ރޭދަންވަރު މާލެއަށްކުރި ވިއްސާރާގައި ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެއްޖެއެވެ. މިހާދިސާގައި ބައެއް ގޭގެއަށް ވަނީ ފެންވަދެފައެވެ. ފެން އެންމެ ބޮޑުވެފައިވަނީ މާފަންނު ސަރަޙައްދުގައެވެ. މާލޭގައި ފެންބޮޑުވުމުން ސިފައިންވަނީ ފެންހިއްކުމުގެ މަސައްކަތް ކޮށްފައެވެ.
ޑިޒާސްޓަރ މެނޭޖުމެންޓް ސެންޓަރުން ބުނެފައިވަނީ ބައެއް ގޭގެއަށް ފެންވަންނަ ކަމުގެ ރިޕޯޓުތައް ލިބެމުންދާ ކަމަށެވެ. އެހެންކަމުން ހިފާގެންގުޅޭ ސާމާނު ފެންނުޖެހޭ ހިސާބުގައި ބެހެއްޓުމަށް އެތަނުންވަނީ އިލްތިމާސް ކޮށްފައެވެ. ފެންބޮޑުވުމުން ސިފައިން ވަނީ ބައެއް ހިސާބުގައި ވެލި ބަސްތާވެސް ޖަހައިފައެވެ.
މެޓު އޮފީހުން ވަނީ މާލޭ ސަރަޙައްދަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓްވެސް ނެރެފައެވެ.
އެތަނުން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ބުނެފައިވެއެވެ.
މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ހަތް މޭލާއި ސަތާރަ މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނަޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެއެވެ.
ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.