(21 އޯގަސްޓު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ސާލާރް މަސައްކަތް ކުރީ އިމާމާގެ ޚިޔާލާ ދުރަށް ދެވޭތޯއެވެ. މީގެ ފަހުން އިމާމާގެ ނަންވެސް އޭނާ ހިތަށް ނާރުވާނެއެވެ. ހަމަޖެހިލައިގެން އޭނާ ލޯ މަރައިލިއެވެ. އިމާމާ އެއް މިހާރަކު އޭނާގެ ޚިޔާލަކު ނެތެވެ.
***
"ވެންޑޭމް އަށް ދިޔައިންތަ؟" ޔުނިވަރސިޓީ އިން ނިކުންނަމުން މައިކް އެހިއެވެ.
"އެއްފަހަރު."
"ރަނގަޅުތަ؟"
"ގޯހެއް ނޫން."
"ހަފްތާ ބަންދެއްގަ އެތަނަށް ދާން ވާނެ." މައިކް ބުންޏެވެ.
"ކީއްކުރަން؟"
"އަހަރެންގެ ލޯބިވެރިޔާ މާ ދާހިތްވާ ތަނެއް އެއީ، އޭނާ ވަރަށް ގިނައިން ދާނެ."
"އޭނަ ގޮވައިގެން ދޭ." ސާލާރް ބުންޏެވެ.
"އެންމެން ދިޔައިމަ މާ މަޖާވާނެ." މައިކް ބުންޏެވެ.
"ކޮން އެންމެނެއް؟" ޑެނިޝް ވެސް ވާހަކައިގައި ބައިވެރިވެލިއެވެ.
"އަހަރެމެން އެންމެން، ކަލޭ، އަހަރެން، ސާލާރް، ސެތީ އަދި ސާދު." މައިކް ބުންޏެވެ.
"ސާދް ބަހައްޓާ، ނައިޓްކްލަބްގެ ވާހަކަ ބުނާއިރަށް އޭނަ ހޭނެތިގެން ވެއްޓޭނެ. ނުވަތަ ބޮޑު ފަތުވާ އެއް ދޭނެ." ސާލާރް ބުނެލިއެވެ.
"އެންމެ ރަނގަޅު، އެހެންވެއްޖެއްޔާ އަހަރެމެން..." ޑެނިޝް ބުންޏެވެ.
"ސާންޑްރާވެސް ގެންދަމާ." ސާލާރް އޭނާގެ ލޯބިވެރިޔާގެ ނަން ބުނެލިއެވެ.
އެމީހުން ވެންޑޭމަށް ދިޔައިީ ހޮނިހިރުދުވަހެއްގެ ރެއެެވެ. ގޮސް ވަރަށް މަޖާކުރިއެވެ. އަނެއް ދުވަހު ސާލާރް ހޭލީ ލަހުންނެވެ. ސާދް ފޯނުކުރިއިރު އޭނާ ހުރީ މެންދުރުގެ ކެއުން ތައްޔާރުކުރާށެވެ.
"ދެންމެ ތަ ތިހޭލީ؟" އޭނާ އެހިއެވެ. "ނުނިދަން ދޯ ރޭ؟"
"އާނ، އަހަރެމެން އުޅުނީ ބޭރުގަ." އޭނާ ނައިޓްކްލަބޭ ނުބުނީ ގަސްތުގައެވެ.
"އަހަރެމެންނޭ ތިބުނީ، ސަންޑްރާ އާ ދެމީހުންތަ؟"
"ނޫން، ގްރޫޕު އެންމެން." ސާލާރް ބުންޏެވެ.
"ގުރޫޕު އެންމެން، އަހަރެން ބާކީ ކޮށްފަ؟" ސާދް ހިތުގައި ޖެހުނެވެ.
"ސާދް ގެންދާކަަށް އަހަރެމެން ނުވެސް ވިސްނަން." އެހެން ބުނުމުން ސާދަށް އަދި މާ އަސަރުކުރިއެވެ.
"ތީ ވަަރަށް ކަޑަ މީހެއް. ޑެނިޝް ވެސް ދިޔަތަ؟"
"އަހަރެމެން އެންމެން..." މަލާމާތްކުރާ ރާގަކަށް ސާލާރް ބުނެލިއެވެ.
"ކީއްވެ އަަހަރެން ނުގެންދިޔައީ؟" ސާދް އެހިއެވެ.
"ކުޑަ ކުދިން ގެންދާ ކަހަލަތަނެއް ނޫން އެއީ." ސާލާރް ސާދްއާ ދިމާކުރިއެވެ.
"ފައި ބިންދާލަންވީތަ؟ ތިއެއް އެނގިދާނެ އޭރުން."
"މީ ސަމާސައެއް ނޫން. އަހަރެމެން ބުންޏަސް ސާދު އެތަނަށް ނުދާނެކަން އެނގޭތީ ނޭހީ." ސާލާރް ބުނެލިއެވެ.
"އެއީ ކީއްވެ؟ ތި މީހުން ދިޔައީ ނަރަކައަށް ތަ، އަހަރެން ނޫނެކޭ ބުނަންވީ؟"
"އެތަނަަށް ނަރަކައޭ ވެސް ކިޔައިފާނެ. އަހަރެމެން ދިޔައީ ނައިޓްކްލަބަކަށް. ބުނި ނަމަ ދާނަންތަ؟"
"ކީއްވެ ނުދާންވީ؟"
އެ ޖަވާބުން ސާލާރް ސިހުނެވެ. "އަސްލުވެސްތަ؟"
"ޔަގީން." ސާދް ބުންޏެވެ.
"އެތަނަށް ގޮސްފަ ކީއްކުރާނީ؟ ރަލެއް ނުބޮއި، ނުއެއް ނަށާ... ދެން ކީއްކުރާނީ؟ އަހަރެމެންނަށް ފަތުވާ ދޭނީތަ؟"
"ނޫން. ރަނގަޅު، އަހަރެން ރަލެއް ނުބޮން، ނުނަށަން، އެކަމަކު އަހަންނަށް ވެސް ބައިވެރިވެވުނީސް."
"އެކަހަލަ ތަންތަނަށް ދިޔުން ހަރާމެއް ނޫންތަ، އިސްލާމްދީނުގަ؟" ސާލާރް އެހިއެވެ.
އިރުކޮޅަކު އިނދެފައި ސާދް ބުންޏެވެ. "އަަހަރެން ދީނާ ޚިލާފު ކަމެއް ނުކުރާނަމޭ. ތަފާތު ތަނަކަށް އަހަންނަށް ވެސް ދެވުނީހެއްނު؟"
"އެންމެ ރަނގަޅު، ދެންފަހަރަކުން ގޮވައިގެން ދާނީ، ތިކަން އެނގުނު ނަމަ ރޭގަ ވެސް ގޮވައިގެން ދާނީ. އަހަރެމެން ވަރަށް ސަކަރާތް ޖެހިން."
"އެންމެ ރަނގަޅު. މިއަދު ކޮން ކަމެއް އޮތީ؟"
އިރުކޮޅަކު ވާހަކަ ދައްކާފައި އޭނާ ފޯނު ބޭއްވިއެވެ.
***
"މި ހަފްތާ ބަންދުގަ ކޮންކަމެއް އޮތީ؟" ސާދް އެހިއެވެ. އެމީހުން ތިބީ ޔުނިވަރސިޓީ ކެމްޕަސް ތެރޭގައި ހުރި ކެފެޓީރިއާއެއްގައެވެ.
"މިއުޅެނީ ސަންޑްރާއާއެކު ނިއުޔޯކަށް ދާން؟"
"ކީއްކުރަން؟"
"އޭނަގެ ބޭބެގެ ކާވެންޏަށް."
"ކޮންއިރަކުން އަންނާނީ؟" ސާދް އެހިއެވެ.
"އާދީއްތަ ދުވަހުގެރޭ."
"އެޕާޓްމަންޓް ތަޅުދަނޑި އަހަންނަށް ދީފައި ދާންވީނުން؟ ހަފްތާ ބަންދު ނިމެންދެން އަހަރެން އުޅެލަން. އެސައިންމަންޓްތަކެއް ނިންމަން އެބަޖެހޭ. މި ހަފްތާ ބަންދުގަ އަހަރެމެން ފްލެޓުގައި އުޅޭ ހަތަރު މީހުން ވެސް ގޭގަ އުޅޭނެ." ސާދް ތަޅުދަނޑި ބޭނުންވާ ސަބަބު އޮޅުންފިލުވައިދިނެވެ.
"އެންމެ ރަނގަޅު."
ސަންޑްރާ އާއެކު ސާލާރް ފުރަން އޮތީ ހުކުރުު ދުވަހުގެ ރެއެެވެ. އެކަމަކު އޮފީހުގެ މަސައްކަތެއް ނިންމަންޖެހޭތީ އަނެއް ދުވަހުގެ ހެނދުނަށް ދަތުރު ފަސްކުރިއެވެ. ސަންޑްރާ އުޅެނީ އެޕާޓްމަންޓަކުން ހިފާފައި ހުންނަ ކޮޓަރިއެއްގައެވެ. އެހެން ކަމުން ގެއަށް ދިއުން ނޫންގޮތެއް ސާލާރަކަށް ނެތެވެ. އެޕާޓްމަންޓުގެ އެއް ތަޅުދަނޑި އޮތީ ސާދު އަތުގައެވެ. އަނެއް ތަޅުދަނޑި އޭނާގެ އަތުގައެވެ.
ސާލާރް އަށް ގެއަށް ދެވުނު އިރު އެގާރަ ޖަހައި ބޮޑުވެއްޖެއެވެ. ސާދަށް އުނދަގޫ ނުކުރާންވެގެން އަތުގައި އޮތް ތަޅުދަނޑިން އޭނާ ދޮރު ހުޅުވައިލިއެވެ. ސިޓިންރޫމް ހުރީ ހުސްކޮށެވެ. ބޮކިތައް ހުރީ ދިއްލައިފައެވެ. ސާލާރަށް ގޯހެއް އުޅޭ ކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. އޭނާ ބޭނުންވީ ނިދާކޮޓަރިއަށް ދާށެވެ. އެކަމަކު ކުރިއަށް އެއް ފިޔަވަޅު އަޅާފައި އޭނާ ދޮރުމަތީގައި ހުއްޓުނެވެ. ކޮޓަރިތެރެއިން ވާހަކަ ދައްކާ އަޑާއި ހުނުމުގެ އަޑު އިވުނެވެ. ސާދާއެކު ކޮޓަރީގައި އަންހެނަކު އެބައުޅެވެ.
ސާލާރް ހުރިތަނަށް ގަނޑުވިއެވެ. އެމީހުންގެ މުޅި ގްރޫޕުން ވެސް ކުއްޖަކާ ރައްޓެހިވެގެން ނޫޅޭ ހަމައެކަނި މީހަކީ ސާދެވެ. އެއީ އެމީހުންނަށް ހީވެފައި އޮތް ގޮތެވެ. މިއީ އޭނާ ކަހަލަ ދީންވެރިއެއްގެ ފަރާތުން ފެނިގެންވާނެ މަންޒަރެއް ނޫނެވެ. ހަދާނެ ގޮތެެއް ނޭނގި އިރުކޮޅަކު ހުރެފައި ސާލާރް އެނބުރުނެވެ. ސިޓިންރޫމުގެ މޭޒުމަތީގައި ފުޅިއަކާއި ފެންބޯ ތަށި ހުއްޓެވެ. ނުދޮވެ ހުރި ތަށިތަކާއި އުލާއި ސަމުސާ ބަދިގޭ ކައުންޓަރު މަތީގައި ހުއްޓެވެ.
ސާލާރް ވަގުތުން އެޕާޓްމަންޓުން ނިކުމެގެން ހިނގައްޖެއެވެ. އޭނާއަށް އަޑުއިވުނު ވާހަކައާއި ފެނުނު މަންޒަރުތައް ގަބޫލުކުރަން ދަތިވެފައި ހުރެއެވެ. އޭނާގެ އެޕާޓްމަންޓުގައި ސާދް އެ އުޅެނީ ހިލޭ އަންހެނަކު ގޮވައިގެންނެވެ. އޭނާ ހަމަ ރަނގަޅަށް ވެސް އަންތަރީސްވެއްޖެއެވެ. ދީނުގައި ހަރާމްކުރައްވާފައި ވާ ރަލާއި އޫރުމަހުގައި ސާދުގެ އިނިގލިކުރިވެސް ބީއްސައިނުލައެވެ. ފަސް ވަގުތު ނަމާދުކުރެއެވެ. ހުރިހާ އިރަކު އެންމެންނަށް ދީނީ ނަސޭހަތް ދެއެވެ. މޭޒުމަތީގައި ހުރި ފުޅިން އެނގެނީ އެ މީހުން ރާ ވެސް ބުއި ކަމެވެ. ކައުންޓަރު މަތީގައި ހުރީ އެއް އިރަކު އޭނާ ކާން ދެކޮޅު ހެދި ތަށިތަކެެވެ.
ތިމާއަކީ މާ ބޮޑު ދީންވެރިއެއް ކަމަށް ދައްކައިގެން އުޅުނު މީހެއްގެ ފަރާތުން ފެނުނު މަންޒަރުން ސާލާރްގެ ތުންފަތް މައްޗަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ. ސާދަކީ އެމެރިކާގައި ނެތްވަރުގެ މުސްލިމެއް ކަމަށް ދައްކައިގެން އުޅުނު މީހެކެވެ. ދެން އޭނާ އަށް ފެނުނު އެކަހަލަ އަނެއް މުސްލިމަކީ އިމާމާއެވެ. ދީންވެރިކަމުން އޭނާ އުޅުނީ ޓެންޓެއްކަހަލަ ފޮތިގަނޑެއް ގައިގައި އޮޅައިގެންެނެވެ. އެކަމަކު މައިންބަފައިންނަށް ފިލައިގެން ދިޔައީ ހަގީގީ ލޯބިވެރިޔާ ގާތަށެވެ. މިކަހަލަ ދީންވެރިންގެ މުނާފިގުކަން ފެނި ސާލާރް ހައިރާންވެެއްޖެއެވެ.
ސާލާރް ކާރުގައި ގެއިން ނައްޓާލިއެވެ. އޭނާ ދިޔައީ ޑެނިޝްގެ ގެއަށެވެ. އެގަޑީގައި އޭނާ ފެނުމުން ޑެނިޝް ހައިރާންވިއެވެ. ގޭގައި އެކަނި އިންނަންވީމާ ފޫހިވެގެން އެގެއަށް އައީ ކަމަށް ސާލާރް ބުންޏެވެ. ޑެނިޝް އެ ވާހަކަ ގަބޫލުވެސް ކުރިއެވެ.
އާދީއްތަ ދުވަހުގެރޭ ސާލާރް ގެއަށް އައި އިރު ސާދެއް ނޫޅެއެވެ. އެގޭގައި އަންހެނަކު އުޅުނު ކަމުގެ ނިޝާނެއް ވެސް ފެންނާކަށް ނެތެވެ. ހުރިހާ އެއްޗެއް ވެސް ހުރީ ތަރުތީބުކޮށް އޭނާ ބެހެއްޓި ގޮތަށެވެ. އޭނާ ސާދަށް ގުޅިއެވެ. ހާލުއަހުވާލު އަހައިފައި އޭނާ އެހިއެވެ. "އެސައިންމެންޓުތައް ނިމުނީތަ މިހާރު؟"
"މި ދެ ދުވަހު އަހަންނަށް ފިލާވަޅު ދަސްކުރަން ވަރަށް ވަގުތު ލިބުނު. އެސައިންމެންޓްތައް ވެސް ނިމިފަ ހުރީ. ދަތުރު ކިހިނެއް؟" ސާދު އެހިއެވެ.
"ވަރަށް ބަރާބަރު..."
"ކިހާ އިރެއް ނެގިތަ އެތަނަށް ދާން؟ ރޭގަނޑު ދުއްވަން ވީމަ މައްސަލައެއް ދިމާނުވޭތަ؟" ސާދު އެހިއެވެ.
"އަހަރެމެން އެރޭ ނުފުރަން."
"ތިބުނީ؟"
"ހުކުރު ދުވަހުގެ ރޭ ނުފުރަމޭ. އަހަރެމެން ފުރީ ހޮނިހިރު ދުވަހު ހެނދުނު." ސާލާރް ބުންޏެވެ.
"ކޮންތާކު އެރޭ ނިދީ؟ ސަންޑްރާމެން ގޭގައިތަ؟"
"ނޫން، ޑެނިޝްގެ ގޭގައި."
"ގެއަށް އައިނަމަ." ސާދު ބުންޏެވެ.
"އައިން." ސާލާރް ބުނެލިއެވެ. ސާދް މުޅިން ހިމޭން ވެއްޖެއެވެ. ސާލާރް އަމިއްލައަށް ހީނލިއެވެ. ސާދު ހުރި ބުނާނެ އެއްޗެއް ނޭނގިފައެވެ.
"އައިންތަ؟ ކޮން... ކޮން އިރަކު؟"
"އެގާރަ ޖެހި ފަހުން... ކަލޭ އޮތީ ކޮންމެވެސް އަންހެން ކުއްޖަކު ގޮވައިގެން. އުނދަގޫ ނުކުރަންވެގެން އަހަރެން ދިޔައީ."
ސާދަށް ލިބުނީ ބޮޑު ޝޮކެކެވެ. އޭނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ސާލާރަށް މިގޮތަށް އޭނާ ފަޅާއަރާނެއެކޭ އޭނާގެ ހިތަށް ވެސް ނާރައެވެ.
"އަހަންނަށް އެ ކުއްޖާ ނުވެސް ދައްކަމެއްނު؟" ސާލާރް ބުނެލިއެވެ. ސާދް ހާސްވެފައި ހުރި ވަރު އޭނާއަށް އެނގެއެވެ.
"އަދި ދައްކާނަން. އެކަމަކު އެ ވާހަކަ ނުބުނައްޗޭ..." ސާދް އަވަސްއަވަހަށް ބުންޏެވެ.
"ހާސްނުވޭ..." ސާލާރް ބުނެލިއެވެ. ސާލާރަށް ސާދު ކަންބޮޑުވެފައި ހުރިވަރު އެނގެއެވެ. އޭނާއަށްޓަަކައި ހަމްދަރްދީ ވިއެވެ. ސާދް އަވަހަށް ފޯނު ބޭއްވިއެވެ. އޭނާ ލަދުގަތް ވަރު ސާލާރަށް އިހުސާސްކުރެވުނެވެ.
ސާލާރް ހީކުރީ އެ ހާދިސާއަށް ފަހު ސާދް ދީނީ ފަތުވާ ދިނުން ހުއްޓާލާނޭ ކަމަށެވެ. އޭނާ ހުންނަ ތަންތަނުގައި އަނގަވެސް ނުހުޅުވާނެ ކަމަށެވެ. އެކަމަކު އެހެނެއް ނުވިއެވެ. ފަސް ވަގުތު ނަމާދުކުރުމަށާއި ދީނުގައި ހަރާމްކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިވުމަށް ނަސޭހަތްތެރިވަމުން ދިޔައެވެ. އަދި ﷲ އާއި އިސްލާމް ދީނަށް އޭނާގެ ހިތުގައި އޮންނަ ގަދަރުގެ ވާހަކަ ދެއްކުން ހުއްޓައެއް ނުލިއެވެ. އޭނާ ދައްކާ ވާހަކައަށް ބާރުއެޅުމުގެ ގޮތުން ގުރުއާނުގެ އާޔަތްތަކާއި ހަދީސުން ހެކިދައްކައެވެ.
އެ މީހުންގެ ގުރޫޕުގެ އިތުރުން އެހެން ކުދީންވެސް ސާދަށް ވަރަށް ގަދަރުކުރެއެވެ. އޭނާގެ މިޒާޖާ އުޅުމަށް ތައުރީފުކުރެއެވެ. ޒުވާންކަމުގެ ހޫނު ލޭ ހަށިގަނޑުގައި ހިނގާއިރު އަމިއްލަ ނަފްސުގެ މައްޗަށް ގަދަވެ ﷲގެ މަގުގައި ސާބިތުވެ ހުރެވޭނީ ވަރަށް މަދު މީހަކަށެވެ. އެހެންނަމަވެސް ސާދުގެ ތުނބުޅިއާއި، މަޑުމައިތިރި ކަމަކީ ދީންވެރިކަމުގެ ނިޝާނެއްގެ ގޮތުގައި ސާލާރެއް ނުދެކެއެވެ.
(ނުނިމޭ)
Haadha heeveyey saadh aa ekkoh e ulheny Imaamaa hen..