
ފަޤީރުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީއޮފް އިސްލާމިކް އެފެއާޒުން ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން މިފުރުސަތު ހުޅުވާލީ މިހިނގާ 1440 ވަނަ އަހަރު ފިތުރު ޒަކާތް ބެހުމަށް އެކުލަވާލެވުނު ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައި ނުވާ ގިނަ ފަރާތްތަކުން އެ މިނިސްޓްރީއަށް ޝަކުވާ ހުށަހަޅަމުންދާތީ އެވެ.
މިހާރު އެކުލަވާލެވިފައިވާ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި އޮންނާނީ މިހިނގާ ޖުލަމަހު 15 އިން 17 ގެ ނިޔަލަށެވެ.
އޭގެ އިތުރަށް މިއަހަރުގެ އެޕްރީލް 2 އިން 28 އަށް ހުޅުވާލެވުނު ފުރުސަތުގައި ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިނުވާ ފަރާތްތަކަށް އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ވެސް މާދަމާ ހުޅުވާލާނެއެވެ. އެ ފުރުސަތު އޮންނާނީ ޖުލައި 15 އިން އޯގަސްޓް 1 ވަނަދުވަހުގެ 13:00 ގެ ނިޔަލަށް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މި ފުރުސަތަކީ މިހާރު ލިސްޓުގައި ރަޖިސްޓްރީ ވެފައި ނުވާ ފަރާތްތަކަށް ހުޅުވާލެވޭ ފުރުސަތަކަށްވާތީ މިއަހަރު ފިތުރު ޒަކާތް ބެހުމަށް އެކުލަވާލެވުނު ލިސްޓުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން މިފަހަރު ފޯމު ހުށަހަޅާކަށް ނުޖެހޭނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.