ފާނޫޒު - 47

(3 ސެޕްޓެންބަރު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ) 

"އެއަށްފަހު އިމާމާ ގެދޮރު ދޫކޮށް ޖަލާލް ގާތަށް ދާން އުޅުމުން ޖަލާލް މީހަކާ އިނދެފި ކަމަށް ބުނެ އަހަރެން އޭނައަށް އޮޅުވައިލިން."

އެހެން ބުނުމާއެކު ޖަލާލް ކެއުން ހުއްޓާލިއެވެ.

"އަހަރެން އިމާމާ ގާތު ބުނިން ޖަލާލް މީހަކާ އިނދެފިއޭ. އޭނާ ލާހޯރަށް ގޮސް ޖަލާލްއާ ބައްދަލު ނުކުރީ އެހެންވެ. އަހަންނަށް ގޯހެއް ހެދުނުކަން ރޭކާލީ މާ ފަހުން. އަހަންނަށް އިމާމާ އާ ގުޅޭނެ އެއްވެސް ގޮތެއް ނެތް. ޖަލާލް އާ ދިމާވީ އިއްތިފާގަކުން. އަހަރެން ބޭނުންވީ އަހަންނަށް ކުރެވުނު ކަންތަކައް މާފަށް އެދެން."

"މާފުކޮށްފިން. އެކަމަކު އިމާމާ އާ އަހަންނާ ބައްދަލުނުވީ ތިހެން ވެގެން ކަމަށް އަހަރެން ގަބޫލެއް ނުކުރަން. އަހަރެން އޮތީ މާކުރިން އޭނާޔާ ނީނދެވޭނެ ވާހަކަ ބުނެފައި." ޖަލާލް ބުންޏެވެ.

"އެކަމަކު އޭނާ ޖަލާލް ދެކެ ވަރަށް ލޯބިވޭ." ސާލާރް ވައި އަޑުން ބުނެލިއެވެ.

"ތިކަން އެނގޭ، ލޯތްބަކީ ކާވެންޏެއް ކުރާއިރު ބަލާ ހަމައެކަނި ޝަރުތެއް ނޫން. އެހެން ކަންތައްވެސް ހުރޭ." ޖަލާލް ބުންޏެވެ.

"ޖަލާލް! އިމާމާ އާ އިންނަންވީނު؟"

"އަހަންނަށް އިމާމާ އާ ގުޅޭނެ ގޮތެއް ނެތް މިހާރަކު. ގުޅޭނެ ގޮތެއް އޮތް ނަަމަވެސް އަހަންނަކަށް އިމާމާ އާ ކާވެންޏެއް ނުކުރެވޭނެ."

"އޭނާއަށް ޖަލާލްގެ އެހީތެރިކަން ބޭނުންވޭ." ސާލާރް ބުންޏެވެ.

"އަހަރެންގެ އެހީތެރިކަން އިމާމާއަށް ބޭނުންވާނެހެން އަހަންނަކަށް ހިއެއް ނުވޭ. އަހަންނާ އޭނަޔާ ދިމާނުވާތާ އެތައް ދުވަހެއް ވެއްޖެ. އިމާމާއަށް މިހާރު އެހެން މީހަކު ފެނިދާނެ." ޖަލާލް ބުންޏެވެ.

"އެހެން މީހަކު ނުފެންނަ ކަމަށްވެސް ވެދާނެ. އޭނާ އިނީ އަދިވެސް ޖަލާލްގެ އިންތިޒާރުގައި ކަމަށްވެސް ވެދާނެ."

"އަހަރެން ތިހެން ވިސްނާކަށް ބޭނުމެއް ނޫން. އަދި އަހަރެންގެ ވަޒީފާގެ މިހައި ހިސާބުން ކާވެންޏެއް ކުރާކަށް ބޭނުމެއް ނޫން. އެވެސް އަދި އިމާމާ އާ."

"ކީއްވެ؟"

"ތި ސުވާލަށް ޖަވާބު ދިނުމުގެ ބޭނުމެއް އޮތް ކަމަކަށް ނުދެކެން. އަހަރެން އޭނަޔާ އިންނަން ބޭނުން ނުވުން. އެއީ ސާލާރާ ބެހޭ ކަމެއް ނޫން. އަހަރެން އޮންނާނީ އޭގެ ސަބަބު އިމާމާއަށް އޮޅުންފިލުވައިދީފަ. އެތައް ދުވަހެއް ފަހުން އައިސް އެވާހަކަ އަލުން ފަށަންވީ ސަބަބެއް އަހަންނަކަށް ނުވިސްނޭ." ޖަލާލް އިނީ ހިތް ހަމަނުޖެހިފައެވެ.

"އަހަރެން މި މަސައްކަތް ކުރަނީ އަހަރެންގެ ސަބަބުން ޖަލާލް އާއި އިމާމާއަށް ދިމާވި މައްސަލައެއް ހައްލުކުރެވޭތޯ." ސާލާރް އޮޅުންފިލުވައިދިނެވެ.

"އަހަންނަކަށް އެއްވެސް ގެއްލުމެއް ނުވޭ، އިމާމާއަކަށް ވެސް އޭގެ ސަބަބުން ގެއްލުމެއް ނުވާނެ. މާ ކަންތައް ބޮޑުކުރަނީ ތި."

"އަހަރެން އިމާމާ ހޯދަން އެހީތެރިވެދީފާނަން." ސާލަރް ބުންޏެވެ.

"އޭނާ ހޯދާކަށް އަހަރެން ބޭނުމެއް ނޫން. އޭނަޔާ އިންނަން އަހަރެން ގަސްތުނުކުރާ އިރު އޭނަ ހޯދުމުގެ ބޭނުމެއް އެބައޮތްތަ؟"

ސާލާރް ފުން ނޭވައެއް ލިއެވެ. "އިމާމާ ގެއިން ނިކުމެގެން ދިޔައީ ކީއްވެގެންކަން އެނގޭތަ؟"

"ގައިމުވެސް އަހަންނާ ހެދިއެއް ނޫން." ސުވާލު ނުނިމެނީސް ޖަލާލް ބުންޏެވެ.

"ޖަލާލް އާ ހެދި ކަމަށް ނުވެދާނެ. އެކަމަކު މުސްލިމެއްގެ ހައިސިއްޔަތުން އޭނާއަށް އެހީވާކަށް ނުޖެހޭތަ، ވަކިން ޚާއްސަކޮށް އޭނާ ޖަލާލް ދެކެ އެހައި ލޯބި ވާއިރު؟ އޭނާ ދީން ބަދަލް ކުރުމުގެ އަސްލަކީ ވެސް ތީ."

"އަހަންނަކީ ދުނިޔޭގައި ހުރި ހަމައެކަނި މުސްލިމް މީހާއެއް ނޫން. އޭނައަށް އެހީވުމަކީ އަހަރެން ކުރަންޖެހޭ ކަމެއް ނޫން. އަހަރެންގެ އޮތީ އެންމެ ހަޔާތެއް. އެއްވެސް މީހަކަށްޓަކައި އެ ހަޔާތް ބަރުބާދެއް ނުުކުރާނަން. ސާލާރަކީ ވެސް މުސްލިމެއް. އޭނަޔާ އިންނަންވީނު؟ އޭރުވެސް އަހަރެން ބުނިން. އަދި މިހާރު އޭނައާ މެދު ކަންބޮޑުވެގެން ތިއުޅެނީ ވެސް ސާލާރެއްނު؟" ޖަލާލް ބުންޏެވެ.

ސާލާރް އިރުކޮޅަކު އަނގައިން ނުބުނެ އިނެވެ. އިމާމާއާ އިން ވާހަކަ ޖަލާލް ގާތަކު ނުބުނެވޭނެއެވެ.

"އިމާމާ އަހަރެން ދެކެ ވަރަށް ރުޅި އާދޭ." ސާލާރް ބުންޏެވެ.

"އަހަރެން އޭނަ ރުއްސަފާނަން. އަހަންނަށް އޭނައަށް ގުޅޭނެގޮތެއް ހޯދަދީ. އަހަރެން އިމާމާ އެއްބަސްކުރުވަފާނަން. ތީ ނުލާހިކު ރަގަނޅު މީހެއްް، ރަގަނޅު އާއިލާއަކަށް ނިސްބަތްވާ މީހެއް. މީގެ ދޮޅު އަހަރެއްވަރު ކުރިން ނުލާހިކު އަގުބޮޑު ކާރެއްވެސް ދުއްވީމެއްނު. އޭގެ މާނައަކީ މުއްސަނދި އާއިލާއެކޭ ތީ. އެ ވާހަކަ ބާއްވަމާ، އެމެރިކާގަ ކީއްތިކުރަނީ؟"

"އެމްބީއޭ ހަދަނީ."

"އަދި މާ ރަނގަޅެއްނު. ކޯސް ނިންމާފަ ރަނގަޅު ވަޒީފާއެއް ވެސް ލިބޭނެ. މުސާރަ ބޮޑުވާނެ. ފައިސާ ނޫން އިތުރު އެއްޗެއް އަންހެން ކުދިން ބޭނުންވާނެތަ؟ އަނެއްކާ އިމާމާ އަށް ސާލާރްވެސް އެނގެއެއްނު؟" ސާލާރް ގެނައި މައްސަލަ ޖަލާލް ހައްލުކޮށްދިނެވެ.

"މައްސަލައަކީ އޭނައަށް އަހަރެން އެނގޭތީ، މާ ރަނގަޅަށްވެސް އެނގޭތީ." ސާލާރްގެ ހިތަށް އެރިއެވެ.

"އޭނަ ލޯބިވަނީ ޖަލާލް ދެކެ." ސާލާރް ޖަލާލަށް ހަނދާންކޮށްދިނެވެ.

"އެއީ އަހަރެންގެ މައްސަލައެއް ނޫން. އަންހެން ކުދިން މާ އަވަހަށް ޖަޒުބާތުގައ ޖެހެނީ." ފޫހި ރާގަކަށް ޖަލާލް ބުންޏެވެ.

"އިމާމާ ޖަލާލް ދެކެ ލޯބިވީ ކަމަށް ވެދާނެ. އެކަމަކު ޖަލާލްގެ ކޮންމެވެސް ބައިވެރިވުމެއް ނޯވެ ނުދާނެ." ސާލާރް ބުންޏެވެ.

"އާނ. އެކަމަކު ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް އިސްކަންދޭ ކަންތައްވެސް ބަދަލުވާނެ."

"އިސްކަންދޭ ތަރުތީބު ވަގުތާއެކު ބަދަލުކުރަން ގަސްތުކޮށްގެން ހުރިނަމަ އެވާހަކަ އިމާމާ ގާތު ކުރިން ބުނެލިނަމަ ރަނގަޅުވީސް. އޭރުން އެހީވާނެ ކަމަށް ގަބޫލެއް ނުކުރީސް. އޭނަ ގާތު އިންނާނެ ކަމަށް ބުނެފައި ވެސް އޮވެދާނެ."

ހިތްހަމަނުޖެހިފައި ސާލާރަށް ބަލަން ޖަލާލް އިނެވެ. އިރުކޮޅެއް ފަހުން ބުންޏެވެ. "ކީކޭތަ ކިޔަން ތިއުޅެނީ؟"

"އޭނަ އަހަންނަށް ޖަލާލްގެ ނަންބަރު ދިން އިރު ބުނި ކާވެންޏާ ބެހޭގޮތުން މައިންބަފައިންނާ ވާހަކަ ދެއްކިތޯ އަހަން. އަަހަރެން އޭނައަށް އަހަރެންގެ ފޯނު ދިނިން. އޭރުން އޭނަ އަމިއްލައަށް ޖަލާލް އާ ވާހަކަ ދެއްކޭނެ. އިސްލާމްއާބާދަށް އޭނަ ދިއުމުގެ ކުރިން ކާވެންޏާ ބެހޭގޮތުން މައިންބަފައިންނާ ވާހަކަދެއްްކިކަން އެ ވާހަކައިން އެނގޭ. ރަނގަޅަށް ވެއްޖެއްޔާ ލޯބިވާ ކަމަށް ބުނެ އިންނަންވެސް އެހީ."

ޖަލާލް ރުޅިއައިސްފައި ސާލާރްގެ ވާހަކަ މެދުކަނޑައިލިއެވެ. "އަހަރެން އޭނައާ އިންނާކަށް ނާހަން. އޭނަ އަމިއްލައަށް އަހަރެން ގާތު އެހީ."

"އޭނަ އެހީ. ޖަލާލް ކީކޭ ބުނީ؟ ނޫނެކޭ ބުނިންތަ؟" ސާލާރް އަނެއްކާވެސް އެހިއެވެ.

"އަހަރެން ބުނީ ނޫނެކޭ ކަމަށްވެސް ވެދާނެ."

ސާލާރްގެ ހިނިތުންވެލިއެވެ. "އިމާމާ ބުނި ޖަލާލް ވަރަށް ރީތިކޮށް މަދަހަ ކިޔާ ވާހަކަ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެކެ ވަރަށް ލޯބިވާ ކަމަށް. ޖަލާލް ދެކެ އޭނާ ލޯބިވީ ސަބަބު ވެސް އޮންނާނީ ބުނެފައި. އެކަމަކު ބައްދަލުވެ ތީ ކޮންކަހަލަ މީހެއްކަން އެނގުމުން ވަރަށް ފޫހިވެެއްޖެ. އަހަންނަކީ މާ ރަނގަޅު މީހެއް ނޫން. ލޯތްބާ ބެހޭގޮތުން ވެސް މާ ބޮޑު އެއްޗެއް ނޭނގޭ. އެކަމަކު ﷲ އާއި އެކަލާނގެ ރަސޫލާ ދެކެ ހަގީގީ ލޯބިވާ މީހަކު އެހެން މީހަކު އެހީއަކަށް އެދި ދިއްކުރާ އަތެް އަނބުރައި ރައްދެއް ނުކުރާނެ. އަދި އެމީހަކަށް އޮޅުވައެއްވެސް ނުލާނެ." ސާލާރް ގޮނޑިން ތެދުވިއެވެ. "އަހަރެން މިއެދޭހައި ވެސް އެދުމަކީ އޭނައަށް އެހީތެރިވާށޭ. އިމާމާ ވެސް މީގެ ދޮޅު އަހަރު ކުރިން އެދުނު ފަދައިން. އެކަމާ ދެކޮޅު ހަދަންޏާ އަހަންނަށް ކުރެވޭނެ ކަމެއް ނެތް. އެކަމަކު ވަރަށް ފޫހިވެއްޖެ ދިމާވެ ވާހަކަަ ދައްކާލެވުނީމަ."

ސާލާރް ދަމުން ސަލާންކުރަން އަތް ދިއްކޮށްލިއެވެ. ޖަލާލް އަޅައެއްނުލިއެވެ. އޭނާ އިނީ ރުޅި އައިސްފައެވެ. ސާލާރް އެތަނުން ދިޔައެވެ. އޭނާ ދިޔަތަން ބަލަން އިނދެފައި ޖަލާލްގެ ހިތަށް އެރިއެވެ. "މިއީ މޮޔައިންގެ ދުނިޔެއެކެވެ." އިމާމާ އާއި އޭނާގެ ދެމެދަށް ސާލާރް ނުވަން ނަަމަވެސް އޭނާ އިމާމާ އަކާ ނީންނާނެއެވެ. ޖަލާލް އާއި ވާހަކަ ދެއްކުމުން އިމާމާ ދެކެ ޖަލާލް ލޯބިނުވާކަން ސާލާރަށް އެނގުނެވެ. މީގެ ދޮޅު އަހަރުު ކުރިންވެސް ޖަލާލް ގެ ވިސްނުން ހުރީ ހަމައެގޮތަށެވެ . އިމާމާ އާ އިންނާކަށް އޭނާ އޭރުވެސް ބޭނުމެއް ނުވިއެވެ.

***

ކޯހުގެ ދެވަނަ އަހަރު ނިމިގެން ދިޔައީ ވަރަށް އަމާންކޮށެވެ. ކިޔެވުމުގެ އިތުރުން އެހެން ހަރަކާތެއްގައި އޭނާ ބައިވެރިއެއް ނުވެއެވެ. ކްލާސް ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރަން ނޫން ގޮތަކަށް ރައްޓެހިންނާ އެކު ނޫޅެއެވެ. ގިނަ ވަގުތު ހޭދަކުރީ ލައިބްރަރީގައެވެ. ހަފްތާ ބަންދުގައި އޭނާ ދިޔައީ އިސްލާމިކް ސެންޓަރަށެވެ. އެތަނަށް ގޮސް އޭނާ ގުރްއާން ދަސްކުރިއެވެ. އޭނާއަށް ގުރްއާން ދަސްކޮށްދިނީ އަރަތްބެކެވެ. ގުރްއާން ދަސްކުރުމުގެ ތެރެއިން އޭނާ އަރަބި ބަސް ދަސްކުރިއެވެ. އަރަބި މީހާގެ ނަމަކީ ޚާލިދު ޢަބްދުއްރަޙްމާން އެވެ. އޭނާ އަކީ ހޮސްޕިޓަލުގައި މެޑިކަލް ޓެކްނީޝަނެއްގެ ވަޒީފާ އަދާ ކުރާ މީހެކެވެ. ގުރްއާނާއި އަރަބި ކިޔަވައިދޭން އޭނާ ފީއެއް ނުނަގައެވެ. އެ ސެންޓަރުގެ ލައިބްރަރީގައި ހުންނަނީ ޚާލިދުގެ އާއިލާއިން ހަދިޔާކުރި ފޮތްތަކެވެ. އެއް ދުވަހަކު އޭނާ ސާލާރް ގާތު ބުންޏެވެ. "ޤުރްއާން ދަސްކުރަންވީނު؟" ސާލާރަށް ލިބުނީ ކުއްލި ސިހުމެކެވެ.

"އަަހަރެން...؟ ... ކިިހިނެއް؟"

"ކީއްވެ؟ ކީއްވެ ނުވާންވީ؟" ޚާލިދު އެހިއެވެ.

"އެއީ ހާދަ އުނދަގޫ ކަމެކޭ. އަހަރެން ކަހަލަ މީހަކަށް ކުރެވޭނެ ކަމެއް ނޫން." ސާލާރް ބުންޏެވެ.

"ނުލާހިކު ހަނދާން ގަދައެއްނު؟ އަހަރެންގެ ހަޔާތުގައި ވެސް ތިހައި ތޫނުފިލި މީހަކާ އަދި ދިމައެއްނުވޭ. ކުރު ސޫރަތްތަކާއި ދިގު ސޫރަތްތައް ސާލާރް ދަސްކުރިހައި އަވަހަށް އަދި އެއްވެސް މީހަކަށް ދަސްކުރެވިފައެއް ނެތް. އަރަބިވެސް އެހާ ހަލުވިކޮށް ތި ދަސްކުރަނީ. ސިކުނޑި ތާޒާކޮށް ހުރެ، ހަނދާނުގައި އެއްޗެހި އެހާ ފަސޭހައިން ހަރުލާފައި ހުންނަންޏާ ކީއްވެ ގުރުއާން ދަސްނުކުރާންވީ؟ ތި ގާބިލުކަމުގެ ހައްގު ﷲއަށް ވެސް އޮންނާނެ." ޚާލިދު ބުންޏެވެ.

"އަަހަރެން އެހެން ބުނި އެއްޗެއް ނޫން. އެކަމަކު ގުރްއާން ދަސްކުރުމަކީ ފަސޭހަކަމެއް ނޫން. މި އުމުރުގައި އަހަންނަކަށް ނުކުރެވޭނެ." ސާލާރް ބުންޏެވެ.

"އެކަމަކު އަހަންނަށް ހީވަނީ ޤުރުއާން ދަސްކުރަން ސާލާރަށް ވަރަށް ފަސޭހަވާނެހެން. އަހަންނަށް ޔަގީން ވަރަށް ކުރު މައްދަތެއްގެ ތެރޭގައި ދަސްކުރާނެކަން."

އެ މައުޟޫއަށް ސާލާރް އެދުވަހު އިތުރު ވާހަކައެއް ނުދައްކައެވެ.

އެހެން ނަަމަވެސް އެރޭ ގެއަށް ގޮސް އެ ނޫން އެއްޗެއް އޭނާގެ ސިކުނޑިއަކު ނެތެވެ. އޭނާ އުއްމީދުކޮށްގެން ހުރީ ޚާލިދު ދެން އެވާހަކަ ނުދައްކާނެ ކަމަށެވެ. އެކަމަކު ޖެހިގެން އައި ހަފްތާގައި ޚާލިދު އަނެއްކާ އެ މައުޟޫއު ފެށިއެވެ.

ސާލާރް ވަރަށް ގިނައިރު ވަންދެން އަނގައިން ނުބުނެ އިނދެފައި މަޑުމަޑުން ބުނެލިއެވެ. "އަަހަރެން ބިރު ގަންނަނީ."

"ކޮން ކަމަކާ؟ ޤުރްއާން ދަސްކުރަންތަ؟" ޚާލިދު ހައިރާންވެފައި އެހިއެވެ.

އާނއެކޭ ބުނުމުގެ ގޮތުން ސާލާރް ބޯ ޖަހައިލިއެވެ.

"ކިހިނެއްވީ؟"

ސާލާރް އަނެއްކާވެސް ވަރަށް ގިނަ އިރު އިނދެފައި މިސްކިތުގެ ދޫލައިގައި އިނގިލިން ރޮނގުތަކެއް ދަމަމުން ވާހަކަ ދެއްކިއެވެ. "އަހަރެން ވަރަށް ގިނަ ފާފަކުރިން. ގުނައި އަދަދު ނުކުރެވޭ ވަރަށް ފާފަކުރިން. ކުދި ފާފަ، ބޮޑެތި ފާފަ. ދުނިޔޭގައި ލެއްވިއްޔާ ލެއްވި ހުރިހައި ގޯސްކަމެއް ކުރިން. އެހެންވީމާ މި ފޮތް އަހަރެންގެ ހިތުގައި ނުވަތަ ސިކުނޑީގައި ރައްކާކުރާނެ ގޮތެއް އަހަންނަކަށް ނުވިސްނޭ. އަހަރެންގެ ހިތާއި ސިކުނޑި ވަނީ ފާފައިން ކިލަނބުވެފައި. އަހަރެން ކަހަލަ މީހުން... އަހަރެން ކަހަލަ މީހުންނަކަށް ޤުރްއާން ދަހެއް ނުކުރެވޭނެ." ސާލާރް އިސްދަށަށް ޖަހައިގެން އިނދެ ބުންޏެވެ.

އޭނާގެ ވާހަކަ އަޑުއަހަން އިނދެފައި ޚާލިދު އެހިއެވެ. "އަދިވެސް ފާފަކުރަންތަ؟" ނޫނެކޭ ބުނުމުގެ ގޮތުން ސާލާރް ބޯ ހޫރައިލިއެވެ.

(ނުނިމެ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.