ފާއިތުވި ހަފުތާގެ ތެރޭގައި އިސްރާއީލުގެ ޑްރޯންތަކެއް ލެބެނާން (ލުބްނާން) ގެ ވައިގެ ސަރަހައްދަށް ވަދެ ހަމަލާދޭން މަސައްކަތްކުރުމާ ގުޅިގެން، އެކަމަށް ރައްދުދޭނެކަމަށް ބުނެ ހިޒްބުﷲ ޖަމާއަތުން ދިން އިންޒާރާ އެއްގޮތަށް މިއަދު އަމަލުކޮށްފިއެވެ.
ހިޒްބުﷲއިން ވަނީ މިއަދު މެންދުރު ފަހު އިސްރާއީލުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ހަމަލާތަކެއް ދީފައެވެ. ސަރަހައްދީ ރޮނގު ކައިރީގައި ހުރި އިސްރާއީލުގެ އަސްކަރީ މަރުކަޒަކަށާއި، އެ މަރުކަޒު ކައިރީގައި ހުރި އަސްކަރީ އުޅަނދުތަކަށް ހަމަލާދީފައި ވަނީ އެންޓި-ޓޭންކް މިސައިލުންނެވެ.
އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ވާގޮތުން މިސައިލް ހަމަލާ ދިނީ އިސްރާއީލުގެ އަސްކަރިއްޔާގެ ޓޭންކަކަށެވެ. އަދި ހަމަލާގެ ސަބަބުން އެ ޓޭންކް ހަލާކުވެ އޭގައި ތިބި މީހުން ވަނީ މަރުވެ ނުވަތަ ޒަޚަމްވެފައެވެ.
އެހެންނަމަވެސް، އިސްރާއީލުގެ ވެރިރަށަށް ހަދައިގެން އުޅޭ، ހިފާފައިވާ ޤުދްސުގައި ވާހަކަދައްކަމުން ބޮޑުވަޒީނު ނަތަންޔާހޫ ބުނީ އިސްރާއީލު ސިފައިންގެ އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމުގައެވެ.
ޙިޒްބުﷲގެ ރައީސު ޙަސަން ނަޞްރުﷲ އިއްޔެ ވިދާޅުވެފައި އިސްރާއީލުގެ ޢުދުވާނަށް ޙިޒްބުﷲ އިން ރައްދު ދިނުމަކީ "އެކީ ކަނޑައެޅި ނިމަފައިވާ ކަމެއް" ކަމުގައެވެ. 2006 ވަނަ އަރަހަށް ފަހު ޙިޒްބުﷲ އިން އިސްއީލުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ހަމަލާދީފައި ނުވެއެވެ.
ލެބެނާނުގެ ސަފައިންގެ މަސްދަރަކުން މައުލޫމާތު ދިންގޮތުގައި އިސްރާއީލުން ވަނީ ދެކުނު ލެބެނާނުގެ ޝަބްޢާ ދަނޑުތަކާ ދިމާއަށް ބޮޑުބަޑިގެ ސާޅީހަކަށް އުންޑަ ފޮނުވާލާފައެވެ. އެ ހަމަލާގެ ސަބަބުން ބައެއް ދަނޑުތަކުގައި އިލިފާން ރޯވިއެވެ، އަދި ދެކުނު ލެބެނޫނުގެ މާރޫނުއްރާސް އަވަށުގެ ވަށައިގެންވާ ސަރަހައްދަށް ވެސް އިސްރާއީލުގެ ބޮޑުބަޑީގެ ހަމަލާ އަރާފައި ވެއެވެ.
ޙިޒްބުﷲގެ ހަމަލާއާ ގުޅިގެން އިސްރާއީލުން ވަނީ ލެބެނާނާއި ގުޅޭ ސަރަހައްދީ ރޮނގާއި، ހިފާފައިފާ ޖޫލާނަށް ދަތުރުކުރެވޭ މަގުތައް ބަންދުކޮށްފައެވެ. އަދި ސަރަހައްދީ ރޮނގު ކައިރީގައި ވާ އަވަށްތަކުގައިވާ ބިންގަރާސްތައް ހުޅުވައި، ހޮސްޕިޓަލްތައް ތައްޔާރީ ހާލަތަށް ގެނެސްފައެވެ.
އިސްރާއީލުގެ އަސްކަރިއްޔާގެ ކޮމާންޑަރުންނާއި މިއަދު ބައްދަލުކުރުމަށް ފަހު ނަތަންޔާހޫ ބުނެފައި ވަނީ ލެބެނާނާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އިސްރާއީލުން ހަރަކާތްތެރިވާނެ ގޮތެއް ނިންމާނީ ކަންކަން ވަމުންދާ ގޮތަށް ބަލާފައި ކަމުގައެވެ.