ޓެރެރިޒަމާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް އީޔޫއިން 2.5 މިލިއަން ޔޫރޯ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޔޫރަޕިއަން ކޮމިޝަންގެ ނާއިބް ރައީސް ފެޑްރިކާ މުގްރިނީ ވިދާޅުވެއްޖެއެވެ. އޭނާ މިކަން ހާމަ ކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި ތަޤްރީރުގައެވެ.
މުޤްރިނީ ވިދާޅުވީ އިންޑިއާކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަކީ ރާއްޖެއެކޭ އެއްފަދައިން އެކޮމިޝަނަށް ވެސް ވަރަށް މުހިންމުކަމެއް ކަމުގައެވެ. އެހެންކަމުން އިންޑިއާކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އީޔޫ އިން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް މުގްރިނީ ވިދާޅުވިއެވެ. ނަމަވެސް އެއީ ގޮންޖެހުން ބޮޑު މަސައްކަތެއް އޭނާ ފާހަގަ ކުރެއްވިއެވެ. އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޓެރެރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތަތަކަށް އެކޮމިޝަންގެ އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވިއެވެ. އެގޮތުން ޓެރެރިޒަމާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތައް ފާހަގަ ކުރެއްވިއެވެ. ޓެރެރިޒަމާ އެދެކޮޅަށް އީޔޫއާއި ގުޅިގެން މަސައްކަތްކުރެއްވާނެކަމުގެ ޔަޤީންކަން ރާއްޖޭގެ ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ދެއްވައިފައިވާކަން ފާހަގަ ކުރައްވާ އެކަމަށް ޝުކުރު އަދާ ކުރެއްވިއެވެ.
ޖައްވު ހޫނުވުމާއި މުސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއިން ތިމާވެށި ހިމާޔަތް ކުރުމަށް ކުރަމުންދާ މައްސައްކަތްތައް ވެސް ޔޫރަޕިއަން ކޮމިޝަންގެ ނާއިބް ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން އީޔޫގެ އެހީގައި ރާއްޖޭގައި ހިނގޭ މަޝްރޫޢުތައް އޭނާ ފާހަގަ ކުރެއްވިއެވެ. ޖައްވު ހޫނުވުމާއި މޫސުމީ ބަދަލު ތަކަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ޑިމޮކްރަސީ ހަރުދަނާކޮށް ކޮރަޕްޝަން ނައްތާލުމަށާއި ޝަރުޢީނިޒާމު ހަރުދަނާ ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތް، އީޔޫގެ ހައި ރެޕްރެޒެންޓެޓިވް ފޯރ ފޮރިން އެފެއާޒް އަދި ޔޫރަޕިއަން ކޮމިޝަންގެ ނާއިބް ރައީސް ފެޑްރިކާ މުގްރިނީ ފާހަގަ ކުރެއްވިއެވެ. މިސަރުކާރު އައި ފަހުން އެކޮމިޝަނާއެކު ގުޅުން ޤާއިމް ކުރަން ކުރައްވަމުންގެންދަވާ މަސައްކަތްތައްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ޔޫރަޕިއަން ކޮމިޝަންގެ ނާއިބް ރައީސަކީ މިހާތަށް ރާއްޖެ ވަޑައިގެންނެވި އީޔޫގެ އެންމެ އިސް ވެރިޔާއެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއްކަމަށް މުގްރިނީ ވިދާޅުވިއެވެ.