އިތިއޯޕިޔާގައި 12 ގަޑިއިރު ތެރޭގައި 350 މިލިއަން ގަސް އިންދައިފިއެވެ. އެ ގައުމުގެ އިސް މަސްއޫލުވެރިން ގަބޫލުފުޅުކުރައްވާ ގޮތުގައި މިއީ ދުނިޔޭގެ ރިކޯޑަކަށް ވާނެއެވެ.
އިތިއޯޕިޔާގެ ބޮޑުވަޒީރު އަޙްމަދު އަބީ ވަނީ ފާއިތުވި މޭ މަހު ފެއްޓެވި 'ގްރީން ލެގަސީ އިނިޝިއޭޓިވް' ގެ ދަށުން 4 ބިލިއަން ގަސް އިންދުމަށް ވަނީ ނިންމަވާފައެވެ.
މި ޖުލައި މަހުގެ 29 ވީ ހޯމަ ދަވަހަކީ އެ ޕްރޮގްރާމުގެ ދަށުން 200 މިލިއަން ގަސް އިންދުމަށް ކަނޑައަޅާފައި އޮތް ދުވަހެކެވެ. އެހެންނަމަވެސް، ގަސް އިންދުމަށް ހިންގި 12 ގަޑިއިރުގެ ހަރަކާތް ނިމުނު އިރު 350 މިލިއަނަށްވުރެ ގިނަ ގަސް ވަނީ އިންދާފައެވެ. ބޮޑުވަޒީރު އަޙްމަދު އަބީ ގަސް އިންދެވީ އަރްބާ މިންޗް އަވަށުގައެވެ.
އެ ގައުމުގެ މިނިސްޓަރ އޮފް އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ގެޓަހުން މެކޫރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އެ ދުވަހު 12 ގަޑިއިރުގެ ތެރޭގައި 353،633،660 ގަސް އިންދާފައި ވެއެވެ.
ހޯމަ ދުވަހު ބޮޑުވަޒީރު އަބީ އިސްވެ ހުންނަވައިގެން އިތިއޮޕިޔާގެ އެތައް މިލިއަން ބަޔަކު ވަނީ ނުކުމެ ގަސް އިންދާފައެވެ. އެ ހަރަކާތުގެ މެދުތެރެއިން ބޮޑުވަޒީރު އަބީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ފުރަތަމަ 6 ގަޑިއިރުގެ ތެރޭގައި 150 މިލިއަން ގަސް އިންދައިފި ކަމުގައެވެ.
އިތިއޯޕިޔާގައި ޖަންގަލީތައް ބެލެހެއްޓުމުގެ މަސައްކަތްކުރާ ފާމް އެފްރިކާ ޖަމްއިއްޔާއިން ބުނި ގޮތުގައި އިތިއޯޕިއާގައި ބޯ ޖަންގަލިތައް ދަނީ ހަލުވިކަމާއެކު ނެތެމުންނެވެ. 19 ވަނަ ގަރުނު ނިމުނު އިރު އިތިއޯޕިޔާގެ ބިމުގެ %30 އަކީ ޖަންގަލި ކަމުގައި ވީނަމަވެސް، މިހާރު އެ އަދަދު ވަނީ އެންމެ %4 އަށް ތިރިވެފައެވެ.
ގަސް އިންދުމުގެ ހަރަކާތަށްޓަކައި ބައެއް ސްކޫލްތަކާއި، ސަރުކާރުގެ އޮފީސްތައް ބަންދުކުރިއިރު، އެ ގައުމުގައި ހަރަކާތެރިވާ ބޭރު ޖަމާއަތްތަކުންވެސް އެ ހަރަކާތުގައި ބައިވެފައި ވެއެވެ.
ދަނޑުވެރިކަމާ ބެހޭ މަސްއޫލުވެރިން ހާމަކުރި ގޮތުގައި ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 2.6 ބިލިއަން ގަސް ވަނީ އިންދިފައެވެ.
މީގެ ކުރިން އެއް ދުވަހެއްގައި އެންމެ ގިނަ ގަސް އިންދުމުގެ ރިކޯޑް ހަދާފައި ވަނީ އިންޑިޔާއިންނެވެ. 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހު މަދްޔަޕްރަދޭޝް ސްޓޭޓުގައި 12 ގަޑިއިރުގެ ތެރޭގައި 66 މިލިއަން ގަސް އިންދައިގެންނެވެ.
އިތިއޯޕިއާއަކީ ނައިޖީރިއާ ފިޔަވައި އެފްރިކާގައި އެންމެ އާބާދީ ބޮޑު ގައުމެވެ. އެންމެ ފަހުގެ އަންދާޒާތަކުން ދައްކާ ގޮތުގައި އެ ގައުމެ އާބާދީ 112 މިލިއަނަށް އަރައެވެ.