ހުސްނުއްސުއޫދާއި އަލީ ހުސައިން ވަކާލާތު ކުރުން މަނާކޮށްފި

ޤާނޫނީ ވަކީލު އަލްއުސްތާޛު ޙުސްނުއް ސުޢޫދާއި، އަލްއުސްތާޛު ޢަލީ ޙުސައިން ކޯޓުތަކުގެ  ވަކާލާތުކުރުން ވަގުތީ ގޮތުން މަނާކުރުމަށް ސުޕްރީމް ކޯޓުން ނިންމަވައިފިއެވެ.

މިފިޔަވަޅު އަޅާފައިމިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާއިދާއި، ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމުގެ ޤަވާއިދު އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާއިދުގެ ދަށުން ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ.

"ޤާނޫނީ ވަކީލު އަލްއުސްތާޛު ޙުސްނުއް ސުޢޫދާއި، އަލްއުސްތާޛު ޢަލީ ޙުސައިން ކޯޓުތަކުގެ ޙުރުމަތް ކަނޑަމުންދާ މައްސަލަ ބަލައި، އެމައްސަލާގައި ވަކިގޮތެއް ނިމެންދެން، އަލްއުސްތާޛު ޙުސްނުއް ސުޢޫދާއި، އަލްއުސްތާޛު ޢަލީ ޙުސައިން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީ ގޮތުން މަނާކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު ނިންމަވައިފިއެވެ. މިފިޔަވަޅު އަޅާފައިމިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާއިދު އާއި ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމުގެ ޤަވާއިދު އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާއިދުގެ ދަށުންނެވެ." ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެފައިވެއެވެ.

މިދެބޭފުޅުންނާމެދު މިފަދަ ފިޔަވަޅެއް އަޅުއްވާފައި މިވަނީ  ދިވެހި ރާއްޖޭގައި ގާނޫނީ ބާރު ހިނގާކަން ކަށަވަރު ކުރުމަށާއި ކޯޓުތަކުގެ ހުރުމަތް ހިފެހެއްޓުމަށްޓަކައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ގާނޫނާ ގަވާއިދުގެ ތެރޭން އަޅާނެ ކަމުގެ އިންޒާރު ސުޕްރީމް ކޯޓުން ދީފައި ވަނިކޮށެވެ. ސުޕްރީމް ކޯޓުން އިއްޔެ ނެރުއްވި ބަޔާނުގައިވަނީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި (ރ) އަށް ރިއާޔަތްކޮށް ގާނޫނީގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ކޯޓުތަކުގެ ގާނޫނާއި ސުޕްރީމް ކޯޓުގެ ގަވާއިދާއި ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވާއިދާއި ކޯޓުތަކުގައި ވަކާލާތު ކުރާ ގާނޫނީ ވަކީލުންނާ ބެހޭ ގަވާއިދުގެ ދަށުން އަޅަމުން ގެންދާނެކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.