(30 ޖުލައި 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އިމާމާ ސިހިފައި އޭނާއަށް ބަލައިލިއެވެ. "އެއީ ހަމައެކަނި ކަރުދާހުގައި ކުރެވުނު ކާވެންޏެއް. އަހަރެން ބުނީމެއްނު އެ ޢަހުދަކީ އެވަގުތަށް މުހިއްމު ވެެގެން ކުރި ކަމެކޭ. އެއީ ކާވެންޏެއް ނޫން."
ކަޅިޖަހައިނުލައި އޭނާ އިމާމާއާ ދިމާއަށް ބަލަން ހުއްޓެވެ. "އަހަރެން ޖަލާލް އާ ބައްދަލުކުރަން ލާހޯރަށް ދިޔަކަން އެނގޭތަ؟"
އިމާމާގެ މޫނުގެ ކުލަ ފަނޑުވިއެވެ. "އަހަރެންގެ ވާހަކަ ކިޔައިދިނިންތަ؟"
"ނޫން." ސާލާރް ބޯ ހޫރައިލިއެވެ.
"ކިއްވެ ނުބުނީ؟"
"ޖަލާލް މީހަކާ އިނދެފި." ސާލާރް ވަރަށް އާދައިގެ ގޮތަކަށް ބުނެލިއެވެ. އިމާމާގެ ނޭވާ މޭގައި ތާށިވިއެވެ. "މިހާރު ތިން ދުވަސް ވެއްޖެ" ސާލާރް ބުންޏެވެ. "އަންހެނުން ގޮވައިގެން އޭނާ ރަށުން ފުރާނެ ވަރަށް އަވަހަށް. އަހަންނަށް އެއްވެސް ވާހަކައެއް ނުބުނެވި އުޅެނިކޮށް އޭނާ ހުރިހާ ވާހަކައެއް ކިޔައިދީފި. ވެދާނެ އިމާމާގެ ވާހަކަ އިތުރަށް އަޑުއަހަން ބޭނުން ނުވާތީ ކަމަށް ވެސް. އޭނަގެ އަންހެނުންނަކީ ވެސް ޑޮކްޓަރެއް." ސާލާރް އިރުކޮޅަކަށް ހުއްޓާލާފައި އަނެއްކާ ވާހަކަ ފެށިއެވެ. "އޭނަގެ ކާވެނި އަަވަސްކުރީ އިމާމާ އާ ހެދިހެން ހީވަނީ." ސާލާރް މޫނަށް ރުލެއް ވެސް ނާރުވައި ދޮގުތަކެއް ހަދައިލިއެވެ.
"އަހަންނަކަށް ތި ވާހަކަ ގަބޫލެއް ނުކުރެވޭ." އޭނާގެ އަޑު މުޅި ތަނުގައި ގުގުމައިލިއެވެ.
"އާނ، އަހަންނަކަށް ވެސް ގަބޫލެއް ނުކުރެވޭ. އެހެންވީމަ އިމާމާވެސް ގަބޫލުކުރާނެ ކަމަކަށް އަހަރެން އުއްމީދެއް ނުކުރަން. އެކަމަކު އޭނަ މީހަކާ އިނދެފި. ބޭނުމިއްޔާ އޭނަޔަށް ގުޅާފަ އަހަންވީނު؟" ކަންބޮޑުވެފައިވާ ރާގަކަށް އޭނާ ބުނެލިއެވެ.
"އިމާމާ އިނީ މިހާރު ވާނުވާ ނޭނގިފައެވެ. މި ހިސާބަށް އަންނަން މަގު ދައްކައިދިން އުއްމީދުގެ ހުޅުކޮޅު ނިވުނީވެ. ގޮތެއް ހޯދަން ކީއްކުރަން ހެއްޔެވެ. މިހާރު އޭނާއަށް އޭނާގެ އަމިއްލަ ނަފްސު ވީ ތަނެއް ވެސް ނޭނގެއެވެ.
"މިހާރު އިމާމާގެ އަތްމަތީގައި އޮތީ، ގޮތެއް ނިންމުން. ލާހޯރަށް ގޮސްގެން ވަކި ކީއްކުރާނީ؟ އޭނައަކަށް އިމާމާ އާ ނީނދެވޭނެ. އެ އާއިލާއިން ބޯ ހިޔާވަހި ކަމެއް ވެސް ނުލިބޭެނެ. ރަނގަޅު ވާނީ ގޭ މީހުންނަށް ފަޅާ އެރުމުގެ ކުރިން ގެއަށް ދިޔައިއްޔާ."
އިމާމާ އަށް ހީވީ ސާލާރްގެ އަޑު އަންނަނީ ތަންކޮޅެއް ދުރުންހެންނެވެ. އޭނާ ސާލާރަށް ބަލާލައިފައި ވައި އަޑުން ބުންޏެވެ. "އަހަރެން ލާހޯރަށް ގެންގޮސްދީ."
"ޖަލާލް މެންގެ އަށް ތަ ދާނީ؟"
"ނޫން. އެގެއަކަށް ނުދާނަން. އެކަމަކު އަހަަންނަށް ދެން އަހަރެންގެ ގެއަކަށް ނުދެވޭނެ." އޭނާ ކުއްލިއަކަށް ސޯފާއިން ތެދުވިއެވެ. ސާލާރް ކަންބޮޑުވެފައި އޭނާއަށް ބަލާލާފައި ފުން ނޭވައެއް ލިއެވެ. "ނުވަތަ މިގޭ ދޮރާށްޓާ ހަމައަށް އަހަރެން ގެންގޮސްދީ. އަހަރެން ހިނގައިދާނަން. ދޮރުވާނު ގާތު ބުނޭ އަހަރެން ދޮރާށިން ބޭރަށް ނެރެދޭށޭ." އޭނާ ބިންމަތިން ދަބަސް ނެގިއެވެ.
"ބަސް ސްޓޮޕް ހުރީ ކިހައި ހިސާބެއްގައިކަން އެނގޭތަ؟ މި ބޯ ދުންފިނީގެ ތެރެއިން އެތަނަށް ދާން އެނގޭނެތަ؟"
"އަހަރެންގެ ހަޔާތުގައި ބާކީ އިތުރު އެއްޗެއް ނެތް އިރު މި ފިނިކަމާއި ދުންފިންޏަކީ ކޯޗެއް؟" އޭނާގެ ތުންފަތަށް ވެރިވި ހިނިތުންވުން ސާލާރަށް ފެނުނެވެ. ދެ ލޯ ހުރީ ކަރުނައިން ފުރިފައެވެ. އަތުގެ ނުފުށުން އޭނާ ކަރުނަ ފޮހެލައިފިއެވެ. އިމާމާ އާއެކު ލާހޯރަށް ކީއްކުރަންހެއްޔެވެ؟ އެއްވެސް ތަނަަކަށް ދިއުމުގެ ވިސްނުމެއް ސާލާރްގެ ނެތެވެ. އޭނާ ނިންޖާއިގެން ހަލާކުވަނީއެވެ. ކުރިމަތީގައި މިހިރަ އަންހެން ކުއްޖާއަކީ އޭނާ މާ ގަޔާވާ ކުއްޖެއް ނޫނެވެ.
"މަޑުކުރޭ، އަހަރެން ދާނަން." އެެހެން ބުނެވުނީ ކިހިނެއް، ކީއްވެގެން ކަމެއް ސާލާރަކަށް ނޭނގުނެވެ. އޭނާ ހެދުން ބަދަލުކުރަން ވަދެއްޖެއެވެ. އިރުކޮޅަކުން ނިދާ ހެދުން ބަދަލުކޮށް ޖީންސަކާއި ބޮޑު ޖެކެޓެއް ލައިގެން އޭނާ ނުކުމެއްޖެއެވެ. އަދި މޭޒުމަތިން ތަޅުދަނޑިފައްޗާއި ވޮލެޓާއި ގަޑި ނެގިއެވެ. އިމާމާ ކައިރިއަށް ހުއްޓިފައި ދަބަސް ހޯދަން އަތް ދިއްކޮށްލިއެވެ.
"ނޫން، އަހަންނަށް އުފުލޭނެ."
"ގެނޭ." އެހެން ބުނެފައި ދަބަސް އަތުލައި ކޮނޑުގައި އަޅުވައިލިއެވެ. ޕޯޗަށް ގޮސް ފަހަތު ސީޓުގައި ދަބަސް ބޭއްވިއެވެ. އަދި އިމާމާއަށް ކާރުގެ ކުރީ ދޮރު ހުޅުވައިދިނެވެ. ދޮރާށްޓާ ހަމައަށް ކާރު ދިއުމުން ދޮރުވާނު ދޮރު ހުޅުވައިދިނެވެ. ކުރީ ސީޓުގައި އިން އަންހެން ކުއްޖާ ފެނިފައި ދޮރުވާނުގެ މޫނަށް އެެރި ކުލަވަރު ސާލާރަށް ފެނުނެވެ. މި ގަޑީގައި އެ އަންހެން ކުއްޖާ އެގެއަށް ވަނީ ކިހިނެއްތޯ އާއި ކުރަނީ ކީއްތޯ އޭނާގެ ހިތަށް އަރާނެއެވެ.
"ބަސް ސްޓޮޕަށް ގެންގޮސްދޭނަން ދޯ؟" މައި މަގަށް ކާރު މިސްރާބު ޖެހުމުން އިމާމާ އެހިއެވެ.
ސާލާރް އޭނާއާ ދިމާއަށް ބަލައިލިއެވެ. "ނޫން. މިދަނީ ލާހޯރަށް." ސާލާރްގެ ނަޒަރު ހުއްޓިފައި ހުރީ ކުރިމަތިން ފެންނަން އޮތް މަގަށެވެ.
***
ހަތަރުވަނަ ބާބު
މަގުމަތިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ސާލާރްގެ ކާރު ދުންޖަހާފައި ކުރިއަށް ދެއެވެ. އޭނާގެ ކަނާއަތް އޮތީ ހުންގާނު މަތީގައެވެ. އާ ފުރޭތީ ވައަތުން އަނގަމަތީގައި އަތް އެޅިއެވެ. އޭނާ ނިންޖާ ހަނގުރާމަ ކުރަނީއެވެ. ޖެހިގެން ހުރި ސީޓުގައި މަޑުމަޑުން ރޮއިލަރޮއިލާ އިމާމާ އިނެވެ. އޭނާ ރޮނީކަން ސާލާރަށް އެނގެއެވެ. އިރުއިރުކޮޅުން އިމާމާ ކަރުނަ ފޮހެލައިފައި ނޭފަތް ފޮޅައިލައެވެ.
ސާލާރް ވެސް އިރުއިރުކޮޅުން އިމާމާ އަށް ބަލައިލައެވެ. އިމާމާ މަސަލަސް ކުރުވާކަށް އޭނާ މަސައްކަތެއް ނުކުރެއެވެ. އޭނާ ހީކުރީ އިމާމާ އަމިއްލައަށް ހަމައަކަށް އެޅޭނެ ކަމަށެވެ. ބައިގަޑިއެއް ހައި އިރު ވީ އިރުވެސް އިމާމާ ހުއްޓައެއް ނުލިއެވެ. ސާލާރް އޭނާ އާ ދިމާކުރަން ފެށިއެވެ.
"ތިހާ ދެރަވަންޏާ ގެއިން ފިލައިގެން ދާން ތިއުޅެނީ ކީއްވެ؟" ސާލާރް އެހިއެވެ. އިމާމާ ޖަވާބެއް ނުދެއެވެ. އިރުކޮޅެއް ފަހުން އޭނާ އަނެއްކާ ވެސް ބުންޏެވެ. "އަދިވެސް ވަގުތު އެބައޮތް. ގޭގައި ނޫޅޭ ކަމެއް އަދި އެކަކަށް ވެސް އެނގުނުހެން ހިއެއް ނުވޭ."
"އަަހަރެން ދެރައެއް ނުވޭ." ކުރަކި އަޑަކުން އިމާމާ ބުނެލިއެވެ.
"ދެން ތި ރޮނީ ކީއްވެގެން؟" ސާލާރް އެހިއެވެ.
"އެ ވާހަަކަ ބުނުމުގެ ބޭނުމެއް ނެތް." އޭނާ އަނެއްކާ ވެސް ކަރުނަ ފޮހެލައިފިއެވެ. ސާލާރް ޝައުގުވެރިކަމާއެކު އޭނާއަށް ބަލާލައިފައި އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ.
"ލާހޯރަށް ގޮސްފަ ދާނީ ކޮންތާކަށް؟"
"ނޭނގޭ."
އޭނާގެ ޖަވާބުން ސާލާރަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. "ކީކޭ ތިކިޔަނީ؟ ތި ދާން އުޅޭ ތަނެއް ނޭނގޭތަ؟"
"އަދި އެއް ނޭނގޭ."
"ދެން ކީއްކުރަން އެތަނަށް ދަނީ؟"
"އެހެން ކޮންތާކަށްތަ ދާނީ؟"
"އިސްލާމްއާބާދުގައި މަޑުކުރެވިދާނެއެއްނު؟"
"އިސްލާމްއާބާދުގެ ކޮންތާކު؟ ކާކާއެކު؟"
"ލާހޯރަކު ވެސް ނެތެއްނު ހުންނާނެ ތަނެއް. ޖަލާލް ނޫން މީހެއް." އޭނާ ބޭނުންވީ އިމާމާ ބުނާ އެއްޗެއް ބަލައިލާށެވެ. "ތިދަނީ އެގެއަށް ދޯ؟" ސާލާރް އަނެއްކާވެސް އެހިއެވެ.
"ނޫން. އަހަރެންގެ ހަޔާތުގައި މިހާރު ޖަލާލްގެ ނަމެއް ނެތް. އޭނަ ކައިރިއަށް ދާނީ ކިހިނެއް؟" އޭނާގެ އަޑުގައި ހުރީ ހިތާމައިގެ އަސަރުކަމެއް ރުޅީގެ އަސަރު ކަމެއް ސާލާރަކަށް ނޭނގުނެވެ.
"ދެން ކޮންތާކަށް ދާނީ؟" އަނެއްކާވެސް އޭނާ އެހިއެވެ.
"އެއެއް ބުނަން އެނގޭނީ އެތަނަށް ދެވުނީމަ، ކޮންތާކަށް ކަމެއް ކޮން ގެއަކަށް ކަމެއް."
ސާލާރް ޝައްކުގެ ނަޒަރަކުން އޭނާއާ ދިމާއަށް ބަލައިލިއެވެ. އެއީ ހަމަ ނޭނގިގެން ތޯ ނުވަތަ ބުނަން ބޭނުން ނުވަނީ ތޯ އޭނާ ހިތާހިތުން ސުވާލުކޮށްލިއެވެ. ކާރުތެރެއަށް އަނެއްކާވެސް ހިމޭންކަން ވެރިވިއެވެ.
"އިންނަން އުޅޭ މީހާ، ކޮން ނަމެއްތަ އޭނާއަަށް ކިޔަނީ؟ އަސްޖަދު ދޯ. އެއީ ހާދަ ރީތި ފިރިހެނެކޭ. އެހައި ހިތްހެޔޮ މީހެއް." ސާލާރް އަނެއްކާވެސް ހިމޭންކަން ނަގައިލިއެވެ. "އަނެކަކު... ޖަލާލް... އަސްޖަދާ އަޅައިބަލާއިރު އެއްވެސް މީހެއް ނޫން. އަސްޖަދަށް ކިހާ ދެރަގޮތެއް ތި ހަދަނީ؟"
އިމާމާ އަދިވެސް އަނގަޔަކުން ނުބުނެއެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ކުރިމަތިން ފެންނަ ބޮޑު މަގަށެވެ. ޖަވާބެއްގެ އިންތިޒާރުގައި ހުރެ ސާލާރް އަނެއްކާ ވެސް އިމާމާއަށް ބަލައިލިއެވެ. އޭނާ އިނީ ޖަވާބު ދޭން ބޭނުން ނުވެގެން ކަން ޔަގީންވިއެވެ. "ތިކުރަން އުޅޭ ކަންތައް އަހަންނަކަށް ނުވިސްނޭ އެއްގޮތަކަށް ވެސް. ތީ ވަރަށް އެހެންކަހަލަ ނިންމުމެއް. އެއަށް ވުރެ މާ ގޮތް ނޭނގޭ މީހެއް ތީ." ސާލާރް ބުންޏެވެ. މިފަހަރު އިމާމާ އޭނާއާ ދިމާއަށް ބަލައިލިއެވެ.
"ސާލާރަށް ވުރެ ވެސްތަ؟" އިމާމާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ. އެ ސުވާލަށް ދޭނެ ޖަވާބެއް ސާލާރަކަށް ނޭނގުނެވެ.
"އަހަރެންގެ ކޮން ކަމެއްތަ އާދަޔާޚިލާފު ވެގެން ތިއުޅެނީ؟" ސާލާރް އެހިއެވެ.
"އަހަންނަށް ވުރެ މާ ރަނގަޅަށް އެކަން އެނގޭނެ ސާލާރަށް."
"ތިބުނަނީ އަހަރެން އަމިއްލައަށް މަރުވާން އުޅޭ ވާހަކަ." އެ ސުވާލަސް ޖަވާބު ދިނީވެސް ސާލާރް އަމިއްލައަށެވެ. "އަހަރެން އަމިއްލައަށް މަރުވާކަށް ބޭނުމެއް ނޫން. ކުޑަ ކަމެއް ތަޖުރިބާ ކޮށްލަންވެގެން ކުރާ ކަމެއް އެއީ."
"ކޮން ކަހަލަ ތަޖުރިބާއެއް؟"
"އަހަރެން މި ސުވާލު ވަރަށް ގިނަ މީހުންނާ ކޮށްފިން. އެދެވޭ ޖަވާބެއް ނުލިބޭ. އެހެންވީމާ އެ ސުވާލުގެ ޖަވާބު ހޯދަން ކުރާ މަސައްކަތެއް އެއީ." ސާލާރް ބުނެލިއެވެ.
"ކޮން ސުވާލެއް؟"
"ވަރަށް އާދައިގެ ސުވާލެއް. އެކަމަކު އެ ސުވާލުުގެ ޖަވާބު އެއްވެސް މީހަކަށް ފަސޭހައެއް ނުވޭ. އަހަރެން ތަޖުރިބާ ކުރަން މިއުޅެނީ އަނިޔާއެއް ވެގެން މީހަކަށް ކުރެވޭ އިހުސާސްގެ ފަހުން ދެން އޮންނަ މަރުހަލާގައި ކުރެވެނީ ކޮން އިހުސާސެއްތޯ؟"
އޭނާއާ ދިމާއަށް ބަލަން އިނދެފައި އިމާމާ ބުންޏެވެ. "ތަދު."
"ތަދާއި ޖެހިގެން ދެން އޮންނަނީ ކޮން މަރުހަލާއެއް؟" ސާލަރް އަނެއްކާވެސް ކުރީ ސުވާލެކެވެ.
"ހުސްކަމެއް."
"އެއާއި ވިދިގެން އޮންނަނީ ކޯޗެއް؟" އެއީ އޭނާގެ އެންމެ އާއްމު ސުވާލެވެ.
"ނަރަކަ." އިމާމާ ޖަވާބު ދިނެވެ.
"ނަރަކައާއި ޖެހިގެން އޮންނަނީ ކޯޗެއް؟" ބުނާނެ އެއްޗެއް ނޭނގިފައި ސާލާރަށް ބަލަން އޭނާ އިނެވެ. "ނަރަކައާއި ޖެހިގެން އޮންނަނީ ކޯޗެއް؟" ސާލާރް ސުވާޅު ތަކުރާރު ކުރިއެވެ.
"ބިރެއް ނުގަނޭތަ؟" އިމާމާގެ އަޑުގައި ވަނީ ބީރައްޓެހި ކަމެވެ.
"ބިރުގަންނަންވީ ކޮންކަމަކާ؟" ސާލާރް ހައިރާންވެފައި އެހިއެވެ.
"ނަރަކަ ދެކެ. ނަރަކައިގެ ފަހަކުން އެހެން އެއްޗެއް ނޯންނާނެ. އެތަނަށް ދަނީ އެހެން ހުރިހައި ކަަމަކާ އެއްޗެއް ދޫކޮށްފަ. އޭގެ ފަހުން އޮންނާނީ ލައުނަތާއި ކޯފާއާާ. ކަލޭގެ ދުވަސް އޮންނާނީ ގޮސް ނިމިފަ. އޭގެ ފަހުން އެނގޭ އެއްޗަކުން ކުރާނީ ކޮން ފައިދާއެއް؟"
"ތިކިޔާ އެއްޗެއް އަހަންނަކަށް ނުވިސްނޭ." ސާލާރް ބުންޏެވެ.
"އަޅާނުލާ. މި ކިޔާ އެއްޗެއް އެނގޭނެ ދުވަހެއް އަންނާނެ. އޭރުން ތި ހުނުމުގެ ބަދަލުގައި ބިރުވެތިވާނެ. މަރު ދެކެ ބިރު ގަންނާނެ، ނަރަކަ ދެކެ ވެސް. އެ ހުރިހާ ކަމެއް މާތްﷲ ސާފުކޮށްދެއްވާނެ. އެދުވަހަކުން ތިކުރާ ސުވާލެއް ވެސް ނުކުރާނެ." އިމާމާ ބުނެލިއެވެ.
"ތީ އިމާމާގެ ރިސާލަތު ތަ؟" މަލާމާތުގެ ރާގަކަށް ސާލާރް ބުންޏެވެ.
"ނޫން." ހަމަ އެ ރާގުގައި އިމާމާ ބުންޏެވެ.
"ތަހުލީލެއް؟ އާނ. އަހަންނަށް ހީވަނީ އެހެން. އިމާމާ ވެސް ފުރާނަ ނަގައިލަން މަސައްކަތް ކުރީމު. އަހަރެން އެކަންކުރީ އަހަރެން ބޭނުންވާ ގޮތަށް، އިމާމާ ކުރީ އިމާމާ ބޭނުންވާ ގޮތަށް." ފިނިގޮތަކަށް ސާލާރް ބުންޏެވެ.
އިމާމާގެ ދެ ލޯ އަނެއްކާވެސް ކަރުނައިން ފުރިއްޖެއެވެ. އޭނާ ސާލާރަށް ބަލައިލިއެވެ. "ފުރާނަ ނަގައިލަން އަހަރެން އެއްވެސް ކަމެއް ނުކުރަން."
"ފިރިެހެނަކަށްޓަަކައި ގެދޮރު ދޫކޮށް ފިލުމަކީ އަމިއްލައަށް މަރުވުން ފަދަ ކަމެއް. އަހަންނަށް ބަލާބަލަ، އަހަންނަކީ ޚިޔާލު ތަނަވަސް، މިނިވަން ޚިޔާލުގެ މީހެއް. އަންހެން ކުއްޖަކު އޭނާ ބޭނުންވާ މީހަކާ އިންނަން އާއިލާއަށް ފިލައިގެން ދިޔުމަކީ އަހަރެން ދެކޭގޮތުގައި އެއްވެސް މައްސަލައެއް ނޫން. އެކަމަކު އެ ފިރިހެންމީހާ އޭނަޔާއެކު ހުންނަން ވާނެ. މީހެއްގެ ފިރިއަކަށްޓަކައި ގެއިން ފިލައިގެން ދިޔުން... ޕިސް... ޕިސް... އަހަންނަށް އެއްގޮތަކަށް ވެސް ނުވިސްނޭ، އެވެސް ތި އުމުރުގައި. ތީ ދުނިޔެއިން މޮޔަވުން."
"އަހަރެން ގެއިން މިދަނީ ފިރިހެނަކާ ހެދިއެއް ނޫން."
"ޖަލާލް އަންޞާރް." އޭނާ އިމާމާއަށް ހަނދާންކޮށްދިނެވެ.
"އަހަރެން މިދަނީ އޭނައަށްޓަކައެއް ނޫން!" އިމާމާ ހަޅޭއްލަވައިގަތެވެ. ސާލާރް ވި އުފަލެއް ބުނަން ވެސް ނޭނގުނެވެ. އިމާމާއަށް ބަލައިލަމުން އޭނާ ކާރުގެ ބުރަކި ޖެއްސިއެވެ.
(ނުނިމޭ)