ރިހީނުކޮށް ކަރުބުރިކޮށް މަރާލުމަށްފަހު ކަނޑު ފައްތައިފައިވާ ނޫސްވެރިޔާ ރިޟްވާން ޢަބްދުﷲގެ މައްސަލަ އަންނަ ހަފްތާގައި ޕީޖީ އަށް ފޮނުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރިޟްވާންގެ މައްސަލައިގައި ފަސްވަރަކަށް މީހެއްގެ މައްޗަށް ދަޢުވާ ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް ރިޔާސީ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
ވާނުވާ ނޭގޭ މަރުތަކާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަންގެ މަސައްކަތްތަކާ ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން، ރައީސް ވިދާޅޫވީ ޔާމީން ރަޝީދުގެ މައްސަލަވެސް ބަލާ ރިޕޯރޓް ތައްޔާރު ކޮށްފައިވާކަމުގައެވެ. ނަމަވެސް އެމައްސަލައަކީ ޝަރީޢަތުގައި އޮތް މައްސަލައަކަށް ވުމުން، ރިޕޯރޓް އާއްމުކުރުން ފަސްކުރައްވައިފައިވަނީ ޝަރީޢަތް ނިމެންދެކަށް ކަމަށް ރައީސް ވިޅުވިއެވެ. އަދި އަންނަ މަހު ކުރީކޮޅު އެމައްސަލައިގެ ޝަރީޢަތް ނެމޭނެކަމަށް ލަފާކުރެއްވޭކަމަށް ވިދާޅުވިއެވެ.
ރިޔާސީ ކޮމިޝަނުން ބަލައި ނިމިފައިވާ މައްސަލަތަކުގެ މަޢުލޫމާތު ދެއްވަމުން ރ، މީދޫއަށް އުފަން އަނަސްގެ މަރުގެ މައްސަލައިގެ ރިޕޯރޓްވެސް މުޅިން ނިމިފައިކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ރިޕޯރޓް އާއްމުނުކޮށް ވަނީ ދެފަރާތަކާ ކޮށްލަންޖެހޭ ބައެއް ސުވާލުތައް ހުރުމުން ކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެކަން ނިމުމާ އެކު އެރިޕޯރޓްވެސް އާއްމުކުރައްވާނެކަމަށް ވިދާޅުވިއެވެ.
ބަޤްލަދޭޝްގައި ޑޮކްޓަރ ކިޔަވަމުން ދަނިކޮށް މަރުވި، ރައުދާ އާތިފްގެ މައްސަލަވެސް ބަލައިނިމި ރިޕޯރޓް އާއްމު ކުރާ ހިސާބަށް ގޮސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އިތުރުމައްސަލަތައް ވެސް އެކޮމިޝަނުން ބަލަމުން ދާކަމަށް ރައީސް ވިދާޅުވިއެވެ.
ރިޟްވާންގެ މައްސަލައިގެ ރިޕޯޓް އާއްމުކުރައްވަމުން ރިޔާސީ ކޮމިޝަނުން ވިދާޅުވީ ދެހަފާތާއެއްގެ ތެރޭގައި ޑރ އަފްރާޝީމް މަރުގެ ރިޕޯރޓް އާއްމުކުރައްވާނެކަމުގައެވެ. ނަމަވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމައްސަލައާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.
ރިޔާސީ ކޮމިޝަންގެ ރައީސް ވިދާޅުވެފައި ވަނީ ގޮތް ނޭނގޭ މަރުތަކާ ބެހޭ 27 މައްސަލަ އެއް ބަލަމުންދާއިރު މަސަކަތް ނިންމާ ނުލެވި އޮތީ ހަތަރު ފަސް މައްސަލައެއްކަމަށެވެ.