ޔަމަނުގެ ހަނގުރާމަ ހުއްޓާލުމާ ބެހޭގޮތުން ސައޫދީން ނުސީދާކޮށް ޙޫޘީންނާ ވާހަކަދައްކަނީ

ޔަމަނުގެ ވެރިރަށް ޞަންޢާއަށް ސައޫދީ ކޯލިޝަނުން ދިން ވައިގެ ހަމަލާއަކަށް ފަހު ދުން އަރަނީ

ޔަމަނުގައި 2015 ވަނަ އަހަރުއްސުރެ ޔަމަނުގައި ހިނގަމުންދާ ދާޚިިލީ ހަނގުރާމައަށް ނިމުމެއް ގެނައުމާ ބެހޭ ގޮތުން ސައޫދީ އަރަބިއްޔާގެ ސަރުކާރާއި، ޔަމަނުގެ ޝީޢާ ހަނގުރާވެރި ޖަމާއަތް، ޙޫޘީންނާ ދެމެދު ނުރަސްމީ، ނުސީދާ ވާހަކަަތަކެއް ބާއްވައިފިއެވެ. ދެ ފަރާތުގެ މަސްއޫލުވެރިންވެސް ވަނީ ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކަށް މިކަން ކަށަވަރުކޮށްދީފައެވެ.

މި ވާހަކަތައް ކުރިއަށް ގެންގޮސްފައި ވަނީ ސައޫދީ އަރަބިއްޔާ އަަދި ޔަމަނާވެސް ސަރަހައްދީ ގޮތުން ގުޅިފައިވާ އޮމާނުގައެވެ. އޮމާނަކީ ގަލްފް އަދި އަރަބި ޖަޒީރާގައި ހިނގަމުންދާ ދެބަސްވުންތަކާއި ހަމަނުޖެހުންތަކުގައި ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތު ގެންގުޅޭ ގައުމެެކެވެ. ފާއިތުވި ތަނުގައި އެ ގައުމުން ވަނީ މި މައްސަލަތަކުގައި މެދުވެރިއެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައެވެ.

ވާހަަކަތުގައި ޙޫޘީންގެ ފަރާތން ބައިވެރިވާ ޖަމާލު ޢަމްރު އެސޯޝިއޭޓެޑް ޕްރެސްއަށް މައުލޫމާތު ދިން ގޮތުގައި ފާއިތުވި ދެ މަސްދުވަހު ދެފަރާތުން ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވާހަކަތައް ކުރިއަށް ގެންގޮސްފައެވެ.

މި ވާހަކަތަަކުގައި ޔޫރަޕިއަން ޔުނިއަނުގެ މަންދޫބުންވެސް މެދުވެރިންގެ ގޮތުގައި ހަރަކާތްތެރިވާއިރު، ވާހަކަތަކުގައި ކުރިއެރުންތަކެއް ހޯދެމުންދާ ކަމުގެ އިޝާރާތްތަކެއްވެސް ވަނީ ލިބިފައެވެ. އެގޮތުން، ސައޫދީ ދިފާއީ ވަޒީރުގެ ނާއިބު އަމީރު ޚާލިދު ބިން ސަލްމާން ވަނީ ފާއިތުވި ހޯމަ ދުވަހު އޮމާނުގެ ވެރިރަށް މަސްކަޓަށް (މަސްޤަޠަށް) ކުއްލި ދަތުރުފުޅެއް ކުރައްވާފައެވެ. މި ދަތުރުފުޅަކީ އޮމާނުގެ ރަސްގެފާނު ޤާބޫސް ބިން ސަޢީދުއާ ބައްދަލުކުރައްވަން ކުރެއްވި ދަތުރުފުޅެއް ކަމުގައި ސައޫދީ ރަސްމީ ފަރާތްތަކުން ހާމަކުރިނަމަވެސް، އަމީރު ޚާލިދު އޮމާންގައި ޙޫޘީން ވަފުދަކާ ބައްދަލުކުރެއްވި ކަމަށް ޚަބަރު ލިބެއެވެ.

ސައޫދީ ވެރިރަށް ރިޔާޟުގައި ތިއްބަވާ ބޭރުގެ ޑިޕްލޮމޭޓުންނާ ހަވާލާދީ ބައެއް ޚަބަރުތައް ބުނާގޮތުގައި ސައޫދީން ވަނީ ޙޫޘީންނާ ވާހަކަދެއްކުމަށް އެގި މަގުތައް ހުޅުވާފައެެވެ. އޭގެ ތެރޭގައި ސީދާ މަގުތަކާއި، ނުސީދާ މަގުތައް ހިމެނެއެވެ. އެގޮތުން ސައޫދީ އަދީ ޙޫޘީ އަސްކަރީ ކޮމާންޑަރުން ވަނީ ތަފާތު ފަހަރުތަކުގައި ޔަމަނުގެ ވަރިރަށް ސަންޢާއާއި ސައުދީ ވެރިރަށް ރިޔާޟުގައި ބައްދަލުކޮށްފައެވެ.

އޮމާނުގައި ކުރިޔަށް ދިޔަ ވާހަތައް ފެށިފައި ވަނީ ފާއިތުވި ސެޕްޓެންބަރު މަހުގެ 14 ވަނަ ދުވަހު ސައޫދީ ތެޔޮ ކާރުޚާނާތަކަކަށް ދިން ވަރުގަދަ ޑްރޯން ހަަމަލާއަށް ފަހުގައެވެ. ޙޫޘީން ބުނެފައި ވަނީ އެއީ އެމީހުން ދިން ހަމަލާއެއް ކަމުގައެވެ.

ޚަބަރު ލިބޭ ގޮތުގައި މިހާރު ވާހަކަދެކެވުން ދަނީ ފުރަތަމަ ކުރަންޖެހޭ ކަންކަމާ މެދުގައެވެ. އޭގެތެރޭގައި ސައޫދީ ކޯލިޝަނުން 2016 ވަަނަ އަހަރު ބަންދުކޮށްފައިވާ ސަންޢާ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމާއި، ޙޫޘީން ކޮންޓުރޯލުކުރާ ޔަމަނުގެ ސަރަހައްދުތަކާއި، ސައޫދީ އަރަބިއްޔާ ގުޅޭ ސަރަހައްދީ ރޮނގުގައި އަސްކަރީ ހަރަކަތްތައް ނުހިނގާ ފަބާ ޒޯންއެއް ގާއިމުކުރުން ހިމެނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.