
ހިނގާފާނެ އަލިފާނުގެ ހާދިސާއަކަށް ތައްޔާރުވެ ތިބުމަށާއި އަދި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަލިފާންނިންވުމުގައިފުލުހުންނާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑް ރެސްކިއު ސާވިސަސް ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުންނަށް ކުރިއަށް ގެންގޮސްފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑް ރެސްކިއު ސާވިސަސްގެ އެހީތެރިކަމާއެކު މި އޮކްޓޯބަރު މަހުގެ 13 ން ފެށިގެން ވިލިމާލޭގައި ކުރިއަށް ގެންދާ 2 ދުވަހުގެ މި ޕްރޮގްރާމް ސްޕެޝަލިސްޓް އޮޕަރޭޝަންސްގައި މަސައްކަތްކުރާ ހުރިހާ ފުލުހުންނަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
މި ޕްރޮގްރާމްގައި، އަލިފާނުގެ ހާދިސާއެއްގައި ފުލުހުން އަދާކުރަންޖެހޭ ދައުރުގެ އިތުރުން، ފަޔަރ އެންޑް ރެސްކިއުގެ ފަޔަރމަނުންނަށް އެހީތެރިވުމަށް ފުލުހުންނަށް ކުރެވިދާނެ ބައެއް ކަންތައްތަކާގުޅޭ މަޢުލުމާތު ފޯރުކޮށްދީފައިވެއެވެ. އަދި ފަޔަރ މަނުން ބޭނުންކުރާ ބައެއް އާލާތްތައް ބޭނުންކުރާނެ ގޮތާއި އެމީހުން ބޭނުންކުރާ ޓެކްނިކްތައް، ތަޖުރިބާކާރު ފަޔަރ މަނުންގެ ބެލުމުގެ ދަށުން ފަރިތަކޮށްފައިވެއެވެ. މީގެ އިތުރުންވެސް ތަފާތު ބާވަތްތަކުގެ އަލިފާނާ ބެހޭ މައުލޫމާތުގެ ތިއަރީ ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދަނީ ވިލިމާލޭގައި ހުންނަ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑް ރެސްކިއު ޓްރޭނިން ސްކޫލްގައެވެ.