ރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން "މުޑުދާރު އަމަލު ހިންގާ" ފަނޑިޔާރުން ވަކިކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖޭއެސްސީގައިވެސް އިންނަވާ ޙިސާން ޙުސައިން ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އެ މަގާމުން ވަކިކުރެއްވުމަށް މިއަދު އޮތް މަޖިލީހަށް ހުށަހެޅި މައްސަލައިގެ ބަހުސްގައި ޙިސާން ވިދާޅުވީ "މުޑުދާރު އަމަލު" ހިންގަވާ ފަނޑިޔާރުން ވަކިކޮށް، އިސްލާޙީ ފިޔަވަޅު އަޅައި ތަމްރީނު ދޭންޖެހޭ ފަނޑިޔާރުންނަށް އެކަމާބެހޭ ތަމްރީނު ދިނުމަކީވެސް ކުރަންޖެހިފައިވާ ކަމެކެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރެއްވުމަށް މިއަދު މަޖިލީހުގައި ވޯޓަށް އައްސަވަން ނިންމަވާފައިވާއިރު އެކަމަށް އިޝާރާތް ކުރައްވައި ޙިސާން ވިދާޅުވީ މިއަދު މިއެޅިގެން ދަނީ ޖުޑިޝަރީ އިސްލާހު ކުރުމުގެ ބިންގާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި މަސައްކަތް ކާމިޔާބުވެ، ދިވެހި ރައްޔިތުން އެދޭ ޒާތުގެ ތާހިރު ޝަރުއީ ދާއިރާއެއް، ޝަރުއީ ނިޒާމެއް އަޅުގަނނޑުމެން މިގައުމުގައި ބިނާ ކުރާނަން" ޙިސާން ވިދާޅުވިއެވެ.
ސުޕްރީމް ކޯޓާއި އެނޫންވެސް ދަށު ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގައި ތިއްބެވި ފަނޑިޔާރުންނަކީ އެބޭފުޅުންގެ ގައިގައި "އަތްލެވޭނެ" ބަޔެއްކަން މީގެކުރިން ގަބޫލު ކުރެވިފައި ނެތްކަމަށާއި ފަނޑިޔާރުން މަސައްކަތް ކުރައްވަމުން މިހާތަނަށް ވަޑައިގެންނެވީވެސް އެވިސްނުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
"ތިމަންނަމެންނަކީ ތިމަންނަމެން ކުރާކަންތައްތަކަށް އެއްވެސް ދުވަހަކު ޖަވާބުދާރީ ވާންޖެހޭނެ ބަޔެއް ނޫން ކަމަށް ގަބޫލުކުރެވޭ ޙާލަތުގަ އެމީހުން މިކަންތައްތައް މިގޮތަށް މި އަމަލުތައް ކުރަމުން ގެންދަނީ" ޙިސާން ވިދާޅުވިއެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރެއްވުމަށް މިއަދު އެޖެންޑާ ކޮށްފައި އޮތް މައްސަލައަށް އިޝާރާތް ކުރައްވައި ޙިސާން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު މަގާމުން ވަކިކުރެއްވުމަކީ އާދައިގެ ކުޑަކުޑަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އަބްދުﷲ ދީދީ ވަކިކުރުމުގެ މައްސަލައަކީ ވަރަށްގިނަ ދުވަސްތަކެއްގެ މަތިން ތަހުގީގުކޮށް، މައްސަލައާ ގުޅޭ ދިރާސާތައް ހަދައި، ރިޕޯޓުތައް ހަދައި އެކަމާމެދު ބަހުސް ކުރެވެމުން ދިޔަ މައްސަލައެއް ކަމަށް ވިދާޅުވިއެވެ. އަދި އަބްދުﷲ ދީދީ ވަކިކުރެއްވުމަށް ނިންމެވުމަކީ ޖުޑިޝަރީ އިސްލާޙު ކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން މިއަދު ވަކިކުރަން ނިންމާފައިވާއިރު އަބްދުﷲ ދީދީ ވަނީ މަގާމުން ވަކިކުރަނީ އެ މައްސަލައިން ދިފާއުވެވަޑައިގަތުމުގެ ފުރުޞަތު އެކަށީގެންވާ ވަރަށް ނުދެއްވައި ކުރައްވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.