
މާލެ ސިޓީއަށް މިއަދު ބޯކޮށްވާރޭވެހި ގަޑިއެއްހާއިރު ތެރޭ ފެންބޮޑުވެއްޖެއެވެ.
މާލޭގައި ފެންބޮޑުވުމުން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވީސްގެ ޓީމުތަކުންދަނީ ފެން ހިއްކުމުގެ މަސައްކަތްކުރަމުންނެވެ. ފެންހިއްކުމުގެ މަސައްކަތް ކުރަމުންދަނީ މާލޭގެ ދެ ސަރަޙައްދެއްގައެވެ. އެއީ އައިޖީއެމް ހޮސްޕިޓަލް ސަރަޙައްދާއި ދުވާ ޓްރެކު ސަރަޙައްދުގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މޫސުމާ ބެހޭ އޮފީހުން ވިދާޅުވެފައިވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ގުގުރުން އެކަށީގެންވާ ކަމަށާއި ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވެފައިވެފައިވެއެވެ.
ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެންހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މޫސުމާބެހޭ އޮފީހުން ވިދާޅުވެފައިވެއެވެ. ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑު ވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.