މީހުން ދިރިއުޅޭ ބޮޑެތި ރަށްރަށުން ރަށުފަތުރު ވެރިކަން ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ހާމަކުރެއްވުމާއި ގުޅިގެން ވީހާ އަވަހަކަށް އެމަސައްކަތް ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމުގައި ޓުއަރިޒަމް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
އެމިނިސްޓްރީން ހާމަކުރައްވާ ގޮތުގައި ބިންދޫކުރުމަށް ފެށޭނެ ވަކި ތާރީޚެއް ކަނޑައެޅިގެން ވިދާޅުވާކަށް އަދި އެނގިވަޑައެއް ނުގަނެއެވެ. ނަމަވެސް ވީހާވެސް އަވަހަކަށް ފެށުމުގެ ގޮތުން ބިންދޫކުރާނެ ސަރަހައްދުތައް ކަނޑައެޅުމަށްޓަކައި ކައުންސިލްތަކާ މަޝްވަރާ ކުރުމުގެ މަސައްކަތް މިހާރުދަނީ ހިގަމުންނެވެ.
ރަށު ފަތުރުވެރިކަން ތަރައްޤީ ކުރުމުގެ ވިސްނުމަކީ މީގެ ދެ އަހަރެއްހާ ދުވަސް ކުރީންވެސް ސަރުކާރުން ގެންގުޅުނު ޚިޔާލެކެވެ. މިގޮތުން މޯލްޑިވްސް އިންޓަރގްރޭޓެޑް ޓުވަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އިން އިންތިޒާމްކޮށް އައްޑޫ ސިޓީ އިންވެސްޓަރސް ފޯރަމް 2017 ގެ ނަމުގައި އައްޑު އަތޮޅު ގަމުގެ އީކުއޭޓަރ ވިލެޖްގައި ބައްދަލުވުމެއް ބޭއްވިއެވެ. އެފޯރަމްގެ ބައިވެރިންނަށް ދޫކުރެއްވި ޑޮކިއުމެންޓުގައި ހިތަދޫ މާމެންދޫ ސަރަހައްދުގެ ހުޅަނގު ފަރާތުގައި ބީޗް ހޮޓަލެއް އިމާރާތް ކުރުމަށް 3،200 އަކަފޫޓު، ރެސްޓޯރަންޓެއް އިމާރާތްކުރުމަށް 5،000 އަކަފޫޓު، ބީޗްބާރ ކްލަބެއް އިމާރާތްކުރުމަށް 5،000 އަކަފޫޓު، ސްޕާ އެންޑް ވެލްނެސް ސެންޓަރެއް ގާއިމުކުރުމަށް 6،000 އަކަފޫޓު ވޯޓަރ ސްޕޯޓްސް އަށް 4،500 އަކަފޫޓު، ކަނޑައަޅެޅިއެވެ. އަދި އައްޑޫ ސިޓީ ފޭދޫގައި ބީޗްހޮޓަލެއް އިމާރާތްކުރުމަށް 3،200 އަކަފޫޓް، ރެސްޓޯރަންޓެއް އިމާރާތްކުރުމަށް 5،000 އަކަފޫޓު، ސްޕާ އެންޑް ވެލްނެސް ސެންޓަރެއް އިމާރާތްކުރުމަށް 6،000 އަކަފޫޓު، އަދި ވޯޓަރ ސްޕޯޓްސް ސެންޓަރެއް ގާއިމުކުރުމަށް 4،500 އަކަފޫޓު ދޫކުރުމަށް ކަނޑައެޅިއެވެ. އައްޑު އަތޮޅުގެ ފޭދުން ބިންދޫކުރުމަށް އެޑޮކިއުމެންޓްގައި ކަނޑައަޅާފައިވަނީ ފޭދޫގައި އަލަށް ހިއްކާފައި އޮތް ބިމުންނެވެ.
އައްޑު އަތޮޅުގެ ހުޅުދޫގައި ބީޗް ހޮޓަލެއް އިމާރާތްކުރުމަށް 3،200 އަކަފޫޓު، ރެސްޓޯރެންޓް އިމާރާތްކުރުމަށް 5،000 އަކަފޫޓު، ބީޗްބާރ ކްލަބް އެއް އިމާރާތްކުރުމަށް 5،000 އަކަފޫޓު ސްޕާ އެންޑް ވެލްނެސް ސެންޓަރެއް އިމާރާތް ކުރުމަށް 6،000 އަކަފޫޓު އަދި ވޯޓަރ ސްޕޯޓްސް އަށް 4،500 އަކަފޫޓު، ސްޕޯޓްސް އެންޑް ރިކްރިއޭޝަން އަށް 4،500 އަކަފޫޓު، ކޮމާޝަލް ބޭނުންތަކަށް 30،000 އަކަފޫޓު އެ ޑޮކިއުމެންޓްގައި ކަނޑައެޅިއެވެ. އައްޑު އަތޮޅުގެ މީދޫގައި ބީޗް ހޮޓަލެއް އިމާރާތް ކުރުމަށް ކަނޑައަޅާފައިވަނީ 3،200 އަކަފޫޓެވެ. އަދި ރެސްޓޯރަންޓް އަށް 5،000 އަކަފޫޓު، ބީޗްބާރ ކްލަބް އަށް 5،000 އަކަފޫޓް ސްޕާރ އެންޑް ވެލްނެސް ސެންޓަރަށް 6،000 އަކަފޫޓު، ސްޕޯޓްސް އެންޑް ރިކްރިއޭޝަނަށް 4،500 އަކަފޫޓް ކަނޑައެޅިއެވެ.
އައްޑު އަތޮޅު މަރަދޫގައި ބީޗްހޮޓަލެއް ގާއިމުކުރުމަށް 3،000 އަކަފޫޓުގެ ބިމެއް ދޫކުރުމަށް އެޑޮކިއުމެންޓްގައި ކަނޑައަޅާފައިވާއިރު ރެސްޓޯރެންޓް އަށް 5،120 ބީޗްބާރ ކްލަބް އަށް 5،000، ސްޕާރ އެންޑް ވެލްނެސް ސެންޓަރ އަށް 6،000 ސްޕޯޓްސް ރެކްރިއޭޝަނަށް 4،500 ވޯޓަރ ސްޕޯޓްސް އަށް 4،500 އަދި އެރައިވަލް ރެސްޓޯރެންޓް އަށް 5،000 އަކަފޫޓު ކަނޑައެޅިއެވެ.
މީގެ އިތުރަށް "ހިކަހެރަ" އިގައިވެސް ބީޗްހޮޓަލެއް، ރެސްޓޯރެންޓެއް، ބީޗްބާރ ކްލަބެއް، ވޯޓަރ ސްޕޯޓްސް ސެންޓަރ، ރިކްރިއޭޝަނަލް އޭރިއާ އެއް ގާއިމުކުރުމަށް ބިންކަނޑައެޅިއެވެ. މިފޯރަމްގެ ބައިވެރިންގެ ތެރެއިން ބައެއް ފަރާތްތަކުން އެކަމަށް ޓަކައި ތައްޔާރު ކުރެވިފައިވާ އެޕްލިކޭޝަން ފޯރމްތައް ފުރިކަމަށް ވެއެވެ. ނަމަވެސް ދައުރުބަދަލުވެގެން ދިޔައިރުވެސް އެއިން އެއްވެސް ފަރާތަކަށް ބިންދޫކުރެވިފައިނުވެއެވެ.