އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުގެ ތިރީގެ، ހައުސް އޮފް ކޮމަންސް އަންނަ ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑްކުރުމަށް ބޮޑުވަޒީރު ޖޮންސަންގެ ސަރުކާރުން ނިންމައިފިއެވެ. އެއީ ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމުގެ ކަންތައް ބޮޑުވަޒީރު ބޮރިސް ޖޮންސަން ބޭނުންފުޅުވާ ގޮތަށް ކުރިއަށް ގެންދިއުމަށް ހުރަސްއެޅުމުގެ ފުރުސަތު ނުދޭން ވެގެންނެވެ.
މިއަދު ހަވީރު ރާނީ އެލިޒަބެތު-2 ވަނީ ބޮޑުވަޒީރު ޖޮންސަން އެދިވަޑައިގަތް ގޮތަށް ސެޕްޓެންބަރު 10 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު 14 އާއި ހަމައަށް ހައުސް އޮފް ކޮމަންސް ސަސްޕެންޑްކުރުމުގެ އަމުރުފުޅު ނެރުއްވާފައެވެ.
ބޮރިސް ޖޮންސަންގެ މި ނިންމެވުމާއެކު އިނގިރޭސިވިލާތް ވަނީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. އިނދިކޮޅު ސިޔާސީ ލީޑަރުންގެ އިތުރަށް، ޖޮންސަންގެ ޕާޓީ، ކޮންޒާވެޓިވް ޕާޓިގެ އިސް ބައެއް ފަރާތްތަކުންވެސް ގެންދަވަނީ މި ނިންމެވުމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.
ކޮންޒާވެޓި ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ކުރީގެ ބޮޑުވަޒީރު ޖޯން މޭޖާވެސް ވަނީ ޖޮންސަންގެ ނިންމެވުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ. އޭނާ ވަނީ އެކަން ހުއްޓުވުމަށް ކޯޓަށް ވަޑައިގަންނަވަން ޖެހިދާނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ. ސްކޮޓިސް ނޭޝަނަލް ޕާޓީ (އެސްއެންޕީ) އިން މިހާރުވަނީ ކޯޓަށް މައްސަލަ ވެއްދުމުގެ މަސައްކަތް ފަށާފައެވެ.
އަނެއްކޮޅުން، އިދިކޮޅު ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިން ރަނީއާ ބައްދަލުކުރައްވައި، އޭނާގެ ކަންބޮޑުވުންތައް ރާނީއަށް ދެންނެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމުގެ ޚަބަރުވެސް ލިބެއެވެ.
ގާނޫނު ހަދާ މަޖިލިސް ސަސްޕެންޑްކޮށްފައި އޮތަސް އަންނަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ރާނީ ގާނޫނު ހަދާ މަޖިލިހަށް އެކަމަނާގެ ޚިޠާބު އިއްވަވާނެކަމަށް ސަރުކާރުން ބުނެއެވެ.
ބްރެގްޒިޓް (އިނގިރޭސިވިލާތް އީޔޫއިން ވަކިވުން) ގެ ފަހު ތާރީޚަކަށް ކަނޑައަޅާފައި ވަނީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހެވެ. އެމަހުގެ 14 ވަނަ ދުވަހު ހައުސް އޮފް ކޮމަންސްގެ މަސައްކަތް ފެށި ނަމަވެސް 31 ގެ ކުރިން ބްރެގްޒިޓް ހުއްޓުވުމުގެ ފުރުސަތެއް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބު ކުރެވޭނެ މުއްދަތެއް ނުއޮންނާނެއެވެ.