ދަރީންނަށް ވަކި ދާއިރާއަކުން ކުރިއަށް ދާން މަޖުބޫރުނުކޮށް، ކުރިއަށް ދާންވީ ދާއިރާ ޚިޔާރުކުރުމަށް މަގުދައްކައިދިނުމަށް ބެލެނިވެރީންނަށް ރައީސުލްޖުމުހޫރިއްޔާ އިލްތިމާސް ކުރައްވައިފިއެވެ.
ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން އެންމެ މަތީ ވަނަ ހޯދާ ދަރިވަރުންނަށްް އިނާމައި ހަނދާނީ ލިޔުން ދިނުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދަރިވަރުން ކުރއަިށް ދާންވީ ދާއިރާއެއް އިޚްތިޔާރުކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން މައިންބފައިންގެ ހުވަފެން ހަގީގަތަކަށް ހެދޭތޯ ބެލުމުގެ ބަދަލުގައި ދަރީން ޝައުގުވެރިވާ ދާއިރާއެއް އޮޅުންފިލުވުން މުހިއްމު ކަން ވެސް ފާހަގަކުރެއްވިއެވެ. އަދި ދަރިވަރުންގެ އުއްމީދުތަކަކީ ކޮބައިތޯ ބަލައި ގާބިލުކަން ހުރި ދާއިރާ ފާހަގަކުރުން މުހިއްމުކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު މިދަންނަވަނީ، ދަރިވަރުން ކުރިއަށް ދާން ބޭނުންވާ ދާއިރާއެއް ނުވަތަ ރޮނގެއް އިޚްތިޔާރު ކުރުމުގެ މުހިންމު ކަމުގެ ވާހަކަ. އެކަމުގައި ހަމައެކަނި ބަލަންވީ މަންމަ ނުވަތަ ބައްޕަގެ ހުވަފެން ޙަޤީޤަތަކަށް ހެދޭތޯއެއް ނޫން. ބަލަންވީ، ތިމާގެ ދަރިފުޅު ކުރާ އުންމީދުތަކަކީ ކޮބައިތޯ. އެދަރިފުޅުގެ ޤާބިލުކަން ހުރީ ކޮން ދާއިރާއަކުން، ކޮން ކަމަކަށްތޯ." ރައީސް ވިދާޅުވިއެވެ.
ދަރީން ކުރިއަށްދާން ބޭނުންވާ ދާއިރާ ފާހަގަކުރެވުމުން ބެލެނިވެރީންގެ ދައުރަކަށް ވާންވާނީ އެ ދާޢިރާއަކުން ކުރިއަށް ދިއުމަށް ދަރީންނަށް ހިތްވަރު ދީ، އެކަމަށް މަގުފަހިކޮށްދިނުން ކަމަށް ރައިސް ވިދާޅުވިއެވެ. އޭރުން ދަރީންނާއި ގައުމަށް ލިބޭ މަންފާ މާ ބޮޑުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދަރީންގެ ކުރިމަގު އުޖާލާވާނެ ކަން ވެސް ފާހަގަކުރެއްވިއެވެ.
"... ބެލެނިވެރިންގެ ދައުރަކަށް ވާންވީ، ވަކި ރޮނގަކުން ކުރިއަށް ދާން ދަރިވަރުންނަށް މަޖުބޫރު ނުކޮށް މަގުދައްކައިދިނުން. އަދި ދަރިވަރުންނަށް ހިތްވަރުދީ، މަގުފަހިކޮށްދިނުން. އޭރުން އެ ކުދިންގެ ފަރާތުން ޢާއިލާއަށާއި ޤައުމަށް ލިބޭ ފައިދާ މާ ބޮޑުވާނެ. އެ ކުދިންގެ ކުރިމަގުވެސް މާ އުޖާލާވާނެ." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސްވަނީ އިސްލާމީ ރިވެތި އަދަބު އަޚްލާގުގެ މަތީގައި ދެމިތިިބުމަށް ދަރިވަރުންނަށް އިލްތިމާސް ކުރައްވާފައެެވެ. އަދި ކޮންމެ ކަމެއްގައި ވެސް ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކޮށް، އަނެކުންނަށް އިޙްތިރާމް ކޮށް އަނެކުންގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮަށް ހިތުމަށް ވެސް ނަޞޭޙަތްތެރިވިއެވެ.
2018ވަނަ އަހަރު 660 ދަރިވަރުން ސާނަވީ ތައުލީމު ނިންމިއެވެ. އޭގެ ތެރެއިން 10ވަނައިގައި ހިމެނުނީ 407 ދަރިވަރުންކަން ރައިސް ފާހަގަކުރެއްވިއެވެ. ކެމްބްރިޖް އިމްތިހާނަކީ ދުނިޔޭގެ 150 ގައުމަކުން އެތައް ލައްކަ ދަރިވަރުން ބައިވެރިވާ އިމްތިހާނެއްކަން ފާހަގަކޮށް އެފަދަ އިމްތިހާނަކުން މަތީ ދަރަޖައިގައި ފާސްވުމަކީ ދަރިވަރުންގެ ޢިލްމީ ގާބިލުކަން ސާބިތުކޮށްދޭ ހެއްކެއް ކަމަށް ރައީސް ވިދާޅުވިއެވެ.