ސޯމާލިޔާގައި ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 26 އަށް

އައްޝަބާބު ޖަމާއަތުން ދިން ކިސްމާޔޫގެ ހޮޓަލަކަށް ދިން ހަމަލާއަށް ފަހު އެ ސަރަހައްދަށް މީހުން އެއްވެފައި

ސޯމާލިޔާގެ ކިސްމާޔޫގައި ހުންނަ މަދީނާ ހޮޓަލަށް އައްޝަބާބު ޖަމާއަތުގެ ހަނގުރާމަވެރިން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 26 އަށް އަރައިފިއެވެ. ފުރަތަމަ ރިޕޯޓުތައް ލިބުނު އިރު މަރުވި މީހުންގެ އަދަދު 10 ކަމަށް ބުނި ނަމަވެސް، އިތުރު ބަޔަކު މަރުވެފައިވާކަން ޔަގީންކުރެވުނީ އެތައް ގަޑިއިރަކަށް ހޮޓަލް ހިސާރުކޮށްގެން ތިބި ހަނގުރާމަވެރިން އެތަނުން ބޭރުކުރުމަށް ފަހުއެވެ.

މަރުވިމީހުންގެ ތެރޭގައި އިނގިރެސިއަކާއި، ކެނެޑާ މީހެއްގެ އިތުރަށް އެމެރިކާ، ޓެންޒޭނިޔާ އަދި ކެންޔާ މީހުން ހިމެނެއެވެ. ކިސްމާޔޫ އޮންނަ ސަރަހައްދު ޖޫބާލޭންޑްގައި ބާއްވަން ހަމަޖެހިފައި އޮތް ލޯކަލް އިންތިޚާބުގައި އެ ސަރަހައްދުގެ ރައީސުކަމަށް ވާދަކުރާ ކެންޑިޑޭޓަކުވެސް ހިމެނޭކަމަށް އެ ސަރައްދުގެ މިހާރުގެ ރައީސު އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ހަނގުރާމަވެރިންގެ 4 މީހަކުވެސް ވަނީ މަރާލެވިފައެވެ.

ސޯމާލިއަށް އުފަން ކެނެޑާގެ ނޫސްވެރިޔާ ހުދާން ނަލާޔާއާއި އޭނާގެ ފިރިމީހާވެސް މަރުވި މީހުންގެ ތެރޭގައި ހިމެނެއެވެ.

ޖޫބާލޭންޑްގެ ކަމުވޮށިގެންވާ މީހަކު ކަމުގައިވާ އަޙްމަދު ޢަބްދުﷲ ބުނިގޮތުގައި ހަނގުރާމަވެރިންނާ އެކު ހިނގި ކުރިމަތިލުން ނިމި ތަން އަމާންކުރެވުނީ ހެނދު 7 ޖެހިއިރު (މާލޭ ގަޑިން ހެނދުނު 9 ޖެހިއިރު) އެވެ.

ގިނަ މަސްދަރުތަކަކުން ޚަބަރުދޭ ގޮތުގައި ހަމަލާދިން އިރު ހޮޓަލުގައި ގިނައިން ތިބީ އެ ސަރަހައްދުގައި އަންނަ އޮގަސްޓު މަހު ބާއްވާ ލޯކަލް އިންތިޚާބާ ބެހޭ މަޝްވަރާތަކަކަށް އައިސްތިބި ސިޔާސީ މީހުންނެވެ. ދެން ވިޔަފާރިވެރިންނެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.