ފ. ބިލެތްދޫގައި ޢިމާރާތް ކުރަން ހަމަޖެހިފައިވާ އެރަށު އިންޖީނުގޭގެ ބިންގާ މިއަދު އަޅުއްވައިފިއެވެ.
ބިންގާ އަޅުއްވައި ދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދެވެ.
މިއީ މިއަހަރު ތެރޭ ފެނަކައިން ޢިމާރާތް ކުރަން ފަށްޓާ 17 ވަނަ އިންޖީނުގޭ ކަމަށް އެކުންފުނިން ވިދާޅުވިއެވެ. އެކުންފުނީގެ އަމާޒަކީ މިއަހަރުތެރޭ މުޅިން އަލަށް 30 އިންޖީނުގެ ޢިމާރާތް ކުރުމެވެ.
ބިލެތްދޫ އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެދާއިރާގެ މަޖިލީސް މެމްބަރ އަޙުމަދު ޙަލީމް ބައިވެރިވެ ވަޑައިގެންނެވެ.
ފެނަކައިން ގެންދަވަނީ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކޮށް ވަރުގަދަ ކުރުމަށްޓަކައި ތަފާތު މަސައްކަތްތައް ކުރައްވަމުންނެވެ. މިއަހަރުގެ މިހާތަނަށް އެކުންފުނިން ވަނީ ތަފާތު އެކި ރަށްރަށަށް 53 އިންޖީން ފޮނުވައިފައެވެ. އޭގެ އަގު 150 މިލިއަން ރުފިޔާއަށްވުރެ ބޮޑެވެ.