ކޮންމެ ނަފްސަކީ ރައްކާތެރިކަން ލިބިގެންވާ ނަފްސަކަށްވާން ޖެހޭ: ޖެންޑަރ މިނިސްޓްރީ

ކޮންމެ ނަފްސަކީ ރައްކާތެރިކަން ލިބިގެންވާ ނަފްސަކަށްވާން ޖެހޭ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނެފައި މިވަނީ އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޒުވާން އަންހެން ކުއްޖެއް ރޭގެ ވަގުތެއްގައި ފެނިފައިވާ ހިތާމަވެރި ހާދިސާ އާ ގުޅިގެންނެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ރޭގެ ހާދިސާ ކުށްވެރި ކުރާ ކަމަށާއި އެކަމާ ހިތާމަކުރާ ކަމަށެވެ.

" ރޭގެ ވަޤުތެއްގައި މާލޭގެ ގެއެއްގައި ރަހުމުކުޑަކޮށް އަންހެނަކު މަރާލި ލާއިންސާނީ ޢަމަލު ހަރުކަށި އިބާރާތުން ކުއްވެރިކުރަން. ގެވެށި އަނިޔާގެ މިފަދަ އެއްވެސް ޢަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އަދި މި ޢަމަލާމެދު މި މިނިސްޓްރީއިން ކަންބޮޑުވެ، ހިތާމަކުރަން." ޖެންޑަރ މިނިސްޓްރީން ބުނެފައިވެއެވެ.

އެ މިނިސްޓްރީން ބުނީ ކޮންމެ މީހަކަށް ވެސް ދިރިހުރުމުގެ ޙައްޤު ލިބިފައިވާ ކަމަށާއި ކޮންމެ ނަފްސަކީ ރައްކާތެރިކަން ލިބިގެންވާ ނަފްސަކަށްވާން ޖެހޭ ކަމަށެވެ.

މީގެ އިތުރުން މި ހިތާމަވެރި، އުނދަގޫ ދަނޑިވަޅުގައި އެކަން ތަހައްމަލުކޮށް ހިމޭން ކަމާއެކު ވަޤުތު ހޭދަކުރުމަށް ޢާއިލާއަށް ފުރުޞަތު ދިނުމަކީ ކޮންމެ ފަރާތަކުން ވެސް މިވަޤުތު ކުރުން މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.