ކަންނެތްކަމުގެ އާފަތެއް (1)

ކަންނެތްކަމަކީ އެކަމުގެ ނުބައިކަން ފަރްދުންނަށާއި މުޖްތަމަޢަށް ފޯރާ ބޮޑު އާފަތެކެވެ. އެއީ މީހާގެ ޝަޙްޞިއްޔަތު ހަލާކުކޮށް މުގުރައިލައި ކަމެކެވެ. ހަމައެފަދައިން އެއީ ޢުމުރުގެ ތާޒާކަން ނައްތައިލައި ކަމެކެވެ. ކަންނެތްކަމުގެ ސަބަބުން ޙަޔާތުގެ ފުޅައު ރާސްތާ ހަނިވެ، ފަހަތަށް ސޮއްސައިލައިގެން ދެއެވެ. އޭނާގެ އަގު ވެއްޓި މުޖްތަމަޢުގައި އޭނާގެ ޤަދަރު ވެއްޓިގެން ދެއެވެ.

މިހެންވެ ތެދުވެރި މުއުމިނުންނަކީ ކަންނެތްކަމަށް ނަފްރަތު ކުރާ އެކަމާ ދުރުހެލިވުމަށް ގަދައަޅައި މަސައްކަތް ކުރާ ބަޔެކެވެ.ކަންނެތްކަމުން ދުރުކޮށްދެއްވުމަށް އެދި މުއުމިނުން ދުޢާކުރާނެތެވެ. ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމް ގެ ދުޢާފުޅުތަކުގެ ތެރޭގައި މި އަންނަ ދުޢާ ވެއެވެ. (( اللَّهُمَّ إِنِّى أَعُوذُ بِكَ مِنَ الْهَمِّ وَالْحَزَنِ وَأَعُوذُ بِكَ مِنَ الْعَجْزِ وَالْكَسَلِ وَأَعُوذُ بِكَ مِنَ الْجُبْنِ وَالْبُخْلِ وَأَعُوذُ بِكَ مِنْ غَلَبَةِ الدَّيْنِ وَقَهْرِ الرِّجَالِ [1] ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ކަންބޮޑުވުމާއި ހިތާމަވެރިކަމުން މި އަޅާ ރައްކައުތެރިކޮށް ދެއްވުން އެދި އިބަރަސްކަލާނގެ ޙަޟްރަތުން ޙިމާޔަތަށް  އެދެމުއެވެ. އަދި ނުކުޅެދުންތެރިކަމާއި ކަންނެތްކަމުން މި އަޅާ ރައްކައުތެރިކޮށް ދެއްވުން އެދި އިބަރަސްކަލާނގެ ޙަޟްރަތުން ޙިމާޔަތަށް އެދެމުއެވެ.އަދި ފިޑިކަމާއި ދަހިވެތިކަމުން ރައްކައުތެރިކޮށް ދެއްވުން އެދި މި އަޅާ އިބަރަސްކަލާނގެ ޙަޟްރަތުން ޙިމާޔަތަށް އެދެމުއެވެ. އަދި ދަރަނިވެރިކަމުގެ ގަދަވެގަތުމުންނާއި މީހުންގެ އަތްގަދަކުރުން މަތިން ރައްކައުތެރިކޮށް ދެއްވުން އެދި މި އަޅާ އިބަރަސްކަލާނގެ ޙަޟްރަތުން ޙިމާޔަތަށް އެދެމުއެވެ. ))

އިންސާނިއްޔަތުކަމުގެ ތޮށިގަނޑުން ބޭރުވުން

މާތް ﷲ ރުއްސުންލެއްވި ރާޣިބުލް އަޞްފަހާނީ ވިދާޅުވާ ގޮތުގައި ކަންނެތްވެ ފަހަތަށް ޖެހޭ މީހާ އިންސާނިއްޔަތުކަމުގެ ތޮށިގަނޑުން ބޭރުވެއްޖެއެވެ. އަދި ކިއެއްހެއްޔެވެ! އެ މީހާ ޙައިވާނިއްޔަތުކަމުގެ ތޮށިގަނޑުން ވެސް ބޭރުވެއްޖެއެވެ. އެ މީހަ އެ ވަނީ މައްޔިތުންގެ ގިންތިއަށް ފުރޮޅިގަންފައެވެ. ކަންނެތްކަމަށް އާދަވެ ރާޙަތަށް ލެބިގަންފި މީހާއަށް ރާޙަތެއް ނެތެވެ. ޙިކްމަތްތެރި ބަހެއް ބުނާ ގޮތުގައި ބުރައުފުއްލަން ބޭނުން ނުވާ މީހާ ބުރަ އުފުއްލާށެވެ. އޭރުން އެމީހާއަށް ބުރަ އުފުއްލާކަށް ނުޖެހޭނެއެވެ. މި ފަދަ އެހެން ބަހެއް ބުނަނީ : ތިބާ ކަންނެތްވެ ފޫހި ނުވާށެވެ! ފަހެ ތިބާ ކަންނެތްވެއްޖެނަމަ އެއްވެސް ޙައްޤެއް އަދައެއް ނުކުރެވޭނެއެވެ. ތިބާ ފޫހިވެއްޖެނަމަ ޙައްޤުގެ މަތީ ދެމިއެއް ނުހުރެވޭނެއެވެ.

ކަމެއް ނުކޮށް ހުރުމަކީ (ކަންނެތްވުމަކީ)  އިންސާނީ ހައިއަތު އުވާލައި ކަމެކެވެ. ސައެންޓިސްޓުން ބުނާގޮތުގައި އެއްވެސް ގުނަވަނެއް ބޭނުން ނުކުރަން ފަށައިފިނަމަ އެ ގުވަނެއް ކުރާ މަސައްކަތް ކުރުން ހުއްޓިދާނެއެވެ. ނިދަން އޮށޮއޮވެ ލޯ މަރައިލުމުން ލޮލުގެ މަސައްކަތް ހުއްޓި ދެއެވެ. މާތް ﷲ އެކަލާނގެ ހެއްދެވި ކޮންމެ އެއްޗަކަށް ރިޒްޤު ދެއްވިނަމަވެސް މި ރިޒްޤު އޭނާގެ ގާތަށް އަންނާނީ އެކަމަށް ޓަކައި މަސައްކަތް ކުރީމައެވެ. ކީރިތި ރަސޫލާ ޙަދީސް ކުރެއްވިއެވެ. (( لَوْ أَنَّكُمْ تَتَوَكَّلُونَ عَلَى اللَّهِ حَقَّ تَوَكُّلِهِ لَرَزَقَكُمْ كَمَا يَرْزُقُ الطَّيْرَ تَغْدُو خِمَاصًا وَتَرُوحُ بِطَانًا [2] ތިޔަބައިމީހުން ﷲއަށް ވަކީލުކުރަން ޖެހޭ ޙައްޤުގޮތަށް ވަކީލު ކުރާނަމަ އެކަލާނގެ ތިޔަބައިމީހުންނަށް ރިޒްޤު ދެއްވާނެކަން ކަށަވަރެވެ. އެކަލާނގެ ދޫންޏަށް ރިޒްޤު ދެއްވާ ފަދައިންނެވެ. އެ ސޮރުމެން ހެދުނު ހާލިން ނުކުމެގެން ދަނީ ހުސް ބަނޑާއެވެ. ހަވީރު ހާއްޔަށް އަނބުރާ އަންނަނީ ބަނޑުފުރައިލައިގެންނެވެ. )) މި ބަސްފުޅުން އެނގޭގޮތުގައި ދޫނިސޫފާސޫތްޕަށް ވެސް ކާން ލިބެނީ އެކަމަށް ޓަކައި ޙަރަކާތްތެރިވެގެންނެވެ. ކަންނެތްވެ ހާލީގައި އޮވެއްޖެނަމަ އެ ސޮރުމެންނަށް ރިޒްޤެއް ނުލިބޭނެއެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ﷲއަށް ވަކީލު ކުރުމަކީ އެކަމަކަށް ޓަކައި މަސައްކަތް ކުރަން ޖެހޭ ގޮތަށް މަސައްކަތް ކުރުމެވެ.

ﷲ ސުބްޙާނަހޫ ވަ ތަޢާލާ ވަޙީ ކުރައްވަނީ ކީކޭތޯ ބަލަމާ ހިނގާށެވެ! އެކަލާނގެ ވަޙީ ކުރެއްވިއެވެ. (( فَإِذَا قُضِيَتِ ٱلصَّلَوٰةُ فَٱنتَشِرُوا۟ فِى ٱلْأَرْضِ وَٱبْتَغُوا مِن فَضْلِ ٱللَّـهِ [3] ފަހެ، ނަމާދުކޮށް އަވަދިވެއްޖެހިނދު، ފަހެ، ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ! (އެބަހީ: حياة ގެ މައިދާނަށް ނުކުންނާށެވެ!) އަދި ތިޔަބައިމީހުން اللَّه ގެ فضل ވަންތަކަމުން (ދެއްވުމަށް) އެދޭށެވެ!  )) އެހެންކަމުން އިންސާނާ ޙަރަކާތާ ދުރހެލިވުމަކީ (ކަންނެތް ވުމަކީ) އޭނާގެ އިންސާނީވަންތަކަމާ ދުރަށް ދިޔުމެވެ. އިންސާނީވަންތަކަމުގެ ތޮށިގަނޑުން ބޭރަށް ނުކުތުމެވެ.

ކަންނެތް ވުމުން ހަށިގަނޑު ބަރުހެލިވުމަށް އާދަވާ ފަދައިން ވިސްނުމާއި ފިކްރުކުރުމާ ދުރަށް ދިޔުމުން އިންސާނާ ގަނބުވެގެން ދާނެއެވެ.މިހެންވެ އިސްލާންދީން ގޮވައިލަނީ މުސްލިމުން އަބަދުވެސް ތައްޔާރީ ޙާލަތުގައި ތިބުމަށެވެ. އަބަދުވެސް ތަމްރީނު ހޯދުން މަތީގައި ތިބުމަށެވެ. މާތް ﷲ ރުއްސުންލެއްވި ޢުމަރު ބުނުލް ޚައްޠާބު ވިދާޅުވިއެވެ. (( علموا أولادكم السباحة والرمي والفروسية  - ތިޔަބައިމީހުންގެ ދަރީންނަށް ފަތާށާއި ދުނިދަނޑީގެ ހެވިކަމާއި އަސްވާރުކަން އުނގަންނާދޭށެވެ! ))

ކަންނަތްކަމުގެ ގެއްލުންތައް

ކަންނެތްކަމުގެ ސަބަބުން އެ މީހާގެ އަމިއްލަ ނަފްސަށާއި އެ މީހާގެ ޢާއިލާއަށާއި މުޖްތަމަޢަށް ލިބޭނީ ގއްލުމާއި ހަލާކެވެ. ކަންނެތްވުމުގެ ސަބަބުން އޭނާ  ޢިއްޒަތްތެރިކަމުން ނިކަމެތިކަމަށް ، މުއްސަނދިކަމުން ފަޤީރުކަމަށް، ވިސްނުން ތޫނުކަމުން ގަނބުކަމަށް، މަތިވެރިކަމުން ދަށު ދަރަޖައަށް ، ހީވާނގިކަމުން  ބުރަހެލިކަމަށް . އެންމެހާ ރިވެތި ސިފަތަކުން ހުތުރު ސިފަތަކަށް އެ މީހާ ވެއްޓިގެން ދާނެއެވެ.

ކަންނެތްމީހާ އޭނާގެ ނަފްސަށް ވެސް އަދި އެހެން މީހަކަށް ވެސް ފައިދާއެއް ނުކޮށްދޭނެއެވެ. އެއީ ޢަޒްމެއްނެތް މީހެކެވެ. ހިތްވަރެއްނެތް މީހެކެވެ. ބުރަ އުފުލުމަކާ ނުލައި ފައިދާ ޙާޞިލުކުރުމަށް އެދޭ މީހެކެވެ. އެހެންކަމުން ކަންނެތްކަމުން ޤައުމު ދާނީ ދަށަށެވެ. ކުރިއެރުމެއް ނުލިބޭނެއެވެ. ކަންނެތްކަމުން ޤައުމުގައި ފެތުރޭނީ ފަޤީރުކަމާއި ވަޒީފާ ނުލިބުމުގެ އާފަތެވެ. ޤައުމުގައި ފެތުރޭނީ ވައްކަމާއި ޖަރީމާތަކެވެ. 

ކަންނެތްކަމުގެ ބައެއް ޢަލާމަތްތައް

ކަންނެތްކަމުގެ ޢަލާމާތްތައް ވަރަށް ގިނައެވެ. ދީނީ ކަންތައްތަކުގެ ތެރެއިންނާއި ޙަޔާތުގެ ތަފާތު ކަންތަކުގެ ތެރެއިން  މި އަލާމަތްތައް ފާޅުވެއެވެ. މިސާލަކަށް :-

ފަރްޟުތަކާއި ވާޖިބުތައް އަދާކުރުމުގައި ބުރަހެލިވުން

 ބައެއް މީހުން އެމީހުންގެ މައްޗަށް އެމީހުންގެ ޚާލިޤު ފަރްޟު ކުރައްވައިފައިވާ ބައެއް ފަރްޟުތަކާއި ވާޖިބުތައް އަދާކުރުމުގައި ކަންނެތްވާ ތަން ފެނެއެވެ. މި ކަމުގެ ސަބަބުން އެމީހުންނަށް މި ވާޖިބުތައް އަދާކުރުން ބުރަކަމަކަށް ވެދެއެވެ. އެ ކަންކަން އަދާކުރުމުގައި ފަސްޖެހި ދުރަށް ޖެހޭތަން ފެނެއެވެ.އެމީހުން ޚަލީޤުވަންތަ ﷲއަށް ބޯލެބުމުގެ ބަދަލުގައި ޝައިޠާނާގެ ވަސްވާސްތަކަށް ހެއްލިގެންދާ ތަން ފެނެއެވެ. ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. (( يَعْقِدُ الشَّيْطَانُ عَلَى قَافِيَةِ رَأْسِ أَحَدِكُمْ إِذَا هُوَ نَامَ ثَلاثَ عُقَدٍ يَضْرِبُ مَكَانَ كُلِّ عُقْدَةٍ : عَلَيْكَ لَيْلٌ طَوِيلٌ فَأَرْقُدَ ، فَإِنِ اسْتَيْقَظَ فَذَكَرَ اللَّهَ انْحَلَّتْ عُقْدَةٌ ، فَإِنْ تَوَضَّأَ انْحَلَّتْ عُقْدَةٌ ، فَإِنْ صَلَّى انْحَلَّتْ عُقْدَةٌ ، فَأَصْبَحَ نَشِيطًا طَيِّبَ النَّفْسِ ، وَإِلا أَصْبَحَ خَبِيثَ النَّفْسِ كَسْلانَ [4]  ތިޔަބައިމީހުންގެ ތެރެއިން މީހަކު ނިދައިފިނަމަ ޝައިޠާނާ އޭނާގެ ކަނދުރާމަތީގައި އޮންނަ ބޮލު އިސްތަށިގަނޑުގައި ތިން ގޮށް ޖަހާނެތެވެ. މިއިން ކޮންމެ ގޮށެއް ޖަހަމުން ބުނާނެތެވެ. ތިބާއަށް ދިގު ރޭގަނޑެއް ހުށްޓެވެ. ފަހެ ތިބާ ނިދާށެވެ! ދެން އޭނާ ހޭލައި ﷲގެ މަތިން ހަނދުމަކޮށްފިނަމަ އޭގެތެރެއިން އެއްގޮށް މޮހިގެން ހިނގައިދާނެތެވެ. ދެން އޭނާ ތެދުވެ ވުޟޫ ކޮށްފިނަމަ އަނެއް ގޮށް މޮހިގެން ހިގައިދާނެތެވެ. ދެން އޭނާ ނަމާދުކޮށްފިނަމަ އަނެއް ގޮށް މޮހިގެން ހިނގައިދާނެތެވެ. އަދި އޭނާގެ  މިޒާޖު ރަނގަޅުވެ ހީވާގިވެދާނެތެވެ. އެހެންނޫނީ އޭނާގެ މިޒާޖު ނުބައިވެ ކަންނެތް ވެދާނެތެވެ. )) އެއީ ޝައިޠާނާގެ ވަސްވާސްތަކުން ޖެހޭ ގޮށްތަކެކެވެ. އެ ގޮށްތައް ފުނިފުންޏަށް ޖެހިއްޖެނަމަ އެ މީހަކު ކަންނެތްކަމުގެ ހުރަގެއަށް ލެވި ފަސާދައިގެ ދުނިޔެއަކަށް ވެއްޓި ދާނެތެވެ. ރަސޫލާގެ ބަސްފުޅުގައި ހިއްމަތާއި ހީވާގިކަމުން ދުރަށްލައި މި  ވަބާއަކީ ޝައިޠާނާގެ ވަސްވާހުގެ އަސަރެއް ކަމަށް ސިފަކުރައްވައިފައި ވެއެވެ.

އެހެންކަމުން ކަންނެތްކަމަކީ މުއުމިނަކާ އެކަށިގެންވާ ސިފައެއް ނޫނެވެ. ﷲއާ ބައްދަލުކޮށް އާޚިރަތް ދުވަސް ކީމިޔާބު ކުރަން މަސައްކަތް ކުރާ މީހާ ﷲއަށް ކިޔަމަންގަތުމުގައި ކަންނެތް ނުވާނެތެވެ. މާތްﷲ ސިފަކުރައްވާގޮތުގައި ކަންނެތްކަމަކީ މުނާފިޤުންގެ ސިފައެކެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ ވަޙީ ކުރެއްވިއެވެ.  (( وَإِذَا قَامُوٓا۟ إِلَى ٱلصَّلَوٰةِ قَامُوا۟ كُسَالَىٰ يُرَآءُونَ ٱلنَّاسَ وَلَا يَذْكُرُونَ ٱللَّـهَ إِلَّا قَلِيلًا [5]  އަދި، އެއުރެން (މުނާފިޤުން) ނަމާދަށް ތެދުވާއިރު، މީސްތަކުންނަށް ކަންދައްކަމުން ކަންނެތްވެ ތިބެ ތެދުވެތެވެ. އަދި، ވަރަށް މަދުންމެނުވީ، އެއުރެން اللَّه ހަނދުމައެއް ނުކުރެތެވެ. ))

މިއާ ޚިލާފަށް ތެދުވެރި މުއުމިނުން ނަމާދަށް ތެދުވާނީ ހީވާގިކަމާއި ހިއްމަތްތެރިކަމާއެކުގައެވެ. ތަހައްޖުދު ނަމާދަށާއި ފަތިސް ނަމާދަށް ތެދުވާމީހުން ސިފަކުރައްވައިފައި ވަނީ އެއީ އެއުރެންގެ އަރިކަށިތައް ތަންމައްޗާ  ފޭކުރާ މީހުން ކަމުގައެވެ.  މާތްﷲ ވަޙީ ކުރެއްވިއެވެ. (( تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ [6]  އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް ބިރުވެތިކަމާއި އުންމީދާއެކު دعاء ކުރާ حال، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށް ދެއްވި ތަކެތީން، އެއުރެން ހޭދަކުރެތެވ. ))

އިމާމު ބުޚާރީއާއި މުސްލިމު ރިވާކުރެއްވި ޙަދީސެއްގައިވެއެވެ. އިރުއަރަންދެން ނިދާފައި އޮންނަ މީހެއްގެ ވާހަކަ ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމް އަށް ދެންނެވުމުން ޙަދީސް ކުރެއްވިއެވެ. (( ذَاكَ رَجُلٌ بَالَ الشَّيْطَانُ فِي أُذُنِهِ – އެއީ އޭނާގެ ކަންފަތަށް ޝައިޠާނާ ހީސްލައިފައިވާ މީހެކެވެ. ))

(ނުނިމޭ)

[1]  -  سنن أبى داود

[2]  - مسند الصحابة للكتب الستة

[3]  -  الجمعة : 10

[4]  - متفق عليه

[5]  - النساء : 142

[6]  - السجدة : 100

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.