ފެނަކަ ކޯޕަރޭޝަނަށް 7 އަހަރު ފުރުމުގެ މުނާސަބަތުގައި އެކުންފުނީގެ ހެޑު އޮފީހުގެ މުވައްޒަފުންގެ މެދުގައި ފުޓުސަލް މުބާރާތެއް އިއްޔެ ފަށައިފިއެވެ.
މި މުބާރާތުގައި ހެޑު އޮފީހުގެ 74 މުވައްޒަފުން ބައިވެރިވެއެވެ. މުބާރާތުގައި 8 ޓީމު ވާދަކުރެއެވެ. މިއީ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދާ މުބާރާތެކެވެ. ދެ ދުވަހުގެ މިމުބާރާތް އިންތިޒާމްކޮށް ކުރިއަށް ގެންދަނީ އެ ކުންފުނީގެ ރެކްރިއޭޝަން ކްލަބުންނެވެ.
އިއްޔެ ފެށި މުބާރާތުގެ ސެމީ ފައިނަމާއި ފައިނަލް މެޗު އޮންނާނީ މިރޭގައެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމާއި ފެއަރޕްލޭ ޓީމަށް ވަނީ ފައިސާގެ އިނާމު ކަނޑައަޅައިފައެވެ. އެހެންނަމަވެސް ފައިސާގެ ޢަދަދެއް ފެނަކައިން ހާމަ ކޮށްފައެއް ނުވެއެވެ. މީގެ އިތުރުން މުބާރާތުން ފާހަގަ ކުރެވޭ އެންމެ މޮޅު 4 ކުޅުންތެރިޔަކު ވެސް ހޮވާނެއެވެ. އަދި އެންމެ ގިނަ ގޯލު ޖެހިކުޅުންތެރިޔާ ވެސް ހޮވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ފެނަކައިގެ ހުރިހާ ބްރާންޗެއްގެ ބައިވެރިވުން އޮންނާނެ ގޮތަކަށް އަތޮޅުތަކުގެ ތެރޭގައި މިމުބާރާތް ބޭއްވުމަށް އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ވަނީ ހުށަހަޅުއްވައިފައެވެ. އެހެން ކަމުން ފެނަކަ ރެކްރިއޭޝަން ކުލަބުން ގެންދަނީ އެކަމަށް ތައްޔާރުވަމުންނެވެ.
ފެނަކަ ކުންފުނީގެ 153 ބުރާންޗު އަތޮޅުތަކުގެ ތެރޭގައި ހުރެއެވެ. އެތަންތަނުގައި 2000 އަށްވުރެ ގިނަ މުއައްޒިފުން މަސައްކަތް ކުރެއެވެ. އެހެންކަމުން ކުންފުނީގެ މުއައްޒިފުންގެ މެދުގައި އެކުވެރިކަން ދެމެހެއްޓުމަށް މިފަދަ ހަރަކާތްތައް ހިންގުމަކީ ފެނަކަ ރެކްރިއޭޝަން ކުލަބުގެ ވަރަށްބޮޑު މަޤުސަދެއް ކަމަށް ފެނަކައިން ވިދާޅުވިއެވެ.