(19 ޖުލައި 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ސުންނަތްތައް އެޅުން
ސުންނަތް ކަންތައްތަކަކީ ﷲގެ ޙަޟްރަތުން އިތުރު ސވާބަށާއި ދަރުމައަށް އެދި ﷲގެ އަޅާ ކުރާ ވާޖިބުނޫން ކަންތައްތަކެވެ. މާތްﷲ ފަރްޟުކުރައްވާފައިވާ ކަންތައްތައް އަދާ ކުރާއިރު އެ ކަންކަމުގައި ޖެހޭ ލައްތަކާއި އެކަންކަމުގެ ތެރޭގައި ބޭއިޚްތިޔާރީ ގޮތުން ކުރެވޭ ކުށްތަކާއި ޖެހޭ މިލަތަކުން ޠާހިރުވެ ގަތުމަށް ޓަކައި މާތް ﷲ ދެއްވާފައި ވަސީލަތަކީ ސުންނަތް ކަންތައްތަކެވެ.މިހެންވެ ފަރްޟު ކަންތައްތަކާއެކު ކުރަން ޖެހޭ ސުންނަތް ކަންތައްތަކެއް ވެއެވެ. ނަމާދާ ގުޅިފައިވާ ރަވާތިބު ސުންނަތްތަކަކީ މި ފަދަ ވަސީލަތެކެވެ. ޤުދްސީ ޙަދީސެއްގައި ވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. އަރަހުށި ﷲ ވަޙީ ކުރެއްވިއެވެ. (( وَمَا يَزَالُ يَتَقَرَّبُ إِلَىَّ بِالنَّوَافِلِ حَتَّى أُحِبَّهُ فَإِذَا أَحْبَبْتُهُ كُنْتُ سَمْعَهُ الَّذِى يَسْمَعُ بِهِ وَبَصَرَهُ الَّذِى يُبْصِرُ بِهِ وَيَدَهُ الَّتِى يَبْطِشُ بِهَا وَرِجْلَهُ الَّتِى يَمْشِى بِهَا وَلَئِنْ سَأَلَنِى عَبْدِى أَعْطَيْتُهُ وَلَئِنِ اسْتَعَاذَنِى لأُعِيذَنَّهُ [1] - ތިމަންރަސްކަލާނގެ އަޅާ ތިމަންރަސްކަލާނގެ އޭނާ ދެކެ ލޯބިވެ ވޮޑިގަންފުމަށް ދާންދެން، ތިމަންރަސްކަލާނގެ ޙަޟްރަތާ ކުއްތަންވުމަށްޓަކައި ސުންނަތް ކަންތައްތައް ކުރުން މަތީ ދެމިހުރެތެވެ. ފަހެ ތިމަންރަސްކަލާނގެ އޭނާގެ ދެކެ ލޯބިވެ ވޮޑިގެންފިނަމަ އޭނާއަށް ރަނގަޅު އެއްޗެހި އިވޭނެ މަގު ތަނަވަސްކޮށް ދެއްވާ އެ މަގަށް ސީދާކޮށް ދެއްވާ ހުށީމެވެ. އަދި އޭނާއަށް ރަނގަޅު އެއްޗެހި ފެންނާނެ މަގު ފަހިކޮށް ދެއްވައި އެ މަގަށް އޭނާ ސީދާކޮށް ދެއްވާ ހުށީމެވެ. އަދި އޭނާގެ އަތުން ހެޔޮ ރަނގަޅު ކަންކަން ކުރެވޭނެ މަގު ދައްކަވައި އެ މަގަށް ސީދާކޮށް ދެއްވާ ހުށީމެވެ. އަދި އޭނާގެ ފައިން ހެޔޮ ރަނގަޅު ތަންތަނަށް ދެވޭނެ މަގު ތަނަވަސްކޮށް ދެއްވައި އެ ތަންތަނަށް ދެވޭނެ މަގު ފަހިކޮށް ދެއްވާ ހުށީމެވެ. ތިމަންރަސްކަލާނގެ އަޅާ ތިމަންރަސްކަލާނގެ ޙަޟްރަތުން ކަމަކަށް އެދިއްޖެނަމަ ތިމަންރަސްކަލާނގެ އޭނާއަށް އެ އެދުނު ކަމެއް ކޮށްދެއްވާހުށީމެވެ. އަދި ތިމަން ރަސްކަލާނގެ އަޅާ ތިމަންރަސްކަލާނގެ ޙަޟްރަތުން ރައްކައުތެރިކަމަކަށް އެދިއްޖެނަމަ ތިމަންރަސްކަލާނގެ އެކަމަކުން އޭނާ ރައްކައުތެރިކޮށް ދެއްވާހުށީމެވެ. ))
މަސައްކަތާއި ވަޒީފާގައި ކަންނެތްވުން
ވަޒީފާއަކީ ނުވަތަ ތިމާ ކުރާ ކޮންމެ މަސައްކަތަކީ އަމަނާތެކެވެ. އެކަމުގައި ފަރުވާކުޑަ ކުރުމަކީ ފާފަވެރިވާނެ ކަމެކެވެ. އެކަމެއް ފަރުވާތެރިކަމާއެކު ކުރުމަކީ އެކަމަށް ސަވާބު ލިބޭނެ ކަމެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. (( إنَّ اللهَ سَائِلٌ كُلَّ رَاعٍ عَمَّا اسْتَرْعَاهُ، أَحَفِظَ ذَلِكَ أَمْ ضَيَّعَ؟ حَتَّى يُسْألَ الرَجُلُ عَنْ أَهل ِبَيْتِهِ [2] - ހަމަކަށަވަރުން ﷲ އޭނާ ބެލެހެއްޓުމާ ޙަވާލުވި ކޮންމެ އެއްޗަކާ ބެހޭގޮތުން ކޮންމެ ބެލެހެއްޓުންތެރިއަކާ ސުވާލު ކުރައްވާނެތެވެ. އޭނާ އޭތި ރައްކައުތެރިކުރިތޯ ނުވަތަ އޭތި ނަގައިލީތޯ އައްސަވާނެތެވެ. މިހެންގޮސް އޭނާގެ އަހްލު ބައިތުންނާ ބެހޭގޮތުން ސުވާލު ކުރައްވައިފުމަށް ދާންދެނެވެ. )) މިއީ ދުރާލައި ދެއްވާފައިވާ އިންޒާރެކެވެ. މިކަމާމެދު ކޮންމެ ބުއްދިވެރިއަކު ވިސްނަންވާނެއެވެ.
ޞާލިޙު ޢަމަލުތައް ކުރެވޭނީ ކެތްތެރިވެގެން
އިޞްލާޙީ މަސައްކަތެއް ކުރެވޭނީ ، ފާސިދު ކަމެއް ބަދަލު ކުރެވޭނީ، މުޖްތަމަޢަށް ލާބަހުރި ކަމެއް ކޮށްދެވޭނީ ، މީހުންނަށް ފައިދާހުރި ކަމެއް ކުރެވޭނީ ކެތްތެރިކަމުގައި ދެމި ހުރެގެންނެވެ. ވަރުގަދަ ހިއްމަތަކާއި ހަރުދަނާ ޢަޒްމަކާލައިގެންނެވެ.މި ކަމުގައި މުއުމިނުންގެ ނަމޫނާއަކީ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނެވެ. މާތްﷲ އެކަމަށް ގޮވައިލައްވާ ވަޙީ ކުރެއްވިއެވެ. (( أُو۟لَـٰٓئِكَ ٱلَّذِينَ هَدَى ٱللَّـهُ فَبِهُدَىٰهُمُ ٱقْتَدِهْ [3] - އެބޭކަލުންނީ، اللَّه، ތެދުމަގު ދެއްކެވި ބޭކަލުންނެވެ. ފަހެ، އެބޭކަލުންގެ ތެދުމަގާ ކަލޭގެފާނު تبع ވެވަޑައިގަންނަވާށެވެ! )) އަދިވެސް ވަޙީ ކުރައްވިއެވެ. (( فَٱصْبِرْ كَمَا صَبَرَ أُو۟لُوا۟ ٱلْعَزْمِ مِنَ ٱلرُّسُلِ وَلَا تَسْتَعْجِل لَّهُمْ - ފަހެ، رسول ންގެ ތެރެއިން ގަދަހިތްވަރުފުޅުގެވެރި رسول ން (އެބަހީ: أولوالعزم ގެ ބޭކަލުން) ކެތްކުރެއްވި ފަދައިން ކަލޭގެފާނުވެސް ކެތްތެރިވެ ވަޑައިގަންނަވާށެވެ! އަދި އެއުރެންނަށް (عذاب) އަވަސްވުމަށް ކަލޭގެފާނު އެދިވަޑައިނުގަންނަވާށެވެ! ))
މާތް ﷲ ރުއްސުންލެއްވި އިބްނުލް މުންކަދިރު ވިދާޅުވިއެވެ. "ސީދާވގެންވާ މަގު މަށަށް ލިބުނީ ސާޅީސް އަހަރު މަގޭ ނަފްސާ ދެކޮޅަށް މަސައްކަތް ކުރި ފަހުންނެވެ." މާތް ﷲ ރުއްސުންލެއްވި ޘާބިތުލްބަނާނީ ވިދާޅުވިއެވެ. "ނަމާދު ކުރުމުގައި ވިހި އަހަރުވަންދެން ގަދައަޅައި މަސައްކަތް ކުރިފަހުން އެ ނަމާދުން ވިހި އަހަރު މަށަށް ނިޢުމަތް ލިބުނެވެ. " މި ބަސްފުޅުގެ މާނައަކީ ނަމާދު ކުރުން ލޮބުވެތި ކަމަކަށްވެ، ކުރާ ނަމާދުން އަރާމާއި ލައްޒަތު ލިބުނު އެއްޗެއް ކަމުގައިވި ނަފްސާ ދެކޮޅަށް ވިހި އަހަރު ގަދައަޅައި މަސައްކަތް ކުރުމުންނެވެ.
އަބަދުވެސް ހަދާންކުރަން ޖެހޭނެ ކަމަކީ ޢުމުރަކީ އަބަދުވެސް އުނިވަމުންދާނެ އެއްޗެއް ކަމެވެ. ފާއިތުވެގެންދާ ކޮންމެ އަހަރަކީ ، ކޮންމެ މަހަކީ ، ކޮންމެ ދުވަހަކީ ، ކޮންމެ ގަޑިއަކީ އަދި ކޮންމެ ހިދުކޮޅަކީ ޢުމުރުން މަދުވެގެންދާ ވަގުތުކޮޅެކެވެ. އެ އަނބުރާ ނުވެސް ހޯދޭނެތެވެ. އެހެންވީމާ ފައިދާއެއް ނެތް ކަމެއްގައި މި ވަގުތުކޮޅު ހޭދަ ކުރުން ހެޔޮވާނެތޯއެވެ؟ މާތް ﷲ ވަޙީ ކުރެއްވިއެވެ. (( هُوَ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ ذَلُولًا فَٱمْشُوا۟ فِى مَنَاكِبِهَا وَكُلُوا۟ مِن رِّزْقِهِۦ وَإِلَيْهِ ٱلنُّشُورُ [4] - އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، ފަސޭހަތަނެއް ކަމުގައި ބިން ލެއްވި ރަސްކަލާނގެއެވެ. ފަހެ، އެތާނގެ ކަންކޮޅުތަކުގައި ތިޔަބައިމީހުން ހިނގައި ދަތުރުކުރާށެވެ! އަދި އެކަލާނގެ ދެއްވި رزق ން ކާށެވެ! އަދި އަލުން ދިރުއްވައި ފޮނުއްވުންވަނީ، އެކަލާނގެ حضرة އަށެވެ. ))
ކަންނެތްކަމަކީ ނާކާމިޔާބު
ދުނިޔެއަށް ބަލައިއިރު ކަންނެތްކަމަކީ ނާކަމިޔާބީއަށާއި ނާރަށްވެހިކަމަށާއި، ފަޤީރުކަމަށާއި ޖާހިލުކަމަށް ވާޞިލުކޮށްދޭ މަގެވެ. ކަންނެތްކަމުން ޢިއްޒަތެއް ނުލިބޭނެއެވެ. ޙަޟާރަތެއް ބިނާއެއް ނުކުރެވޭނެއެވެ. ޤައުމަށާއި ވަޠަނަށް ބޭނުންވަނީ ވިސްނުންތޫނު، ކެރުންތެރި، ހީވާގި މީހުންނެވެ. މަތިވެރި ހިއްމަތްތެރި ސިކުނޑިތަކެވެ. ބާރުގަދަ މުލައްދަނޑިތަކެވެ. އޯގާވެރި، ސާފު، ލޮބުވެތި ހިތްތަކަށެވެ.
އާޚިރަތަށް ބަލައިއިރު ސުވަރުގެ ކާމިޔާބު ކުރެވޭނީ އަދި ނަރަކައިން ނަޖާވެވޭނީ ގަދައަޅައި މަސައްކަތްކޮށްގެންނެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( وَتِلْكَ ٱلْجَنَّةُ ٱلَّتِىٓ أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ [5] - އަދި އެއީ ތިޔަބައިމީހުން ކޮށްއުޅުނު ހެޔޮ عمل ތަކުގެ ސަބަބުން ތިޔަބައިމީހުންނަށް މިލްކުކޮށްދެއްވި ސުވަރުގެއެވެ. ))
މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނު އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. (( مَنْ خَافَ أَدْلَجَ وَمَنْ أَدْلَجَ بَلَغَ الْمَنْزِلَ أَلَا إِنَّ سِلْعَةَ اللَّهِ غَالِيَةٌ أَلَا إِنَّ سِلْعَةَ اللَّهِ الْجَنَّةُ [6] - މަގުފޭރޭމީހުން ދެކެ ބިރުގަންނަމީހާ ހިތްވަރާ ހުޝިޔާރުކަމާއެކު ރޭގަނޑުގައި ބާރަށް ދަތުރުކުރާނެތެވެ. ރޭގަނޑުގައި ބާރަށް ދަތުރުކުރިމީހާއަށް އޭނާގެ މަނޒިލަށް ވާޞިލުވެވޭނެތެވެ. ފަހެ ދަންނާށެވެ! ހަމަކަށަވަރުން ﷲގެ މުދަލަކީ އަގު ބޮޑު އެއްޗެކެވެ. ފަހެ ދަންނާށެވެ! ހަމަކަށަވަރުން ﷲގެ މުދަލަކީ ސުވަރުގެއެވެ. ))
[1] - رواه البخارى
[2] - أخرجه النسائي وابن حبان، وصححه الألباني في السلسلة الصحيحة.
[3] - الأنعام : 90
[4] - الملك : 15
[5] - الزخرف : 72
[6] - أخرجه الترمذي والحاكم، وصححه الألباني في صحيح الجامع.