ގަމާއި ހުވަދުއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތް ކުރަނީ

ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑު އަތޮޅުގެ ގަމާއި ހުވަދު އަތޮޅާއި ދެމެދު ވައިގެ މަގުން ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމުގައި އެކޮނޮމިކް މިނިސްޓަރ ފައްޔާޒު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ވިޔަފާރި ވެރިންނާއި އެކު ހަފުތާގެ ބަންދުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އައްޑު އަތޮޅުގެ ގަމާއި ހުވަދޫ އަތޮޅާއި ދެމެދު ދަތުރުފެށުމުގެ ގޮތުން އެ ދަތުރާއި ބެހޭ ދިރާސާ އެއް ކުރުމަށް މޯލްޑިވިއަން އާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ރިޕޯޓްތައް ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރަށް ލިބޭނެ ކަން ހާމަކުރައްވަމުން  މޯލްޑިވިއަންގެ ދިރާސާ އަށް ފަހު ސީޕްލޭން ނުވަތަ ޑޮމެސްޓިކް ދަތުރުތައް ފެށިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ގަމާއި ހުވަދު އަތޮޅާއި ދެމެދު ހެލިކޮޕްޓަރ ގެ ދަތުރުތައް ފެށުމާއި މެދު ވިސްނަމުންދާ ކަމުގައި ވެސް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

ވައިގެ ދަތުރުފަތުރު ގެ ޝެޑިއުލް ނިޒާމެއް އައްޑު އަތޮޅުގެ ގަމާއި ސިރީލަންކާ އާއި ދެމެދު ސިރީލަންކަންގެ ފުލައިޓުން ގާއިމު ކުރެވުނީ 1 ޑިސެމްބަރ 2017 ގައެވެ. އަދި ސީޒަނުގައި ޔޫރަޕްގެ ބައެއް ޗާޓަރ ފްލައިޓު ވެސް އައްޑު އަތޮޅުގެ ގަމުގެ އެއަރޕޯޓް ބޭނުންކުރެއެވެ. ނަމަވެސް އެއިން އެއްވެސް ފުލައިޓަކުން އަންނަ ޓުވަރިސްޓަކަށް ހުވަދު އަތޮޅުގެ ރިސޯޓަކަށް ފަސޭހަ އިން ދެވޭނެ ގޮތެއް ހަމަޖެހިފައި ނުވެއެވެ. މިފަދަ ނިޒާމެއް ހަމަޖެހިފައި އޮތުމަކީ ރާއްޖޭގެ ޓުވަރިޒަމަށް ޚާއްސަކޮށް ދެކުނުގެ އަތޮޅު ތަކުގައި ޓުވަރިޒަމް ތަރައްޤީ ކުރުމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ. 

އިބްރާހީމް ޠާހިރު
އިބްރާހީމް ޠާހިރަކީ ނޫސްވެރިކަމުގައި ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ކުޅަދާނަ، ހީވާގި ނޫސްވެރިއެކެވެ. މީގެ އިތުރަށް ރާއްޖޭގެ ސިޔާސީ ދާއިރާގެ ތަޖުރިބާކާރެކެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.