ޤައުމީ ޔުނިވަރސިޓީގެ ރިސާރޗު ކޮންފަރެންސް ފަށައިފި

ޤައުމީ ޔުނިވަރސިޓީގެ ރިސާރޗް ކޮންފަރެންސް ފަށައިފިއެވެ.

ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސަކީ އެކި ދާއިރާތަކުން ދިރާސާކުރައްވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ބާއްވާ ކޮންފަރެންސެކެވެ.

ޔުނިވަރސިޓީގެ ރިސާރޗް ސެންޓަރުގެ ޑީން ޑރ. ރަޙީމާ ޢަބްދުއްރަޙީމް ވިދާޅުވިގޮތުގައި މި އަހަރުގެ ކޮންފަރެންސްގައި ބައިވެރިވުމަށް 111 ކަރުދާހެއް ހުށަހެޅިއެވެ. ނަމަވެސް އޭގެ ތެރެއިން ކޮންފަރެންސްގައި ހުށަހަޅާނީ 96 ކަރުދާސް ކަމަށް އޭނާ ވިދާޅުވިއެވެ.  އޭގެ ތެރެއިން 77 ކަރުދާސް ހުށަހަޅަނީ ރާއްޖެއިންނެވެ.

މިދިޔަ 2 ކޮންފަރެންސްގައި ޖުމްލަ 150 ކަރުދާސް ހުށަހަޅާފައިވާ އިރު އޭގެ ތެރެއިން ޝާއިއުކުރެވިފައިވަނީ 12 ކަރުދާސް ކަމަށް ޑރ. ރަޙީމާ ވިދާޅުވިއެވެ. މި އަހަރުގެ ކޮންފަރެންސްގައި ހުށަހެޅޭ ކަރުދާސްތައް މުރާޖައާކުރުމަށްފަހު ހުށަހެޅުމުން އެ ކަރުދާސްތައް ޝާއިއުކުރުމަށް އެހީތެރިވެދެއްވާނެ ކަމަށް ޑރ. ރަޙީމާ ވިދާޅުވިއެވެ. އެގޮތުން ޔުނިވަރސިޓީގެ ޖާރނަލްގައި އެ ކަރުދާސްތައް ޝާއިއުކުރުމުގައި ޔުނިވަރސިޓީގެ ރިސާރޗް ސެންޓަރުން އެހީވާނެކަމަށް ވިދާޅުވިއެވެ.

މި ދުވަސްކޮޅާ ދިމާކޮށް ރާއްޖޭގައި ބައިނަލްއަޤުވާމީ ހަތަރު ކޮންފަރެންސް އިންތިޒާމު ކުރެވުނުކަން ފާހަގަކުރައްވަމުން ޑރ. ރަޙީމާ ވިދާޅުވީ އެއީ ދިރާސާ ކުރުމުގެ ޝައުގުވެރިކަން އިތުރުވަމުންދާ ހެއްކެއް ކަމުގައެވެ. އަދި ދިރާސާތައް ހުށަހަޅައި ހޯދުންތައް ހިއްސާކުރުމަށް އޮތް ޝައުގުކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. 

ޑރ. ރަޙީމާ ވިސާޅުވިގޮތުގައި މިއަހަރު ސަރުކާރުން ވަނީ ކޮންފަރެންސްތަކުގައި ބައިވެރިވުމަށް ރާއްޖެ އަންނަ ފަރާތްތަކަށް ވިސާ ހޯދުމުގައި ލުއި ގޮތްތަކެއް ފަހިކޮސްދެއްވާފައެވެ. އެގޮތުން ވިސާގެ އާ ގިންތިއެއް ތަޢާރަފްކޮށް ކޮންފަރެނސްތަކުގެ ބައިވެރީންނަށް ފަސޭހައިން ވިސާ ލިބޭނޭ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސަވައިދެއްވާފައެވެ. މިއީ ސަރުކާރުން ދިރާސާ ކުރުމަސް ދަރުކާރުން ދެއްވާ އަހައްމިއްޔަތު  ކަންވެސް ޑރ. ރަޙިމާ ފާހަގަކުރެއްވިއެވެ. 

ތެވެލި ކޮންފަރެންސް ކުރިއަށްދާނީ 8 ސެޕްޓެންބަރު ވާ އާދީއްތަ ދުވަހުން ފެށިގެން 9 ސެޕްޓެންބަރު ވާ ހޯމަ ދުވަހުގެ ނިޔަލަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.