ޢީދުގެ އުފާ ފާޅުކުރުންތަކުގައި، މުޖްތަމަޢުގެ އެންމެން ބައިވެރިކޮށް، އިޖްތިމާޢީ ގުޅުންތަކާއި ޤައުމިއްޔަތުގެ ސިފަތައް ދިރުވައި އާލާކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނެ މިހެން ވިދާޅުވީ ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި، އަޟްޙާ ޢީދުގެ އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައި ވެއެވެ. އަދި، މި އުފާވެރި މުނާސަބަތުގައި އަމިއްލަ ޤައުމާއި ޢާއިލާއާ މާ ދުރުގައި، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވަމުން ގެންދަވާ، އަޚުންނާއި އުޚުތުންގެ މަތިން ހަނދުމަފުޅު އާކުރައްވައި ޢީދުގެ ތަހުނިޔާ ފޮނުއްވާފައިވެއެވެ. މީގެއިތުރުން މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވާ ހުރިހާ މުސްލިމުންނަށް، މަބްރޫރު ޙައްޖަކަށް ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގެންފައި ވެއެވެ.
އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ ކޮންމެ ޢީދަކީވެސް، އޭގައި ވަރަށް ފުރިހަމަ އިޖްތިމާޢީ މާނަތަކެއް އެކުލެވިގެންވާ މުނާސަބަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރައްވާފައިވެއެވެ. އަދި އުފާވެރިކަން ފާޅުކޮށް، ތަހުނިޔާއާއި ހެޔޮއެދުންތައް ބަދަލުކުރާ ދުވަހެއްގެ ގޮތުގައި، ޢީދު ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، މުޅި މުޖްތަމަޢުގައި އުފާވެރިކަން ފަތުރާލުން ކަމުގައިވެސް ރައީސުލްޖުމްހޫރިޔާގެ ޚިޠާބުގައިވެއެވެ.
މިފަދަ ކޮންމެ ޢީދަކީ ހީނަރުވެފައިވާ ޢާއިލީ ގުޅުންތައް، ބަދަހިކުރުމަށް ލިބޭ ވަރަށް އަގުހުރި ފުރުޞަތެކަމަށާއި، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ޢާއިލީ ވާޖިބެއްކަން ހަނދާނުގައި ބެހެއްޓެވުން ވަރަށް މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.
އަދި، އަޟްޙާ ޢީދު އަންނަނީ ޙައްޖުގެ މަތިވެރި އަޅުކަމާ ގުޅިގެން ކަމަށްވާއިރު، މި ޢީދުން އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދެނީ، ކޮންމެ ކަމެއްގައިވެސް، މުޖްތަމަޢުގެ ފަރުދުންގެ މެދުގައި އޮންނަންޖެހޭ ޢަދުލުވެރިކަމާއި ހަމަހަމަކަމުގެ މަތިވެރި އުޞޫލުތައްކަމަށާއި، އެކަން މުޖުތަމަޢުގައި ފެތުރިގެންދާނީ، ތިމާގެ އަމިއްލަ ނަފްސަށް ހެޔޮއެދޭ ފަދައިން، އަނެކުންގެ މަޞްލަޙަތަށް އިސްކަންދީ އަނެކުންގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތައިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
ޚަބަރު: ރައީސް އޮފީސް