ހައްޖު ކޯޕަރޭޝަންގެ ހާޖީންގެ ދެވަނަ ޕްލައިޓުން މިއަދު ޙައްޖަށް ފުރަން ދިޔަ މީހެއްގެ ޕާސްޕޯޓްގައި ވިސާ ނުޖަހައި އޮތުމުން އޭނާ އެއަރ ޕޯޓްގައި ދޮޅުގަޑިއެއްހާއިރު ވާނުވާ ނޭނގި މަޑުކޮށްގެން ހުންނަން ޖެހިއްޖެއެވެ. ނަމަވެސް ޙައްޖު ކޯޕަރޭޝަންގެ އޮފިޝަލުން ދޮޅު ގަޑިއެއްހާ އިރުތެރޭގައި އޭނާގެ ޕާސްޕޯރޓްގައި ވިސާ ޖަހައި އޭނާ އަށް ފުރޭނެ އިންތިޒާމު ވަނީ ހަމަޖައްސަވައިފއެވެ.
މިމައްސަލަ ދިމާ ވެފައިވަނީ ޙައްޖު ކޯޕްރޭޝަންގެ ޙަވާލުގައި ޙައްޖަށްދިޔަ އިންޑިއާގެ ރައްޔިތަކަށެވެ. އެއީ ދިވެހި ފިރިހެނަކާ އިނދެގެން އުޅޭ އިންޑިއާގެ ރައްޔިތެކެވެ. އަނބިމިހާގެ ވިސާކަންތައް ހަމަޖެހެންދެން ދިވެހި ފިރިހެން މީހާވެސް ފުރާގިމަތައަށް ނުވަދެ ހުންނަން ޖެހުނެވެ.
ހާޖީން ފުރާގިމަތައަށް ވަންނަމުން ދިޔައީ ޙައްޖު ކޯޕަރޭޝަގެ ސިސްޓަމުން އޭނާ އެތެރެވެއްޖެކަން ކަށަވަރު ކުރުމަށް ފަހު އެކޯޕަރޭޝަނުން ޕާސްޕޯރޓް ހަވާލުކުރުމުންނެވެ. އެގޮތުން އިންޑިއާ އަންހެން މީހާ ޕާސްޕޯރޓާ ޙަވާލުވުމަށް ގޮސް އެތަނުގައި ގިނަ އިރުވާތީ ވާނުވާ އޮޅުންފިލުވާލުމަށް އެތަނުގައި ޙަރަކާތް ތެރިވަމުން ދިޔަ ޙައްޖު ކޯޕަރޭޝަންގެ އެހީތެރިއެއްގެ ގާތުގައި ވެގެން އުޅޭ ގޮތް އަހާލުމުން ބުނީ ޕާސްޕޯރޓް ޕޮރޮސެސް ކުރަނީ ކަމުގައެވެ. ނަމަވެސް އަޅުގަނޑަކަށް އެބުނި އެއްޗެއް ސާފެއް ނުވިއެވެ. އެހެންކަމުން އެ ޙައްޖާޖީ އެތަނުގައި މާގިނައިރު ހުންނަންޖެހޭތީ އަނެއްކާވެސް ވެގެން އުޅޭ ގޮތް އޮޅުން ފިލުވާލަން އިރުކޮޅެއް ފަހުން ތަންކޮޅެއް އިސް އޮފިޝަލެއްގެ ގާތުގައި އަހާލުމުން ވިސާގެ މައްސަލައެއް ކުރިމަތިވެގެން އުޅެނީކަން އެނގުނެވެ. ނަމަވެސް ރަނގަޅަށް ސާފުވާ ގޮތެއް ނުވިއެވެ. އެހެންކަމުން އަނެއްކާވެސް އިރުކޮޅެއް ފަހުން އަޅުގަނޑު ގޮސް އިތުރަށް އެކަން އޮޅުން ފިލާތޯ ސުވާލު ކޮށްލުމުން ވިދާޅުވީ ޕާސްޕޯރޓްގައި ވިސާ ނުޖެހި އޮތްކަމަށެވެ. ފުރަން އަންނައިރު އޮންނަން ޖެހޭނީ ވިސާ ޖެހިފައި ނޫންތޯ؟ އަޅުގަނޑަށް ސުވާލު ކޮށްލެވުނެވެ. ޖަވާބުގައި ޙައްޖު ކޯޕަރޭޝަންގެ އޮފިޝަލް ވިދާޅުވީ ޙައްޖުވެރިންގެ ވިސާ ޖެހީވެސް ދެދުވަސް ކުރިން ކަމުގައެވެ. ކުރިން އެފަދަ މައްސަލައެއް ދިމާވެފައި ނުވާކަމަށް ޙައްޖު ކޯޕަރޭޝަންގެ ދިފާޢުގައި އެ އޮފިޝަލް ވިދާޅުވިއެވެ. އެ ކޯޕަރޭޝަނުން ބޭރުމީހުން ވެސް ޙައްޖަށް ގެންގޮސްފައި ވާނެކަމަށާއި އެފަދަ މައްސަލައެއް ދިމާ ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ފުރާގަޑި ކައިރިވަމުން އަންނަތީ އަނެއްކާވެސް އަޅުގަނޑު ގޮސް ކޯޕަރޭޝަންގެ އޮފިޝަލް ގާތު ފުރޭނެތޯ ޔަޤީން ކޮށްލަދެއްވުމަށް އެދުމުން ވިދާޅުވީ ވިސާޖެހުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށާއި މިއަދުގެ ޕްލައިޓުން ފުރޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް ކުރެވެން އޮތްހާ ކަމެއް ކޮށްދެއްވާނެ ކަމުގައެވެ. އިރުކޮޅެއްފަހުން އެ އޮފިޝަލް ޕާސްޕޯރޓް ހިއްޕަވައިގެން ވިސާ ޖެއްސެވުމަށްޓަކައި މާލެ ވަޑައިގެންނެވިއެވެ. އަދި ބައިގަޑިއެއްހާ އިރުތެރޭގައި ޕާސްޕޯރޓް ހިފައިގެން އެނބުރި ވަޑައިގެން، އެ ދެ ޙާޖީން ގޮވައިގެން ފުރާ ގިމަތައިގެ ތެރެއަށް ވެންނެވިއެވެ.
އަޅުގަނޑަކީ، އިންޑިޔާގެ ހާޖީ ފުރުވަން އެތަނަށް ދިޔަ މީހަކަށް ވުމުން މިކަން ހިނގާ ދިޔައީ އަޅުގަނޑުގެ ކުރިމަތީގައެވެ.
ޙައްޖު ކޯޕަރޭޝަނުން ޙައްޖަށްދާ މީހުންގެ ފަހު ފުލައިޓް ފުރާނީ މާދަމައެވެ. ހައްޖުކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖަށްދާ މީހުންގެ ފުރަތަމަ ފްލައިޓް ފުރީ އިއްޔެއެވެ.
ރާއްޖެއިން ޙައްޖަށްދާ މީހުންގެ ފުރަތަމަ ގްރޫޕް ފުރީ މިމަހު 21 ވަނަ ދުވަހުއެވެ. އެއީ ޒަޢީމާ ޙައްޖު ގުރޫޕުގެ ޙަވާލުގައި ޙައްޖަށް ދިޔަ 84 ހާޖީންނެވެ. މިއަހަރު ރާއްޖެއިން 2000 މީހުން ހައްޖަށް ދާނެއެވެ.
ޙައްޖު ކޯޕަރޭޝަނާއި ޒަޢީމާ ގުރޫޕުގެ އިތުރުން ތަޒްކިޔާ ގްރޫޕާއި ހަރަމައިން އާއި މިނާ އަދި އެކްރޯ ގްރޫޕްގެ ޙަވާލުގައި މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ދާނެއެވެ.