ނިކަން ބިރުން ހިތެ ފޮޑީގެ

މިއީ އަޅުގަނޑުގެ އެކުވެރި ފަރެސް ޢާމިރު ހައްދަވައިފައިވާ ޅެމެކެވެ. މި ޅެން އޭނާ ހައްދަވައިފައި ވަނީ  އޭނާގެ ރަށު ބަހުރުވައިންނެވެ. ހުވަދޫ ބަހުރުވައިންނެވެ. މި ޅެން އަޅުގަނޑަށް ކިޔުނީ ކިތައް ފަހަރުކަމެއް ދަންނަވާކަށް ނޭނގެއެވެ. ކިޔާ ވަރަކަށް ދިޔައީ ރީތި ވަމުންނެވެ. އެހެންވީމާ ޅެން އާއްމު ބަހުރުވައަށް ބަދަލުކޮށް މާނަކޮށްލާނީއޭ ހިތަށް އެރީއެވެ. މި ޅެމުގައި މި ޒަމާނުގެ ހާލަތު ބަޔާން ކުރައްވައިފައިވާލެއް މޮޅުކަމާވެސް އެކުގައެވެ.

ފެނެކެ ނެތަސް ކައުޓި ބިނުން މިކަލެ ނިކަން އާއްމު ދާ؟

މިނެކެ ނުލައި ކޮންމި ކަމަކު ދޮގެ ހެދުމާ އާއްމު ދާ؟

ދިޔަ ނުޖެހުނަސް ހަރު ކާށި ކަމަށް ބަލައި ކާށި ބިނުން އާއްމު ވެއްޖެ ދޯއެވެ؟

ކޮންމެ ކަމަކާ ގުޅިގެން އެއްވެސް މިނެއް ނެތި ދޮގު ހެދުން އާއްމު ވެއްޖެ ދޯއެވެ؟

ކާށި ރަނގަޅަށް ހަރު ވެއްޖެތޯ ބަލާން ކުރާ ކަމަކީ ދިޔަ ޖެހޭތޯ ބެލުމެވެ. އެއީ ކަންފަތްދޮށުގައި ކާށި ހަލުވައިލުމެވެ. ނުވަތަ ކާށީގައި ފުއްޓަކި ޖެހުމެވެ. ދިޔަ ނުޖެހޭ ކާށްޓެއް ބޭނުން ކުރާން ބިނުމަކީ ނުވަތަ އެޅުމަކީ ކޮށް އުޅޭ ކަމެއް ނޫނެވެ. އެކަމަކު ދިޔަ ޖެހޭތޯ ބެލުމެއް ނެތި ކާށި އެޅުން މިހާރު މި ވަނީ އާއްމު ވެފައެވެ. މިއީ ކަންކަމަށް އެކަށީގެން ނުވާ މީހުން ކަނޑައެޅުމުގެ ވާހަކައެވެ. މީހެއްގެ ފެންވަރަށް ބެލުމެއް ނެތި މީސްމީހުނާ ކަންތައް ހަވާލު ކުރަމުން ގެންދާ ވާހަކައެވެ. އަޖުޒުގައި އެ ބަޔާން ކުރައްވަނީ މި ފަދަ މީސްމީހުންގެ ސަބަބުން ނުކުންނަ ނަތީޖާއެވެ. އެއީ ބަޔަކު ސުވާލު ކޮށްގަތީމާ ނުވަތަ ކަމަކާ ގުޅިގެން ހޫނުފެނަށް ވެއްޓުނީމާ އެޔެއްމިޔެއް ބެލުމެއް ނެތި ހެސްކިޔާފައި ދޮގު ހަދާން ފެށްޓުމެވެ.

ކަބި އެންމެނެ ކުރި އަރައިގެ، މުޅެ އެންމެނެ ކައްލަބޭގެ

ރޮބިހު ތަކެތި އަގެ އަރައިގެ، ގޮބި ފެމުނާ އެކެވަރޭގެ

މޮޔަ އެންމެން ކުރި އަރައިގެން ހިނގައްޖެއެވެ. މޮޅު އެންމެން މޮޔައިންނަށް ވެއްޖެއެވެ.

ގޮނޑުން ހޮވާ ތަކެތީގެ އަގު އަރައިގެން ހިނގައްޖެއެވެ. ނިދަން މިޔަރާއި ފެމުނާ އެއްވަރު ކަމަށް ވެއްޖެއެވެ.

މި ބައިތުގައި މި ބުނާ މޮޔައިންނަކީ ދުނިޔޭން މޮޔަވެފައިވާ މީހުންގެ ވާހަކައެއް ނޫނެވެ. މިއީ ދެކޮޅު ނުޖެހޭ ވާހަކަ ދައްކައި، ދެކޮޅު ނުޖެހޭ ކަހަލަ ކަންތައްތައް ކޮށްއުޅޭ މީހުންގެ ވާހަކައެވެ. މި ޒަމާނަށް ބަލާއިރު ކުރިއަރައި ބޮޑެތި ގޮނޑިތަކާ ހަމައަށް ދަނީ މިކަހަލަ މޮޔައިންނެވެ. ގަދަރުވެރިކަމާއި މޮޅު މަގާމުގެ ހައްގުވެރިން ކަމުގައި ބެލެވެނީވެސް އެފަދަ މީސްމީހުންނެވެ. ކިޔަވައިގެން ތިބި މޮޅު މީސްމީހުންނަކީ މޮޔައިން ކަމުގައި ބެލެވޭން ފަށައިފިއެވެ. އެފަދަ މީސްމީހުން ދައްކާ ވާހަކައަކީވެސް މޮޔަ ވާހަކަ ކަމުގައި ވާން ފަށައިފިއެވެ. ގޮނޑުން ހޮވާ ތަކެތީގެ އަގު އަރައިގެން ހިނގައްޖެ ކަމަށް ބުނެފައި މިވަނީވެސް ކަމު ނުގޮސްގެން ނުވަތަ ފެންވަރާއި ފަންވަރު ނެތިގެން ކަމުނުދާ ކަމަށް ކަނޑައަޅާފައިވާ މީހުން ކަމުގައި ގަބޫލު ކުރެވިފައިވާ މީސްމީހުންގެ އަގު އަރައި ކަމުދާ މީހުންގެ ލިސްޓުގައި އެމީހުންގެ ނަން ހިމަނަމުން ގެންދާ ވާހަކައެވެ. ކިޔަވައިގެން ހުރިމީހާއާއި މައް ޖާހިލުމީހާޔާ އެއްވަރު ކަމަށް ގަބޫލު ކުރެވޭން ފެށި ވާހަކައެވެ. ނިދަން މިޔަރަކީ އަޑީގައި ގިނަ ވަގުތު ނިދާފައި އޮންނަ އެއްޗެކެވެ. ފެމުނަކީ ހީވާގިކަމާއެކު ފުމެނަގާ އެއްޗެކެވެ. މިއަދު މި ވަނީ ފެމުނާއި ނިދަންމިޔަރާ އެއްވަރު ކަމަށް ބަލާން ފަށައިފައެވެ.

ވަކަރެގެޔާ އެއްވަނާޓެ، މަދަރެސެޔާ ދަނޓުވަނާޓެ

ހަކެރެ ބެހައި މަތިކެބާޓެ، އަރައި މިތޮއު ހުޓިކެބާޓެ

ވަކަރުގެ އެއްވަނަ ކަމަށް ބަލައިފިއެވެ. މަދަރުސާތަކަށް ދަށު ވަނަ ދޭން ފަށައިފިއެވެ.

މަތިކިބައިގައި ތިބި މީސްމީހުންނަށް ފައިސާ ބަހަން ފަށައިފިއެވެ. ދެން އަރައި މިތިބީ އަރިސް ކިބައަށެވެ.

ވަކަރުގެއަކީ ބަނޑޭރިގެއާ ދިމާއިން އަތިރިމަތީގައި ސަރުކާރުން އަޅާފައި ހުރިގެއެވެ. މިއީ ސަލާންޖަހާ ކުދިން ނިދާ އުޅޭން އެޅި ގެއެކެވެ. ވަކަރުގޭ ކުދިންނޭ ކިޔަނީ މި ގޭގައި އުޅޭ ކުދިންނަށެވެ. ނުވަތަ ރަށު ތެރޭގައި މީހުނަށް އުނދަގޫ ކުރަމުން، ވައްކަން ކުރަމުން ދުވާ ކުދިންނަށެވެ. އެހެންވީމާ ވަކަރުގެ ބެލެވިފައި ވަނީ ވިޔާނުދާ ކުދިންގެ ގެއަށެވެ. މިއަދު މި ވަނީ އެ ގެޔަކީ އެންމެ ރަނގަޅު ތަރުބިއްޔަތުގާހަކަށް ވެފައެވެ. ކިޔަވައި ހެޔޮ ތަރުބިއްޔަތު ލިބިގަންނާން ދާ މަދަރުސާތަކުގެ އަގެއް ނެތެވެ. ރަނގަޅު މީހުން ކަމުގައި ބަލާން ފަށާފައި ވަނީ ވަކަރުގޭ ކުދިންނެވެ. މި ވަކަރުގޭ ކުދިން ދެން ކުރަނީ ކޮން ކަމެއްތޯއެވެ؟ ނެރޭ ތަނަކުން ނެރެގެން ފައިސާ ބަހަނީއެވެ. އަދި ބޮޑެތި މީހުން ބުނާ ކަންތައްތައް ކޮށްދޭން ފަށަނީއެވެ. ފައިސާ ބަހަނީ އެ ދުވަސްވަރަކު ބާރުގައި ތިބި ބަޔަކަށެވެ. އޭގެ ނަތީޖާއަކަށް ވަނީ ވަކަރުގޭ ކުދިން އަރިސް ވާން ފެށުމެވެ. ބަސް ވިކޭން ފެށުމެވެ. ކިޔަވައިގެން ތިބޭ ހެޔޮލަފާ މީހުންގެ މައްޗަށް ބަސްކިޔާ ބަޔަކަށް ވަކަރުގޭ ކުދިން ވާން ފަށައިފިއެވެ.

އަދަބެ ސަދަބެ ކަނޑު ފެތީގެ، ގަދަރެ ޒަހަރެ ކައި މަރޭގެ

ލަދެކެ ތަދެކެ ނެތި ނިމީގެ، އަގަލެ ސަގަލެ ހަމަ ކޮނޑީގެ

އަދަބާއި ސަދަބު ކަނޑު ފެތިއްޖެއެވެ. ޒަހަރު ކައިގެން ގަދަރު މަރު ވެއްޖެއެވެ.

ލަދުތަދު ނެތި ނިމިއްޖެއެވެ. އަގަލު ސަގަލު ކެނޑިއްޖެއެވެ.

ކުރީ ކަޑީގައި ބުނެވުނުހެން ވަކަރުގޭ ކުދިންގެ އަގު އަރައި އެމީހުން މަތިފަޑިއަށް އެރީމާ މުޖުތަމައުގެ އަދަބުސަދަބު ނެތިގެން ހިނގައްޖެއެވެ. އާއްމު އަޚްލާގީ މިންގަނޑު ނެތިއްޖެއެވެ. އިޖްތިމާޢީ ފޭރާން ވީދި ހާސާ ވެއްޖެއެވެ. ބޮޑެތިމީހުނާއި އިސްމީހުނާއި ވެރިންނާއި މައިންބަފައިންނަށް ކުރި ގަދަރާއި އިހްތިރާމް ގެއްލި އޮބައިފިއެވެ. ލަދުހަޔާތް ކެނޑިއްޖެއެވެ. އާއްމުންގެ ތެރޭގައި ދައްކައިގެން ނުވާނޭ ކަހަލަ ވާހަކަތައް ދެކެވޭން ފަށައިފިއެވެ. ދައްކައިގެން ނުވާނޭ މަންޒަރުތައް ދައްކާން ފަށައިފިއެވެ. ވަކި މީހަކަށް ބެލުމެއް ނެތި އަބުރާ ބެހުމާއި އަގު ވައްޓައިލުމާއި ބޭޒާރު ކުރުން އިތުރު ވެގެން ހިނގައްޖެއެވެ. ކުޑަކުދިން ބޮޑެތި މީހުނަށްވުރެ ބޮޑެތި ވެއްޖެއެވެ. ބޮޑެތިމީހުން ނިކަމެތި ވެއްޖެއެވެ.

މިކަން ކެރަނެ ބިރެ ކޮނޑީގެ، ނިކަން މިކަލެ ލަދެ ކޮނޑީގެ

މިކަންކަމާ ހިތެ ކޮނޑީގެ، ނިކަން ބިރުން ހިތެ ފޮޑީގެ

މިކަންކަން ކުރާން އޮންނަ ބިރު ކެނޑިގެން ހިނގައްޖެއެވެ. މިހާރު އެންމެންގެ ލަދު ކެނޑިއްޖެއެވެ.

މިކަންކަމާ (ވިސްނީމާ) ހިތް ކަފާސް ވެގެން ހިނގައްޖެއެވެ. ބިރުން ހިތް ފަޅަފަޅައިގެން ހިނގައްޖެއެވެ.

މި ހުރިހައި ކަމެއް ވެގެން ދިޔައީ އެއްވެސް މީހަކު ދެކެ ނުވަތަ ތަނެއް ދެކެ ގަންނަ ބިރު ނެތިގެން ދިޔައީމައެވެ. މިހާރަކު ގާނޫނަކަށް ގަވާއިދަކަށް ހަމައަަކަށް ބެލުމެއް ނެތެވެ. ކިތަންމެ ބޮޑު ކުށަކަށް ވިޔަސް އަރައިގަންނަނީ ޖެހިލުންވުމުގެ ކަންފުޅެއްވެސް ނެތިއެވެ. ލަދެއް ހަޔާތެއް ނެތިއެވެ. މިހިރަ ކަންތައްތައްތަކާ ވިސްނައި ފިކުރު ކުރާން ފެށިމާ ހިތް ހަލާކު ވެއްޖެއެވެ. ގަތް ބިރަކުން ހިތް ފަޅައިގެން ހިނގައްޖެއެވެ.

ހިތެފޮޑީގެއެވެ!

7 ޚިޔާލު

  1. "ވަކަރުގޭ ކުދިންގެ އަގު އަރައި އެމީހުން މަތިފަޑިއަށް އެރީމާ މުޖުތަމައުގެ އަދަބުސަދަބު ނެތިގެން ހިނގައްޖެއެވެ. އާއްމު އަޚްލާގީ މިންގަނޑު ނެތިއްޖެއެވެ. އިޖްތިމާޢީ ފޭރާން ވީދި ހާސާ ވެއްޖެއެވެ. ބޮޑެތިމީހުނާއި އިސްމީހުނާއި ވެރިންނާއި މައިންބަފައިންނަށް ކުރި ގަދަރާއި އިހްތިރާމް ގެއްލި އޮބައިފިއެވެ. ލަދުހަޔާތް ކެނޑިއްޖެއެވެ. އާއްމުންގެ ތެރޭގައި ދައްކައިގެން ނުވާނޭ ކަހަލަ ވާހަކަތައް ދެކެވޭން ފަށައިފިއެވެ. ދައްކައިގެން ނުވާނޭ މަންޒަރުތައް ދައްކާން ފަށައިފިއެވެ. ވަކި މީހަކަށް ބެލުމެއް ނެތި އަބުރާ ބެހުމާއި އަގު ވައްޓައިލުމާއި ބޭޒާރު ކުރުން އިތުރު ވެގެން ހިނގައްޖެއެވެ"
    ?އިން? ތެދު ވާހަކައެއް.ނުހައްގުން މީހުންގެ އަބުރު ކަތިލުން ފަދަ ނުސިޔާނުކަންތައް ކޮށްލާއިރު ކަހެރުވަކޭ ވެސް ހިތަށްނާރައޭ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.