މައްކާއަށައި މަދީނާއަށް ދިޔުމުގެ މަގުމަތީގައި އަށް ޙައްޖުވެރިޔަކު ބައިސްކަލުގައި ލަންޑަނުން ޤާހިރާއަށް މިއަދު އަތުވެއްޖެއެވެ. މި މީހުން މި ދަތުރުގައި ޖުމްލަ 60 ދުވަސް ހޭދަ ކުރާނެއެވެ. ބައިސްކަލުގައި މި ދަތުރު މި ގޮތަށް ކުރުމުގެ ބޭނުމަކީ އިސްލާމީ 4 ޤައުމެއްގައި ފަޤީރުންނަށް އެހީވުމަށް ޓަކައި ހިންގަން ރާވައިފައިވާ ޕްރޮގްރާމްތަކަކަށް ބޭނުންވާ 619 ހާސް ޑޮލަރު ހޯދުމެވެ.
މި ދަތުރުގައި މި އަށް މުސްލިމުން ތިން ބައްރެއްގައި ހިމެނޭ 17 ޤައުމަކަށް ޒިޔާރަތް ކުރާނެއެވެ. މި ދަތުރުގައި އެމީހުން ލަންޑަނުން މަދީނާއަށް 4 ހާސް މޭލު ކަޑަތު ކުރާނެއެވެ. އެއަށްފަހު އެމީހުން ދެން ދާނީ ޙައްޖުގެ އަޅުކަން އަދާކުރުމަށް ޓަކައި މައްކާއަށެވެ.މިއީ ޤަދީމީ ޒަމާނުގައި ޖަމަލު މަތީގައި ޙައްޖަށް މީހުން ދިޔަ ގޮތް ކޮޕީކޮށް ކުރާ ދަތުރެކެވެ.
މި އަށް މީހުންނަކީ ލަންޑަނުގައި ދިރި އުޅޭ ބައެކެވެ. މީގެ ތެރެއިން ހަތް މީހުންނަކީ އަޞްލު ޕާކިސްތާނު މީހންނެވެ. އަށްވަނަ މީހާއަކީ އަސްލު ސިލޯނު މީހެކެވެ.މި ޓީމުގެ އިސްވާރަކީ ޠާހިރު ޙަސަން އަޚްތަރު ( 45 އަހަރު) އެވެ. އޭނާ ހާމަކުރި ގޮތުގައި މި ދަތުރުގައި ތަފާތު ގޮންޖެހުންތަކާ ވަނީ ކުރިމަތިވެފައެވެ.އޭނާ ހާމަކުރި ގޮތުގައި ސްވިޒަރލޭންޑްގައި އެލްޕް ފަރުބަދަ މައްޗަށް އަރަން ޖެހުނެވެ. އެއީ 3 ހާސް މީޓަރު އުސް ތަނެކެވެ. މި 8 މީހުން މިޞްރުގެ ޣަރްދަޤާ އިން ޖިއްދާއަށް ދާނީ ކަނޑު މަގުންނެވެ.
މި ދަތުރުން އެއްކުރެވޭ ފައިސާ ހޭދަކުރާނީ ޕާކިސްތާނާއި ސްރީލަންކާއާއި ދެކުނު އެފްރިކާއާއި ޔޫގެންޑާގައި މުސްލިމުންނަށް މަދްރަސާތަކާއި މިސްކިތްތަކާއި ބޯފެންވަޅުތައް ކޮނެ ދިނުމަށެވެ.