ނަސްރުގެ ދުވަހުން ޢިބްރަތްތަކެއް ޙާޞިލްކުރަންޖެހޭ

ކޮންމެ ފަތިހެއްގެ އަރާމު ނިދިން ދިވެހިން ހޭލައްވާލަނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. ނަމަވެސް 1988 ވަނަ އަހަރުގެ ނޮވެމްބަރ ތިންވަނަ ދުވަހުގެ ފަތިހު ވެރިރަށް މާލޭގެ ރައްޔިތުން ހޭލައްވާލީ ބަޑީގެ ބިރުވެރި އަޑުފަށްގަޑުންނެވެ. އެންމެންވެސް ހީކޮށްގެން ތިބީ އެއީ ނޮވެމްބަރ 11 ވަނަ ދުވަހަށް ސިފައިން ހަދާ ތަމްރީނުތަކެއްގެ އަޑުކަމަށެވެ. ނަމަވެސް ޚަބަރު ބަލަން ނުކުތް މީހުންނަށް ލިބުނީ ކުއްލި ސިހުމަކާއި ހައިރާން ކަމެވެ. އެބައިމީހުންނަށް ފެނުނީ ގޮތްނޭނގޭ ބަޔަކު މާލޭގެ މަގުތަކުގައި ހަތިޔާރާއެކު ހަރަކާތްތެރިވަމުން ދިޔަތަނެވެ. އަލިވިލެމުން ދިޔަވަރަކަށް ފެންނަމުން ދިޔައީ ވަޒަން އަރައިގެން ޒަހަމް ވެފައިވާ ދިވެހިންނާއި ޝަހީދުވެގެން ބިންމައްޗަށް ވެއްޓިފައިވާ ދިވެހިންގެ ހަށިތަކެވެ.

މީގެ 28 އަހަރު ކުރިން އަޅުގަނޑުމެންނާ ކުރިމަތިލި ނޮވެމްބަރ މަހުގެ ތިންވަނަ ދުވަހަކީ މިފަހުގެ ތާރީޚުގައި އަޅުގަނޑުމެން ކުރިމަތިލި އެންމެ ނުރައްކާތެރި ބިރުވެރި ދުވަހެވެ. ވެރިރަށް މާލޭގެ މަގުތަައް ދިވެހިންގެ ލެއިން ކޯރުދެމިގެން ދިޔަ ދުވަހެކެވެ. ވާނުވާނޭނގި ކަންބޮޑުވުމާއި ހާސްކަމުގެ ތެރޭގައި ދިވެހިން އުޅެންޖެހުނު ދުވަހެކެވެ.

ނޮވެމްބަރ ތިނެއްގެ ޢުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވެ 39 ދިވެއްސަކު ޒަޚަމްވިއެވެ. ނޮވެމްބަރު ތިނެއްގެ ހަމަލާގައި ޝަހީދުވި 19 މީހުންގެ ތެރޭގައި ހިމެނެނީ ސިފައިންގެ އަށް ބޭކަލަކާއި އާއްމު ރައްޔިތުންގެ 11 ބޭކަލެކެވެ. ޒަޚަމްވި ދިވެހިންގެ ތެރޭގައިވެސް ހިމެނެނީ ސިފައިންގެ 18 ބޭކަލަކާެެއި އާއްމު ރައްޔިތުންގެ 21 ބޭކަލެކެވެ. މި ޢުދުވާނީ ހަމަލާގައި ޝަހީދުވި އެންމެހާ ޝަހީދުންނަށް ސުވަރުގޭގެ ދާއީމީ ނިޢުމަތް ލައްވާށިއެވެ.

ޝަހީދުވި ސިފައިންގެ ބޭކަލުންގެ ތެރޭގައި ހަނގުރާމަވެރިންނާ ކުރިމަތި ލުމަށް ދީނާއި ޤައުމަށްޓަކައި ޖިހާދުކުރުމަށް ނުުކުންނެވި ބޭކަލުންގެ ތެރެއިން ތިން ބޭކަލެއް ހިމެނިވަޑައިގަންނަވައެވެ. ދިވެހި ސިފައިންގެ މި ޖެހިލުން ކުޑަ ޢަމަލުވެގެން ދިޔައީ ހަނގުރާމަ ވެރިންގެ ހިތްވަރު އެލިގެން ފިލަން މެދުވެރި ސަބަބަކަށެވެ. ހަނގުރާމަވެރިން ގޮތް ހުސްވުމުން އެންމެ ފަހުން ދިވެހި ސިފައިންގެ ހަމަލާތަކުން ދިފާއުވުމަށް އައްޑަނައިގެ ގޮތުގައި ފަޅު އޮޑިފަހަރުގައި ތިބި ދިވެހިން ބޭނުންކުރިއެވެ.

މީގެ 28 އަހަރު ކުރިން އަޅުގަނޑުމެންނާ ކުރިމަތިލި ނޮވެމްބަރު ތިންވަނަ ދުވަހަކީ ޤައުމަށް ޣައްދާރުވި ދިވެހިންގެ ބަޔަކު ކުލީ ސިފައިނާއި އެކު ވެރިރަށް މާލެއަށް އަރާ ޤާނޫނީ ގޮތުން އުފެދިފާ ސަރުކާރު ވައްޓާލުމަށް ނުރައްކާތެރި ޢުދުވާނީ ހަމަލާތަކެއް ދިން ދުވަހެކެވެ. ނަމަވެސް އެދުވަހު އަޅުގަނޑުމެންގެ ދިވެހިންގެ އެއްބައިވަންތަކަމާއި ދިވެހި ސިފައިންގެ ހިތްވަރު ގަދަ ޖިހާދުން އަޅުގަނޑުމެނަށް ވަނީ ނަސްރު ލިބިފައެވެ. އޭގެ ފަހުން އަންނަ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ ތިންވަނަ ދުވަސް އަޅުގަނޑުމެން ފާހަގަކުރަމުން ގެންދަނީ ނަސްރުގެ ދުވަހުގެ ގޮތުގައެވެ. މިއަދަކީ އަޅުގަނޑުމެން ފާހަގަކުރާ 28 ވަނަ ނަޞްރުގެ ދުވަހެވެ.

ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ހަމަލާ ރާއްޖެއަށް ދީފައިވަނީ ޤައުމަށް ޣައްދާރުވި ހަ ދިވެއްސަކާއި ހެންވޭރު ހާޖަރާގޭ ޢަބްދުﷲ ލުތުފީ އިސްވެ ހުރެގެންނެވެ. ހަމަލާ ދިނުމަށް އެމީހުން ބޭނުންކުރީ ސްރީލަންކާގެ ޓެރެރިސްޓް ޖަމާއަތެއް ކަމުގައިވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ގެ 80 ވަރަކަށް ހަނގުރާމަ ވެރިންނެވެ. އެޖަމާއަތުގެ ހަނގުރާމަ ވެރިން ރާއްޖެ އައީ އެޖަމާޢަތާއެކު ދިވެހިންގެ ޚާއިނުން ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. ހަމަލާ ރާވާ ހިންގުމުގައި އުޅުނު ދިވެހިން ބޭނުންވީ އޭރު ރާއްޖޭގައި އުފެދިފައިވާ ސަރުކާރު ވައްޓާލުމަށެވެ.

އެ ހަމަލާއަކީ ދުރާލާ ރާވައިގެން ރާއްޖެއަށް ދިން ވަރަށް ނުރައްކާތެރި ހަމަލާއެކެވެ. އޭރު ރާއްޖޭގެ ދިފާޢީ ބާރު އޮތީ އެފަދަ ހަމަލާއެއް އަތުވެދާނެކަމަށް ތައްޔާރަކަށް ނޫނެވެ. ދިވެހިންވެސް ތިބީ އެފަދަ ކަމަކަށް ހޭލައެއް ނޫނެވެ. އެހެން ކަމުން މި ޢުދުވާނީ ހަމަލާއިން ދިވެހިންނަށް ލިބުނު ބިރުވެރިކަން ވަރަށް ބޮޑުވިއެވެ.

އެފަދަ ޓެރަރިސްޓް ހަމަލާއަކަށް ދިވެހި ސިފައިން ތައްޔާރުވެފައި ނެތްކަމުގައި ވިއަސް ކުލީ ސިފައިންގެ ހަމަލާއާއެކު ރައްދުގައި ދިވެހި ސިފައިން ހަމަލާ ދިނުމުން ކުލީ ސިފައިންނަށް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. ސިފައިންގެ މައިގޭޓާ ދިމާއަށް ހަމަލާ ދިނުމާއެކު އެތަނުގައި ފޯރިމަރަމުން ދިޔަ ކޯޕްރަލް ޙުސައިން އާދަމް ރައްދުގައި ކުލީ ސިފައިންނަށް ހަމަލާދެމުން ގެންދެވިއެވެ. ޙުސައިން އާދަމް ރައްދުގައި ހަމާލާ ދިނުންވެގެން ދިޔައީ އެތެރޭގައި ތިބި ސިފައިން ހަމަލާއަށް ތައްޔާރުވުމަށް ލިބުނު ފުރުޞަތަަކަށެވެ.

ބާޣީން ރާވާފައިވާ ގޮތަށް އެމީހުންގެ އަމާޒަކަށްވީ ދިވެހިންގެ ދިފާޢީ މަރުކަޒު ހިފާ އެމީހުންގެ ބާރުގެ ދަށަށް ގެނައުމެވެ. ނަމަވެސް ދިވެހި ސިފައިންގެ ހިތްވަރާއި ޢަޒުމަކަށް ބަލިކަށި ކަމެއް ނާދެއެވެ. މާތް ވެގެންވާ އިސްލާމްދީނާއި ޤައުމުގެ ދިފާޢުގައި ދިވެހި ސިފައިން އެންމެ އިންޗިއެއްވެސް ފަހަތަަކަށް ނުޖެހެއެވެ. ހަމަ އެހެންމެ ޤައުމީ ޖޯޝްގައި އާއްމު ރައްޔިތުން ވެސް އެބަޔަކަށް ކުރެވުނު ކަމެއް ޤައުމުގެ ދިފާޢުގައި ދިޔައީ ކުރަމުންނެވެ. ނަތީޖާ އަކަށްވީ ކުލީ ސިފައިންގެ ހިތްވަރު އެލި ސަފުތައް ބައިބައިވެ ފިލަން މަސައްކަތް ކުރުމެވެ. އެބައިމީހުން ފިލަން މަސައްކަތް ކުރީ ރަހީނުންގެ ގޮތުގައި ދިވެހިންގެ ބަޔަކު ގެންދިޔައެވެ. އެދިވެހިން ސަލާމަތް ކޮށް ފިލަން މަސައްކަތްކުރި ހަނގުރާމަ ވެރިން އަތުލައި ގަތުމުގައި އިންޑިޔާ ސިފައިންގެ އެހީތެރިކަން ވަނީ ދިވެހި ސަރުކާރަށް ލިބިފައެވެ.

ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ހަމަލާ 18 ގަޑިއިރަށް ދެމިގެން ދިޔައިރު މުޅި ރާއްޖެއިން ވަނީ މުއާސަލާތީ ޚިދުމަތް ކެނޑިގެން ގޮސްފައެވެ. ރާއްޖޭގައި ހިނގާ ކަންކަން މުޅި ރާއްޖެއަށް ފޯރުކޮށް ދިނުމުގައި އެންމެ އިސްރޯލެއް އަދާކުރަމުން އޭރުވެސް ގެންދަނީ ދިވެހި ރާއްޖޭގެ އަޑެވެ.  އުދުވާނީ ހަމަލާއާ ގުޅިގެން ދިވެހި ރާއްޖޭގެ އަޑުގެ އަޑު ކެނޑުމުން ކޮންމެވެސް ކަންތައްތަކެއް ގޯސްވެެއްޖެކަން ރައްރަށުގެ ރައްޔިތުންނަށް އެނގުނެވެ. އެބައިމީހުންގެ ހަތިޔާރަކަށްވީ މުސްލިމުންގެ އެއްމެ ވަރުގަދަ ހަތިޔާރެވެ. ދުޢާއެވެ. ރާއްޖޭގެ ކަންކޮޅުތަކުގައި ތިބި ދިވެހިންނަށް ހިތްހަމަ ޖެހުމެއް ލިބުނީ ނޮވެމްބަރު ހަތަރު ވަނަ ދުވަހު އޭރުގެ ރައީސް މައުމޫނު ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި ދިވެހިންނަށް ނަސްރު ލިބުނުކަން އިޢުލާން ކުރެއްވުމުންނެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.