގެ ގޮތުންނާއި، ބޮޑެތި ބާރުތަކުގެ މަސްލަހަތާއި ޔަމަނު ގުޅިފައި ވާތީ، މިފަދަ ހަނގުރާމައެއް ހަމައެކަނި ޔަމަނުގެ ހަނގުރާމައެއްގެ ގޮތުގައި ނޯންނާނެއެވެ. ސީރިޔާގައިވެސް ކަން ހިނގިހެންނެވެ. ގައުމު ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެ އިންސާނުންނާއި، އުމްރާނީ ތަރައްގީ ނެތިގޮސް ގައުމު ފުނޑުފުނޑުވެ ސުންނާފަތިވުން ނޫން ނަތީޖާއެއް އޭރުން ނުނުކުންނާނެއެވެ. މިފަދަ ހާލަތަކަށް ޔަމަނު ވެއްޓުނަ ނުދިނުމަށް މައްސަލައިގެ ތެރެއަށް ސައޫދީން ވަނުން ވާނީ ސުލްހައަށް މަގު ފަހިކޮށްދޭ ކަމަކަށެވެ. 'އޮޕަރޭޝަން ޑިސައިސިވް ސްޓޯމް' އަށް ބާރާއި ޤާނޫނީ ހައިސިއްޔަތު ލިބުނީ އެހެންވެއެވެ. އެހެންނަމަވެސް، ހިތާމައާއެކު ދަންނަވަން ޖެހެނީ، ފުރަތަމަ ދުވަހުއްސުރެ ސައޫދީން އަމަލުކުރަމުން ދިޔައީ އެމީހުންގެ މަސައްކަތް ނާކާމިޔާބުވާ ގޮތަށެވެ. އެހެންވެ، އެ އޮޕަރޭޝަނުން ސައޫދީންނަށް އެމީހުންގެ ލަނޑުދަނޑިތައް ހާސިލުނުވިއިރު، ޔަމަނު މީހުންނަށްޓަކައި ޔަމަނުވެސް ސަލާމަތްކޮށްނުދެވުނެވެ.
ތިންވަނަ ސުވާލު: ޔަމަނާމެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތުގެ ހަގީގަތަކީ ކޮބާ؟
އެމެރިކާގެ ފެހި ސިގްނަލް ލިބިފައި ނެތްނަމަ، ސައޫދީން އިސްވެ ތިބެ އުފެއްދި އަރަބި ކޯލިޝަނުން ޔަމަނުގެ ހަނގުރާމައިގެ ތެރެއަށް ނުވަނީހެވެ. އެހެންނަމަވެސް، އެމެރިކާގެ 'ސާލުގެ ދަށުން' ނުނިކުންނަ މެންބަރުން ހިމެނޭ ކޯލިޝަނެއް އުފެއްދުމަށް އެމެރިކާއިން ސައޫދީންނަށް އާނބަސް ބުނުމުގެ މަގްސަދަކީ ކޮބައިބާވައެވެ؟ އެންމެ ފަސޭހަ ޖަވާބަކީ ސަރަހައްދުގައި ފެތުރެމުން އަންނަ އީރާނުގެ ނުފޫޒަށް ހުރަސްއެޅުމޭ އަހަރުމެން ބުނުމެވެ. އެމެރިކާއާއި އީރާނަކީ ސަރަހައްދުގައި އިދިކޮޅު ދެފަރާތަށް ވާތިއެވެ. ކޯލިޝަން އުފައްދުމަށް އާނބަސް ބުނެ، އެކޯލިޝަނަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދިނީވެސް އެހެންވެގެންނެވެ.
އަޅުގަނޑު ދެކޭގޮތުގައި، ހަގީގަތުގައި އެމެރިކާގެ އަމާޒަކީ އެއްވެސް ގޮތަކުން އީރާނު ނޫންކަން ވަރަށް ސާފެވެ. ކަން އޮތީ އެއާ މުޅިން އިދިކޮޅަށެވެ. އީރާނުގެ ބާރު ސަރަހައްދުގެ ގައުމުތައް ކަމުގައިވާ އިރާގާއި، ސީރިޔާ އަދި އެންމެ ފަހުން ޔަމަނުގައި ފެތުރިގެން ދިޔައީ އެމެރިކާ ބަލަން އޮއްވައެވެ. އަދި އެމެރިކާއިން ވަކި މަގްސަދަކަށްޓަކައި އެކަން ނުފެންނަ ކަމަށް ހަދައިގެން ތިއްބައެވެ. މައްސަލަ ތަހުލީލުކުރުމުގައި ހައްދު ފަހަނައަޅައި ގޮސްފައިވާ މީހަކަށް ވެދާނެތީ (އީރާނުގެ ބާރު މުޅި ސަރަހައްދަށް ފެތުރީ) ސީދާ އެމެރިކާގެ އެހީތެރިކަމާއެކުގައޭ އަޅުގަނޑު ނުދަންނަވާނަމަވެ. އެކަމުގެ ސާފު ހެކިތައް ބައިވަރެވެ. އޭގެ މިސާލެއް ދަންނަވާލާނަމެވެ. އިރާގުގައި ކުރިން ހުންނެވި އެމެރިކާގެ ސަފީރު ޚަލީލުޒާދް (މިހާރު އެމެރިކާއިން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޒަލްމޭ ޚަލީލުޒާދް) އޭނާގެ ފޮތް 'ދި އެންވޯއި' ގައި، އިރާގުގައި އީރާނާ އެމެރިކާއާ ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުން ވިދާޅުވެފައި ވާގޮތުގައި، އެމެރިކާއިން އިރާގަށް އަރައިގަތް އިރުވެސް، އަދި އޭގެ ފަހުން ވެސް ދެގައުމުގެ މަސްއޫލުވެރިންގެ މެދުގައި ބައްދަލުވުންތައް ކުރިއަށް ދިޔައެވެ. އަދި އޭނާ ވަނީ އެމެރިކާއިން އިރާގުގައި ހެދި 'ބޮޑެތި ގޯސްތައް' ވެސް ބަޔާންކޮށްފައެވެ. އޭގެ ތެރޭގައި، އިރާގުގެ ސަލާމަތީ ބާރުތައް މުޅިން ރޫޅާލުމާ، އިރާގެ ސަރަހައްދީ ރޮނގުގެ ސަލާމަތީ ކަންކަން ނުބަލަހައްޓައި ދޫކޮށްލުމަކީ މިފަދަ 'ގޯސްތަކެވެ.' ސަރަހައްދީ ރޮނގު ނުބެލެހެއްޓުމުގެ ސަބަބުން އީރާނުގެ އެތައްހާސް ބަޔަކު ވަނީ އިރާގަށް ވަދެފައެވެ. ޚަލީލުޒާދު އޭނާގެ ފޮތުގައި އަދިވެސް ވިދާޅުވެފައިވާ ގޮތުގައި، އިރާގުގައި ވައިޓް ހައުސްއާއި ޕެންޓަގަން (އެމެރިކާގެ ދިފާއީ ވުޒާރާ) އިން ގެންގުޅު ސިޔާސަތުގެ ސަބަބުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް (ޚާރިޖީ ވުޒާރާ) އޮތީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. ޚާއްސަކޮށް އެގައުމުގައި ހަލުވިކަމާއެކު ފެތުރެމުން ދިޔަ އީރާނުގެ ނުފޫޒުގެ ސަބަބުންނެވެ. އެ ވުޒާރާއިން އެކަމާމެދު އެތައް ފަހަރަކު މައްސަލަ ޖެއްސިނަމަވެސް، އެކަމާ އަޅަނުލާ ދޫކޮށްލުވުނީއެވެ. ވީއިރު، ސައޫދީން ޔަމަނަށް ވަނުމަށް އެމެރިކާ އާނބަސް ބުނީ ކީއްވެހެއްޔެވެ؟ ލޮޖިކަލް، އަދި އެމެރިކާއިން ސަރަހައްދުގައި ގެންގުޅޭ ސިޔާސަތާމެދު އަޅުގަނޑުގެ ތަހުލީލީ ނަޒަށް ފެންނަ ޖަވާބަކީ، އެ ހަނގުރާމައިގެ ތެރޭގައި ސައޫދީ އަރަބިއްޔާ ތާށިކޮށް، އެގައުމުގެ މުއްސަނދިކަން ބޭކާރުގޮތުގައި ދުއްވާލުމުވެ. އަދި އަރަބި އަދި އިސްލާމީ ދުނިޔޭގައި އޮތް އެގައުމުގެ ހައިބަތު ނައްތާލުމެވެ. ބޭނުމަކީ، ފަހުން އެގައުމު ފުނޑުފުނޑުކޮށްލުމަށް މަގުފަހިކުރުމެވެ.
އެކަމަކު... އެމެރިކާ އެހެން ހަދަންވީ ކީއްވެހެއްޔެވެ؟ ސައޫދީ އަރަބިއްޔާއަކީ އެމެރިކާގެ ބައިވެރިއެއް ނޫންހެއްޔެވެ؟
މި ސުވާލުގެ ޖަވާބު އެކުލެވިގެންވަނީ، އެމެރިކާ އިން މެދުއިރުމަތީގައި ގެންގުޅޭ ސިޔާސަތު ބައްޓަންކުރުމުގައި އިސްރާއީލުން އަދާކުރާ މުހިއްމު ދައުރާމެދު އަޅުގަނޑު ދެކޭގޮތުގެ މައްޗަށެވެ. އެއީ، އެމެރިކާގެ މަސްލަހަތަށް ބެލުމެއް ނެތި އިސްރާއީލުގެ ލަނޑުދަނޑިތަކާއި، ރޭވުންތައް ކާމިޔާބުކުރުމަށް އަދާކުރާ ދައުރެކެވެ. ފަހެ، މެދުއިރުމަތީގައި އިސްރާއީލުގެ ސިޔާސަތު ބިނާވެފައި އޮތީ އެ ސަރަހައްދު ބައިބައިކޮށް، އެއް ބަޔަކު އަނެއް ބަޔަކާ ތަޅާފޮޅާ ކުދި ދައުލަތްތަކަކަށް ބަދަލުކޮށްލުމުގެ މައްޗަށެވެ. ސަރަހައްދުގެ ހަމައެކަނި ބާރުގެ ގޮތުގައި އިސްރާއީލު ދެމިއޮތުމަށެވެ. މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ސަރަހައްދުގެ ބޮޑެތި ގައުމުތަކުގެ މުއްސަނދިކަން ބޭކާރު ގޮތުގައި ދުއްވާލައި، ބައިބައިކޮށްލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އިރާގާއި، ސީރިޔާ (އަދި ލީބިޔާ) އަށް އެވަނީ އެހެން ހަދާފައެވެ. ސައޫދީ އަރަބިއްޔާ ބެލެވިފައި ވަނީ ސަރަހައްދުގެ އެންމެ ބާރުގަދަ އެއް ގައުމުގެ ގޮތުގައެވެ. އެއީ ތިން ސަބަބަކަށްޓަކައެވެ.
• ސައޫދީ އަރަބިއްޔާއަށް ލިބިފައިވާ އިގްތިސާދީ ވަސީލަތްތަކުގެ ބޮޑު މުއްސަނދިކަން
• މާތްވެގެންވާ ދެ ހަރަމްފުޅު (މައްކާގެ އަލްމަސްޖިދުލް ހަރާމާއި، މަދީނާގެ އަލްމަސްޖިދުއް ނަބަވީ) އެ ގައުމުގައި ހުރުމުން ލިބިފައިވާ ދީނީ މަގާމު
• ޖިއޮގްރަފީ ގޮތުން ގައުމަށް ލިބިފައިވާ މުހިއްމުކަން. ސައޫދީ އަރަބިއްޔާ 2 މިލިއަން އަކަކިލޯމީޓަރަށްވުރެ ބޮޑު ސަރަހައްދަކަށް ފެތުރިފައި ވާއިރު، އެ ގައުމު ވަނީ މުހިއްމު ދެކަނޑުއޮޅި ކަމުގައިވާ ޕާޝިއަން ގަލްފާއި، ރަތް ކަނޑާއި ގުޅިފައެވެ.
ސައޫދީ އަރަބިއްޔާ ބަލިކަށިކޮށްލެވޭނީ މި ދެންނެވި ތިން ސަބަބު އެކުގައި ނައްތާލެވޭ ގޮތަށް މަސައްކަތް ކޮށްގެންނެވެ. މިހާރު އެކަން ކުރިއަށް އެދަނީއެވެ. އެ ގައުމުގެ މުއްސަނދިކަން ބޭކާރުގޮތުގައި ދުއްވާލުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. 'ޖިޒީ'ގެ ގޮތުގައި އެތައް ބިލިއަނެއް ދޭން ޖެހޭއިރު، އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރު އެގައުމަށް ދަނީ ވިއްކަމުންނެވެ. މި ހުރިހާ ހަތިޔާރާއެކުވެސް، ބަޔަކު އަމިއްލައަށް އުފައްދާފައިވާ މަދު ޑްރޯންތަކަކުން ދިން ހަމަލާއެއް އެ ގައުމަށް ވަނީ ދިފާއުނުކުރެވިފައެވެ. އަނެއްކޮޅުން، ޔަމަނުގެ ހަނގުރާމައަށް ކުރާ ޚަރަދު އެހާ ބޮޑެވެ. (ސައޫދީ އަރަބިއްޔާއިން ދަނީ ޔަމަނުގައި ކުރާ ހަނގުރާމައަށް ދުވާލަކު 22 މިލިއަން ޑޮލަރު ހޭދަކުރަމުން)
ސައޫދީ އަރަބިއްޔާއަށް ދީނީ ގޮތުން ލިބިފައިވާ މަގާމާއި ގަދަރު ނައްތާލުމުގެ މަސައްކަތްވެސް ވަނީ އެތެރޭންނާ ބޭރުން ފެށިފައެވެ. އެތެރެއަށް ބަލާއިރު، ގައުމުގައި މިހާރު އޮތް ދީނީ ސިޔާސަތު އެންމެންނަށް އެއޮތީ ފެންނާށެވެ. އެކަމުގެ އިތުރު ތަފްސީލަށް ދާކަށް އަޅުގަނޑު ނެތީމެވެ. ބޭރަށް ބަލާއިރު، އަޤްޞާ މިސްކިތް ހިމާޔަތްކުމުގައި ސައޫދީ އަރަބިއްޔާ ދީނީ ވާޖިބު ދޫކޮށްލާފައިވާ ދައުލަތެއް ކަމުގައި ދެއްކުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަޅުގަނޑު ދެކޭ ގޮތުގައި، ސައޫދީ އަރަބިއްޔާއާއި ގުޅުން ގާއިމުކުރަން ބޭނުންވާކަމަށް އިސްރާއީލުން ފާޅުގައި ބުނަމުން ދަނީ މިބޭނުމުގައެވެ. އެއީ، ދުނިޔޭގެ މުސްލިމުންގެ ކުރިމަތީގައި ސައޫދީންގެ ތަސައްވަރު ކިލަނބުކޮށްލުމަށް މިވަރު ފުދޭނެތީއެވެ. ދަންނަވަންތޯއެވެ. ސައޫދީ އަރަބިއްޔާއާއެކު ގުޅުން ގާއިމުކުރަން އިސްރާއީލު ބޭނުންނުވެއެވެ. އިސްރާއީލު ބޭނުންވަނީ އެގައުމު ފުނޑުފުނޑކޮށްލުމެވެ. އެ މަގުސަދު ހާސިލުކުރުމަށް އެގައުމުގެ ތަސައްވަރު ކިލަނބުކޮށް، މުސްލިމުންގެ ކުރިމަތީގައި އެ ގައުމުގެ އަގު ވައްޓާލުމަކީ މުހިއްމު ކަމެކެވެ. އެގައުމު އެކަހެރިވެ، އެހީވާނެ ބަޔަކު ނުތިބޭނީ އޭރުންތާއެވެ. މިކަމަށް އެންމެ ކާމިޔާބު ވަސީލަތަކަށް ވާނީ އެގައުމާއިއެކު ފާޅުގައި ގުޅުން ގާއިމުކުރުމެވެ. އެހެން ނޫންތޯއެވެ؟
ދެން އޮތީ ޖިއޮގްރަފީ ގޮތުން ސައޫދީ އަރަބިއްޔާގެ މުހިއްމުކަމުގެ ވާހަކައެވެ. އިސްރާއީލުގެ ސިޔާސީ އުސޫލުތަކަށް ބަލާއިރު ސައޫދީ އަރަބިއްޔާ ފުނޑުފުނޑުކޮށްލަން ޖެހެއެވެ. އެކަމަށްޓަކައި އެގައުމާއި އިރާނާއި ދެމެދު އަސްކަރީ ކުރިމަތިލުމުގެ ހުޅުގަނޑު ރޯކުރަން ޖެހެއެވެ. މިހާރު ކުރިއަށް ދަނީ އެކަމެވެ. އިސްވެ ދެންނެވުނު ހުރިހާ ވާހަކަތަކެއްގެ މައްޗަށް ބުރަވެ ހުރެ ގަބޫލުކުރަންޖެހެނީ، ނުސީދާ ގޮތުން ޙޫޘީންނަށް ނުވަތަ އެމީހުންގެ ފަހަތުގައިވާ އީރާނަށް އެމެރިކާއިން ގެރެންޓީތަކެއް ނުދޭނަމަ، ޙޫޘީން ދިން އެ ހަމަލާތައް ނުދިނީހެވެ. މި ހަމަލާތަކަށް ފަހު، އަހަރުމެންނާށް ފެންނާނީ ދެ ގޮތުން ކުރެ އެއްގޮތެވެ. އެއީ، އެމެރިކާއިން އެހީވާނެކަމަށް ކުރާ 'ވަހުމީ' ވައުދުތަކަކާއެކު، އީރާނާ ދެކޮޅަށް އަސްކަރީ ރައްދެއް ދިނުމަށް ސައޫދީންނަށް ހިތްވަރު ދިނުމެވެ. ނުވަތަ އަނެއްކާވެސް އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރުގެ ކޮންޓްރެކްޓްތަކާއެކު ސައޫދީ ޚަޒާނާ ހުސްކޮށްލުމެވެ. ހަމަލާތަކާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައި ރައީސު ޓްރަމްޕް ވިދާޅުވީ އެވާހަކައެވެ. "ސައޫދީން ޖެހޭނީ ފައިސާ ޚަރަދުކުރާށެވެ." މި ދެގޮތް އެކުވެގެން ފެނިގެން ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ. މަހުދޫދު އަސްކަރީ ފިޔަވަޅަކާއެކު އަނެއްކާވެސް ސައޫދީ އަރަބިއްޔާ އެމެރިކާގެ އުނގަށް އިތުރަށް ވެއްޓޭނީއެވެ. ސައޫދީން އެކުރާ ހަނގުރާމައިގެ އެކޮޅުމިކޮޅު އެބައިމީހުންނަށް އެނގޭބާވައެވެ؟