އައްޑުއަށް ވާރޭވެހި ބައެއް ހިސާބުތަކުގައި ފެންބޮޑު ވެއްޖެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫސިޓީއަށް މިއަދު ވާރޭ ވެހި ބައެއް އަވަށްތަކުގައި ފެންބޮޑުވެއްޖެއެވެ.

ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރ އަހުމަދު  އަމަން އަލީ (ޓޮމް) ވިދާޅުވީ ފެންބޮޑުވެފައިވަނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫގައި ކަމަށެވެ. އޭގެ ތެރެއިން ފެން އެންމެ ބޮޑުވީ ހިތަދޫގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފެން ބޮޑުވި އަވަށްތަކަށް ސިފައިންނާއި، ހައުސިން މިނިސްޓްރީއާއި، ޕަބްލިކް ވޯކްސް ސާވިސް އާއި ހިތަދޫ ފަޔަރުން ނުކުމެ ވަނީ ފެން ހިންދުމުގެ މަސައްކަތް ކޮށްފައެވެ.

އަމަން ވިދާޅުވީ އެންމެ ބޮޑަށް ފެންބޮޑުވި ހިތަދޫގެ ތިން ދިމާއެއްގައި ހައިމާކުން ކޯރު ކޮނެގެން މިހާރުވަނީ ފެން ބޭރުކޮށްފައި ކަމަށެވެ. އޭގެ އިތުރަށް މަރަދުއާއި، މަރަދޫފޭދުއާއި، ފޭދޫގައި ބޮޑުވި ފެން ހިއްކައިފައިވަނީ ސިފައިން ނުކުމެ ޕަންޕު ޖަހައިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިތަންތަން ގުޅިގެން ކުރި މަސައްކަތުން ވަނީ ފެން ހިންދިފައި. އައްޑުއަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމުން ވަރަށް އަވަހަށް އަޅުގަނޑުމެން އެތަނަކަށް ގޮސް އެކަމެއް ހައްލު ކޮށްދެއްވުމަށް މަސައްކަތް ކުރަން،" އަމަން ވިދާޅުވިއެވެ.

މިރޭ ފެން ބޮޑުވެ ބައެއް މަގުތަކާއި ގޯތިތެރެއަށް ވަނީ ފެންވަދެ ފައެވެ. އޭގެ ސަބަބުން އެއްޗެއްހި ދުއްވުމަށާއި ހިނގައި ބިނގައި އުޅުމަށްވެސް ވަރަށް ބޮޑަށް ދަތިވިއެވެ.

ފެން މުޅިން ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.