ކޮންމެ ފަސް އަހަރަކުން އެއްފަހަރު ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިޚާބު ކުރަނީ ކީއްކުރަންހެއެވެ؟ މި ސުވާލުގެ ޖަވާބު ވަރަށް އާދައިގެ ގޮތަކަށް ދެވޭތޯ ބަލާނަމެވެ.
ރައްޔިތުންގެ މަޖިލީހަށް މެމްބަރުން މިހޮވަނީ ހުރިހާ ރައްޔިތުންނަށް އެތަނަށް ނުވަދެވޭތީއެވެ. އެއީ ރައްޔިތުންގެ މަޖިލީހެވެ. އެހެންވީމާ އުސޫލެއްގެ ގޮތުން އެތާގައި ތިބެންވާނީ ހުރިހާ ރައްޔިތުންނެވެ. އެހެންނަމަވެސް ހުރިހާ ރައްޔިތުންނަށް އެތަނަށް އެއްފަހަރާ ނުވަދެވޭނެއެވެ. އެހެން ކަމުން އެއްބަސްވެފައިވާ ނިޒާމެއްގެ ތެރެއިން ކޮންމެ ފަސް އަހަރަކުން އެތަނަށް މެމްބަރުން ހޮވަނީއެވެ. އެއީ ރައްޔިތުންގެ ފަރާތުން ހޮވާ ރައްޔިތުންގެ މަންދޫބުންނެވެ. އެމީހުން މަޖިލީހުގައި ތަމްސީލް ކުރާނީ މުޅި ރައްޔިތުންނެވެ. ކުރިއަށްއޮތް ފަސް އަހަރަށް މެމްބަރުން ހޮވުމަށް ބާއްވާ ވޯޓުލުން އެޕްރީލް 6 ގައި މުޅި ރާއްޖޭގައި އޮންނާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދައުރަކީ ކޮބާ؟
ކުރީގެ ޑެޕިޔުޓީ ޕްރޮސެކިޔުޓަރ ޖެނެރަލް އަލްއުސްތާޒު ޙުސައިން ޝަމީމް ވަނީ މަޖިލީސް މެމްބަރުންގެ ދައުރު ވަރަށް ސާފުކޮށް ވިދާޅުވެ ދެއްވައިފައެވެ. "އެބޭފުޅުންގެ ދައުރަކަށް އޮންނާނީ ރައްޔިތުން އުޅެންވީގޮތް ނިންމުން. އޭގެ ފަލްސަފާއަކީ އެންމެން މިނިންމަނީތާ އެބަޔަކު އުޅެންވީ ގޮތް. މިސާލަކަށް އާއިލާއަކުން އެއްބަސްވަނީ އެއްވެސް (މަޖުބޫރުކަމެއްނެތި) މިވެނިގޮތަކަށް އުޅެން. ހެނދުނު ވަކި ގަޑިއަކު ހޭލަން، މެންދުރު ވަކިގަޑިއަކުން ކާން. އެމީހުން އެގޮތަށް ނިންމައި އެކި މީސްމީހުންނާ ޙަވާލު ކުރަނީ އެގޮތަށް އެކަންކުރަން. ކައްކާ މީހާ ގާތު މިބުނަނީ މިވެނި ގަޑިއަކު ކައްކަން ނިންމައިފީމޭ އެހެންވީމާ އެގަޑިއަށް ކައްކައިދޭށޭ. މަޖީލިހުން ވެސް މިކުރަނީ އެފަދަ ކަމެއް. ޤާނޫނުތައް ހައްދަވައި އެކަން ތަންފީޒު ކުރަން ސަރުކާރާ ޙަވާލުކުރަނީ. ޤާނޫނަކީ ދުނިޔެވީ ގޮތުން އުޅެން އެއްބަސްވާ ގޮތް،" ޝަމީމް ވިދާޅުވިއެވެ.
ސަރުކާރަށް މެޖޯރިޓީ ނުލިބިއްޖެ ނަމަ ވާނީ ކިހިނެއް؟
ކެމްޕޭނުގައި ސަރުކާރުން ވިދާޅުވަމުން ގެންދަވަނީ ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށެވެ. ބޭނުމަކީ ސަރުކާރުގެ ވަޢުދުތައް ފުއްދައި ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ބޭނުންވާ ޤާނޫނުތައް ސަރުކާރަށް ފަހިވާގޮތަށް ހެދުމެވެ. ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ ސަރުކާރު ހުއްޓޭނެ ކަމަށް އެބަ ވިދާޅުވެއެއެވެ. ބައެއް މީހުން ބުނާގޮތުގައި އެއީ ކެމްޕެއިން "ސްޓަންޓް" އެކެވެ.
އެހެންނަމަވެސް ޙުސައިން ޝަމީމް ވިދާޅުވީ ސަރުކާރުން އެދައްކަވާ ވާހަކަފުޅުގައި ކޮންމެވެސް ވަރެއްގެ ޤާނޫނީ ބުރަދަނެއް އެބަހުރި ކަމަށެވެ. އެ ދައްކަވަނީ ޤާނޫނު ޢަސާސީން މިހާރުވެސް ލާޒިމްކޮށްފައިވާ ޢަސާސީ ޚިދުމަތުގެ ވާހަކަ ނޫން ކަމަށާއި އެދައްކަވަނީ ރިޔާސީ ކެމްޕޭނުގައި އަލަށް ވެވަޑައިގެންފައިވާ ވަޢުދު ފުއްދެވުމުގެ ވާހަކަ ކަމަށް ޝަމީމް ވިދާޅުވިއެވެ.
"ޤާނޫ ޢަސާސީގައި ލިޔެފައިވާ އަސާސީ ޚިދުމަތްތަކުގެ ވާހައެއްނޫން އެދައްކަވަނީ. ކޮންމެ ޕާޓީއެއް ވެރިކަމުގައި އޮތަސް ޤާނޫނު ޢަސާސީގައި ހިމެނޭ ކަންކަން ކޮށްދޭންޖެހޭނެ. އެއީ ޕާޓީއާ ގުޅިފައި އޮންނަ ކަމެއްނޫން. ދެން މިދައްކަނީ އެހެންކަންކަމުގެ ވާހަކަ،" ޝަމީމް ވިދާޅުވިއެވެ.
"ޢަސާސީ ޙަޤަށް ނުވާ އެހެންނަމަވެސް ސަރުކާރުން ކޮށްދޭންޖެހޭ ކަންކަމުގެ ވާހަކަ އެދައްކަވަނީ. މިސާލަކަށް ބަލަންޏާ ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވަޒީފާ ނެތްމީހުންނަށް ވަޒީފާ ލިބެންދެން ކޮންމެވެސް އެލަވަންސެއް ދިނުން. އެއީ އަސާސީ ޙައްޤެއްނޫން. އެހެންވިޔަސް ސަރުކާރުން ވަޢުދުވެފައިއޮތްކަމެއް. އެކަން ކޮށްދެވެން މިއަންނަނީ މަޖިލީހުން ޤާނޫނެއް ފާސްކޮށްގެން. އެހެންވީމާ ސަރުކާރު ކެންޑިޑޭޓުން އެ ދައްކަވާ ވާހަކައިގައި ޤާނޫނީ ގޮތުން އޮއްޓަރެއް އެބަހުރި،" ޝަމީމް ވިދާޅުވިއެވެ.
ތެދުފުޅެކެވެ. ސަރުކާރު މެދުވެރިކޮށް ކުރަންޖެހޭ ކަންކަން ކުރުމަށް ސަރުކާރު ކެންޑިޑޭޓުންނަށް ނުވަތަ ސަރުކާރަށް ނިސްބަތްވާ މެމްބަރުންނަށް ފަސޭހަވާނެއެވެ. ސަބަބަކީ އެމީހުން އެދައްކަވަނީ ސަރުކާރު ހިންގާ ޕާޓީން ރިޔާސީ ކެމްޕޭނުގައި ރައްޔިތުންނަށް ވިއްކާފައިވާ ވަޢުދުތަކުގެ ވާހަކައެވެ. "މިސާލަކަށް އެމްޑީޕީން ވެރިކަންކުރާއިއިރު އެމްޑީޕީގެ މެނިފެސްޓޯއާއި އެމްޑީޕީން މީހުންނަށް ވިއްކާފައި ގަބޫލް ކޮށްފައިވާ ކަންކަމުގެ ވާހަކަ އެދައްކަވަނީ. އެކަން ކުރަން އެމްޑީޕީ މެމްބަރުންނަށް ވާޖިބުވާނެ މަޖިލީހަށް ހޮވުމާއެކު. އެހެންނަމަވެސް އެހެން ބަޔަކަށް ވާޖިބެއްނުވާނެ އެކަންކުރަން، އެމީހުން ބޭނުމިއްޔާތާ ކުރާނީ. ސަރުކާރަށް ހުންނާނެ މިސާލަށް ޢަދުލު އިންސާފުގެ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި އެބަޖެހޭ ބައެއް ފަނޑިޔާރުން ވަކިކުރަން. އަނެއްބައި ފަނޑިޔާރުން އިސްލާހު ކުރަން ނުވަތަ ގާނޫނަށް އިސްލާހު ގެންނަން. މިކަންކަން ނުކުރެވޭނެ ރައީސް އޮފީހުން ނެރޭ އިއުލާނަކުންނެއް. އެކަން ކުރެވޭނީ މަޖިލިސް ތެރެއިން ޤާނޫނުތަކެއް ފާސްކޮށްގެން. ރައީސް އޮފީހުގެ ސާކިޔުލާއަކުން ކުރާ ކަމެއް ކަމަށްވާޏަމަ މަޖިލީހެއް ބޭނުމެއްނޫން. އެކަމަކު މިނިޒާމް އޮތްގޮތުން މަޖިލީހުގެ ބޭޏުންއެބައޮތް ޤާނޫނު ހެދުމާއި މީހުން އައްޔަން ކުރުމާއި ބައެއް މީހުން ވަކިކުރަން. އެހެންވީމާ ލީގަލީ ރަނގަލުވާހަކައެއް އެވިދާޅުވަނީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބުމާމެދު،" ޝަމީމް ވިދާޅުވިއެވެ.
ތެދުފުޅެކެވެ. ސަރުކާރު މެދުވެރިކޮށް ކުރަންޖެހޭ ކަންކަން ކުރުމަށް ސަރުކާރު ކެންޑިޑޭޓުންނަށް ނުވަތަ ސަރުކާރަށް ނިސްބަތްވާ މެމްބަރުންނަށް ފަސޭހަވާނެއެވެ. ސަބަބަކީ އެމީހުން އެދައްކަވަނީ ސަރުކާރު ހިންގާ ޕާޓީން ރިޔާސީ ކެމްޕޭނުގައި ރައްޔިތުންނަށް ވިއްކާފައިވާ ވަޢުދުތަކުގެ ވާހަކައެވެ. "މިސާލަކަށް އެމްޑީޕީން ވެރިކަންކުރާއިއިރު އެމްޑީޕީގެ މެނިފެސްޓޯއާއި އެމްޑީޕީން މީހުންނަށް ވިއްކާފައި ޤަބޫލް ކޮށްފައިވާ ކަންކަމުގެ ވާހަކަ އެދައްކަވަނީ. އެކަން ކުރަން އެމްޑީޕީ މެމްބަރުންނަށް ވާޖިބުވާނެ މަޖިލީހަށް ހޮވުމާއެކު. އެހެންނަމަވެސް އެހެން ބަޔަކަށް ވާޖިބެއްނުވާނެ އެކަންކުރަން. އެކަމަކު އެމީހުން ބޭނުމިއްޔާ ކުރަންވީ. އެކަމަކު ވަޢުދު ފުއްދުމަކީ ސަރުކާރަށް ވާޖިބެއް. މިސާލަކަށް ޢަދުލު އިންސާފުގެ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި އެބަޖެހޭ ބައެއް ފަނޑިޔާރުން ވަކިކުރަން. އަނެއްބައި ފަނޑިޔާރުން އިސްލާހު ކުރަން ނުވަތަ ޤާނޫނަށް އިސްލާހު ގެންނަން. މިކަންކަން ނުކުރެވޭނެ ރައީސް އޮފީހުން ނެރޭ އިޢުލާނަކުންނެއް. އެކަން ކުރެވޭނީ މަޖިލިސް ތެރެއިން ޤާނޫނުތަކެއް ފާސްކޮށްގެން. ރައީސް އޮފީހުގެ ސާކިޔުލާއަކުން ކުރާ ކަމެއް ކަމަށްވާނަމަ މަޖިލީހެއް ބޭނުމެއްނޫން. އެކަމަކު މިނިޒާމް އޮތްގޮތުން މަޖިލީހުގެ ބޭނުންއެބައޮތް ޤާނޫނު ހެދުމާއި މީހުން އައްޔަން ކުރުމާއި ބައެއް މީހުން ވަކިކުރަން. އެހެންވީމާ ލީގަލީ ރަނގަޅު ވާހަކައެއް އެވިދާޅުވަނީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބުމާމެދު،" ޝަމީމް ވިދާޅުވިއެވެ.
އިދިކޮޅަށް މެޖޯރިޓީ ލިބިއްޖެ ނަމަ ވާނީ ކިހިނެއް؟
ޙުސައިން ޝަމީމް ވިދާޅުވީ އޭރުން ވާނެ ގޮތަކީ މާލިއްޔަތާ ބެހޭ ޤާނޫނު ފަދަ ޤާނޫނުތައް ބަދަލުކޮށް ސަރުކާރު ހިންގަން ދަތިކުރުމުގެ ފުރުސަތު އިދިކޮޅަށް ފަހިވެފައި އޮތުމެވެ. އެހެންނަމަވެސް އެއީ ސިޔާސީ ގޮތުންނާއި ޑިމޮކްރަސީގެ ހަމަތަކުން ބަލާއިރު ކޮށްގެންވާނެ ކަމެއް ނޫންކަމަށް ދެކޭ މީހުންވެސް މަދެއް ނޫނެވެ. އިނގިރޭސިވިލާތް ފަދަ ޤައުމުތަކުގައި ރިޔާސީ އިންތިޚާބުގައި ވެފައިވާ ވަޢުދުތައް ފުއްދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އިދިކޮޅުން ވެސް ޤަބޫލުކުރެއެއެވެ. އަދި އެކަމަށް މަޖިލިސްތެރެއިން އެހީތެރިކަން ވެސް ފޯރުކޮށްދެއެވެ.
" އިނގިރޭސި ވިލާތުގައި ރިޔާސީ އިންތިޚާބު ބަޔަކަށް ކާމިޔާބު ކުރެވުނީ ވަކި ވާހަކައެއް ނުވަތަ ވަޢުދުތަކެއް ވެގެން ކަމަށްވާނަމަ އިދިކޮޅުން ވެސް ޤަބޫލު ކުރާނެ އެ ވަޢުދުތައް ފުއްދައިދޭންޖެހޭނެ ކަމަށް. ބަލިވާ ޕާޓީން ވެސް އޭރު ނުބަލާނެ އެ ވަޢުދުތަކަކީ ނުފުއްދައިވާނެ ވަރުގެ ކަމެއް ކަމަށް. ޕޮލިޓީޝަނުން ބަލާނީ އެ ވަޢުދުތައް ފުއްދައިދޭންޖެހޭނެ ކަމަށް. އެހެންވީމާ އެކަމަށް ހުރަސް އަޅައި ދަތިކޮށްގެން ނުވާނެ ކަމަށް އެމީހުން ދެކޭނީ. ސިޔާސީ އެހެން ކަންކަމަށް ދަތިކުރިޔަސް ވަޢުދުތައް ފުއްދުމަށް ހުރަހެއް ނާޅާނެ ތަސައްރަފް ފުދިފައިވާ ޤައުމުތަކުގައި،" ޝަމީމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ އެއްކަމަކީ ސަރުކާރު ޒިންމާދާރު ކުރުމެވެ. އިދިކޮޅަށް މެޖޯރިޓީ ލިބިއްޖެނަމަ ސަރުކާރު ޒިންމާދާރު ކުރުވަން އެމީހުންނަށް ފަސޭހަވާނެއެވެ. ސަރުކާރަށް މެޖޯރިޓީ ލިބުމަކީ މައިނޯރިޓީގެ އަޑު ކަނޑުވާލައި ސަރުކާރުން ބޭނުންހާ ގޮތަކަށް ޤާނޫނު ހަދައި ޤާނޫނުތައް އުވައިލުމަށް ފުރުސަތު ލިބިގެންދާނެ ކަމެކެވެ. އެހެން ކަމުން މީގައި ބަލަންވީ އަމިއްލަ އެދުން އިސްނުކޮށް ޤައުމާއި ރައްޔިތުންގެ ފައިދާއަށް އިޚުލާސްތެރި ކަމާއެކު ދެކޮޅުން ވެސް މަސައްކަތް ކުރުމެވެ.