
އުރީދޫ މޯލްޑިވްސްގެ އީކޮމާސް ޕްލެޓްފޯމް "މޫލީ" އިފްތިތާހުކޮށްފިއެވެ. ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހެވެ.
"މޫލީ" އަކީ މުޅި ރާއްޖެއަށް ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދޭ އޮންލައިން ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ގޭގައި ތިބެގެން ވިޔަފާރިކޮށްލުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ބަޔަކަށް ވެސް ލިބިގެންދާނެއެވެ. ހަމަ އެހެންމެ ވިޔަފާރިވެރިންގެ މުދާ ވިއްކުމުގެ ޚިދުމަތް ވެސް "މޫލީ" މެދުވެރިކޮށް ލިބިގެންދާނެއެވެ. "މޫލީ" އަކީ ގަނެވިއްކުމުގެ ހުރިހާ މަރުހަލާއެއް ޑިޖިޓަލްކޮށް ފުރިހަމަކުރެވޭ މޕްލެޓްފޯމެކެވެ.
މި ޕްލެޓްފޯމާއެކު، އޫރިދޫ މޯލްޑިވްސް ވާނީ ހުރިހާ ގޮތަކުންވެސް ޑިޖިޓަލް ކުންފުންޏަކަށް ކަމަށް އެ ކުންފުނީގެ ޑިރެކްޓަރ ސޭލްސް އެންޑް ބްރޭންޑް، ޙުޞައިން ނިޔާޒު ވިދާޅުވިއެވެ. ކުރިއަށް އޮތް މަސްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ވިޔަފާރިތަކަށް މި ޕްލެޓްފޯމްގެ ބޭނުންހިފުމަށް ހުޅުވާލެވޭނެކަމަށް ޙުޞައިން ނިޔާޒު ވިދާޅުވިއެވެ.
"މޫލީ" އަކީ ކަސްޓަމަރުންގެ ދިރިއުޅުން ޑިޖިޓަލައިޒް ކުރުމަށް އުރީދޫ އިން ކުރާ މަސައްކަތަށް އިތުރުވި އާ ބޮޅެއް ކަމަށް އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ. އަދި މިއީ އެންމެ ފަހުގެ ޓެކްނޮލަޖީ ދިވެހިންނަށް ފޯރުކޮށްދިނުމަށް އުރީދޫ އިން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.