ލޭނު މަސްވެރިކަމާ ބެހޭ އާ ޤަވާއިދެއް އެކުލަވާލައްވައި ދިވެހި މަސްވެރިންނަށް އެމަސްވެރިކަން ނުވަތަ ލޯބޮޑު ކަންނެލީގެ މަސްވެރިކަން ހުޅުވާލެއްވުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ. ފިޝަރީޒް މިނިސްޓަރ މިކަން ހާމަކުރައްވައިފައިވަނީ ބޭރުގެ ބޯޓްފަހަރު ދިވެހި ކަނޑުތަކުގައި މަސް ވެރިކަންކުރުން ހުއްޓުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ޤަރާރުގެ ބަހުސް އަޑުއެއްސެވުމަށް ވަޑައިގެންނެވުމުން ރިޔާސަތުން ދެއްވި ފުރުޞަތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޒަހާ ވިދާޅުޅީ ލޯބޮޑު ކަންނެލީގެ މަސްވެރިކަން ދިވެހި މަސްވެރިންނަށް ހުޅުވާލައްވާނީ ވަކި މިންގަނޑުތަކަކަށް ބަނދެފައިވާ އުޅަނދުފަހަރުގައި އެމަސްވެރިކަން ކުރުމަށެވެ.
ލޭނު މަސްވެރިކަމަށް ދޫކޮށްފައިވާ ހުއްދަ އަލުން އާކޮށްނުދެއްވީ އަމަސްވެރިކަމުގައި ހިނގާ ޤާނޫނާއި ޤަވާޢިދާ ޚިލާފު ކަންތައްތަކުގެ ސަބަބުން އެއްވެސް މަސްވެރިކަމެއް އިސްތިސްނާ ކުރުމެއް ނެތި ރާއްޖާގެ މަހާއި މަސްވެރިކަމުގެ ބާވަތްތައް ޔޫރަޕަށް އެތެރެކުރުން ހުއްޓާލާނެ ކަމުގެ އިންޒާރު ދެއްވައިފައި ވާތީކަމަށް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.
"އީޔޫގެ މެރިޓައިމް އެފެއާޒް އެންޑް ފިޝަރީޒް ވަފުދުން މިއަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް ކުރެއްވި ޒިޔާރަތެއްގައި ވެސް ލޭނު މަސްވެރިކަމުގައި، ހިނގަމުންދާ ޤާނޫނާ ޤަވާޢިދާ ޚިލާފުކަންތަތައް ފާހަގަކޮށް އެކަންތައްތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައިފައިވޭ، އަދި މީގެ ތެރެއިން ބައެއް އުޅަނދު ފަހަރުގެ އަސްލު މަންފާ ލިބެމުންދާ ފަރާތްތަކަކީ ފަރުދާގެ ފުރަގަހުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންކަމަށް ތުޙުމަތު ކުރައްވައިފައިވޭ." ޒަހާ ވިދާޅުވިއެވެ.
ލޭންމަސްވެރިކަމުގައި ހުރި މައްސަލަތައް ދެނެގަތުމަށް މަސައްކަތްތަކެއްކުރައްވައި ފަންނީ ފެންވަރުގައި މަޝްވަރާތަކެއް ކުރެވިފައިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެކަންކަމުން އެމަސްވެރިކަމުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެއްވިފައިވާކަމަށް މިނިސްޓަރ ވިދާޅވިއެވެ. ލޭނު މަސްވެރިކަމަށް ސަރުކާރުން ހުށޅުވާލެއްވި އިރު ތަޞައްވަރު ކުރެއްވުނު ގޮތަށް ލޯބޮޑު ކަންނެލީގެ އިތުރުން ގިނަ ޢަދަދަކަށަ ރީނދޫ އުރަހަ ކަންނެލިވެސް ނަގާކަން ފާހަގަ ކުރެވިވފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ކަނޑުމަތީގައި އެއް އުޅަނދުން އަނެއް އުޅަނދަށް މަސް ބަދަލުކުރުމުގައި ޙަރަކާތްތެރިވެފައިވާކަމަށާއި ފޯސްލޭބަރ އާއި ހިޔުމަންޓްރެފިކިންގެ ޢަލާމާތްތައް ފެންނަން ހުރިކަމަށް އޭނާ ވިދާޅުވިއެވެ.
ލޭން މަސްވެރިކަމަކީ ބިދޭސީން ގެންގުޅުމުގެ ހުއްދަ ޤާނޫނީގޮތުން ހަމައެކަނި ދީފައިވާ މަސްވެރިކަމެވެ. އެ މަސްވެރިކަމުގައި 90 އިންސައްތަ ބިދޭސީ ފަޅުވެރިން ގެންގުޅުމުގެ ހުއްދަ ދެއްވައިފައިވާއިރު އެވްރެޖްކޮށް 9 ބިދޭސީން ކޮންމެ އުޅަނދެއްގައި މަސައްކަތް ކުރަމުންދާއިރު، ކޮންމެ އުޅަނދެއްގައި ވެސް މަސައްކަތް ކުރަމުންދަނީ އެންމެ ދިވެއްސެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ފަސް ކުންފުންޏެއްގެ 28 އުޅަނދެއް ލޭނުގެ މަސްވެރިކަމުގައި ހަރަކާތެރި ވެފައިވެއެވެ.
ސަރުކާރު މިހާރު ފަރުމާ ކުރައްވައިފައިވާ މަސްވެކަމުގެ ޤާނޫނުގެ ބިލަކީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދޭނެ އަދި އެސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ހިތައް ތަޞައްލީ ލިބޭގޮތަށް ފަރުމާ ކުރެވިފައިވާ ބިލެއް ކަމަށް ވެސް މިނިސްޓަރ ޒަހާ ފާހަގަކުރެއްވިއެވެ.