
ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް ޢަމަލު ކުރަން ފެށުމުން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާއި އެހުއްދަ ހިފެހެއްޓުމާއި ބާޠިލުކުރުމާގުޅޭ ގޮތުން ޢަމަލުކުރަމުން އައި އެންމެހައި ޤަވާއިދުތަކާއި އިޖުރާއަތުތައް، ބާޠިލުވީ ކަމަށް އެޤާނޫނުގައި ބަޔާންކޮށްފައިވާތީ އަލުން އެޤަވާޢިދު ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ބާ ކައުންސިލުން ވިދާޅުވެއްޖެއެވެ.
އެ ކައުންސިލުން މިހެން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު ވުޖޫދުވުމާއެކު ރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދިނުމުގެ ކަންތައް ކުރާނީ އެ ކައުންސިލުންކަމަށްވާތީ، ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ހޯދުމަށް އެދި އެކި ފަރާތްތަކުން އެ ކައުންސިލަށް ހުށަހަޅުން އަންނާތީ ކުރައްވާފައިވާ އިޢުލާނެއްގައެވެ.
އެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އިންތިޚާބުކުރެވޭ ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައި ހަދައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހެއެވެ. އެހެން ކަމުން ޤާނޫނީ ވަކީލުކަމުގެ ހުއްދަދޫކުރުމާ ގުޅޭ ގޮތުން ހަދަންޖެހޭ ޤަވާޢިދުތައް ހިމެނޭ ގޮތަށް ހަދަންޖެހޭ ޤަވާޢިދުތައް އެ މުއްދަތުގައި ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެކައުންސިލުން ވިދާޅުވެފައިވެއެވެ.
އެ ޤަވާޢިދުތައް ހަދައި "އިޢުލާންކުރުމަށްފަހު، ޤާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް އެދޭ ފަރާތްތަކުން އެކަމަށްއެދި ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވޭނެ ވާހަކަ ދަންނަވަމަވެ." އެ އިޢުލާނުގައި ވެއެވެ.